އައްމަޓީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު ފަށަނީ

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައިކޯޓުގެ އަޑުއެހުމެއްގައި ކުރިން ބައިވެރިވަނީ: --

ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް ހަވާލުކުރުމުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ހަވާލުކޮށްފައިނުވާ މައްސަލައިގައި، އަޙުމަދު މޫސާގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ 42 ދައުވާއެއް ކްރިމިނަލް ކޯޓުން ސާބިތުވެފައެއް ނުވެއެވެ. ދަށު ކޯޓުން ނިންމާފައިވަނީ އެއީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކުރިއަށްގެންދަންޖެހޭ މައްސަލަތަކެއް ކަމަށެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން، އޭނާ ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

  • ސީލައިފް ފްލެޓް މައްސަލައިގައި އަޙުމަދު މޫސާގެ މައްޗަށް އުފުލި 42 ދައުވާ ކްރިމިނަލް ކޯޓުން ސާބިތެއް ނުވި.
  • ކްރިމިނަލް ކޯޓުން ނިންމީ މިއީ މަދަނީ ނިޒާމުން ކުރިއަށްގެންދަންޖެހޭ މައްސަލައެއް ކަމަށް.
  • ދައުލަތުން މައްސަލަ އިސްތިއުނާފުކުރުމާއެކު ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި.
  • އިސްތިއުނާފީ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ފެށުމަށް ވަނީ ތާވަލުކުރެވިފައި.
  • ފިލައިގެން އުޅެނިކޮށް ސްރީލަންކާއިން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ 2021 ވަނަ އަހަރު.

ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މިއަދު ހައިކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން ކުރި އެވެ.

އެކަމަކު، އެއިން އެންމެ ދައުވާއެއްވެސް ކްރިމިނަލް ކޯޓުގައި އައްމަޓީ މައްޗަކަށް ސާބިތެއް ނުވިއެވެ.

އައްމަޓީގެ މައްޗަށް އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިފަހުން ހުކުމްކުރީ އެ ދައުވާތަކަކީ މަދަނީ ކަމަކާ ގުޅޭ ކަމެއް ކަމަށްވާތީ އެކަމަށް ފިޔަވަޅު އަޅަން ޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް ބުނެ ކަމަށެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމާއެކު، ހައިކޯޓުންވަނީ އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ރާއްޖޭން ފުރުން މަނާކޮށްފައެވެ. ހައިކޯޓުގައި އެ މައްސަލަ މިއަދު ފަށަން އޮތީ ތާވަލުކޮށްފައެވެ.

މި މައްސަލާގައި އައްމަޓީ ހޯދަނިކޮށް, ރާއްޖެ ނައިސް ކުރިން އޭނާ ރާއްޖޭން ބޭރުގައި އުޅުނެވެ. ރާއްޖެއިން ބޭރުގައި އުޅެނިކޮށް ސްރީ ލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައީ 2021 ވަނަ އަހަރު އެވެ. އަދި އެ މައްސަލާގައި ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ފަހުން ހުރީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް