ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ފަށައިފި

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ފެށުމައް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.... ފޮޓޯ/ އެކްސް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ލޭޒާ ޓެކްނޮލޮޖީގެ އެހީގައި ފަރުވާދިނުމުގެ އައު ޚިދުމަތްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާގެ ސީއީއޯ ފާހަގަކުރެއްވިއެވެ. މިގޮތުން ޖެނެރަލް ސާޖަރީ ޓީމުން މިހާރު ލޭޒާ ބޭނުންކޮށްގެން 4 ވައްތަރެއްގެ އޮޕެރޭޝަނެއް ކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ބޮޑެތި ކެފުންތަކަކާ ނުލައި ފަރުވާދެވުމުގެ ނަތީޖާއަކީ، ބަލިމީހާއަށް އަޅާ ވޭން ކުޑަވެ، ވަރަށް އަވަހަށް ރަނގަޅުވުމެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މުއްދަތު ކުރުވެ، ޖަރާސީމު އަށަގަތުމުގެ ފުރުސަތު ވެސް ކުޑަވެގެންދެއެވެ.

  • ފައިގެ ލޭނާރު ގޮށްޖެހުމަށް ފަރުވާދޭ އީވީއެލްޓީ އޮޕެރޭޝަން ތަޢާރަފުކުރުން.
  • ފުރަގަސްފަރާތުގެ ބަލިތަކަށް ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ ފަރުވާ ދިނުން.
  • އެނަލް ފިސްޓުލާއަށް ފިލަކް (ފިސްޓުލާ ޓްރަކްޓް ލޭޒާ ކްލޯސާ) އޮޕެރޭޝަން ކުރުން.
  • ޕައިލޯނީޑަލް ސައިނަސްއަށް ސިލަކް (ސައިނަސް ލޭޒާ ކްލޯޒާ) އޮޕެރޭޝަން ފެށުން.
  • އޮޕެރޭޝަނަށްފަހު އިންފެކްޓްވުމުގެ ނުރައްކާ ކުޑަވެ، ބަލިމީހާ އަވަހަށް ފަސޭހަވުން.

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައިފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ފެށުމައް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....

އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި ޑިޕާޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަންތަކުގެ ތެރެއިން ހަތަރު ވައްތަރެއްގެ އޮޕެރޭޝަނެއް އިއްޔެއިން ފެށިގެން ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް މިހާރު ވަނީ ގާއިމްކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އެންޑޯވީނަސް ލޭޒާ ޓްރީޓްމެންޓް (އީވީއެލްޓީ) އާއި، ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ކުރާ ލޭޒާ ހެމޮރޮއިޑޯޕްލާސްޓީއެވެ.

މީގެ އިތުރުން ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ ފިސްޓުލާ ޓްރަކްޓް ލޭޒާ ކްލޯސާ (ފިލަކް) އާއި ޕައިލޯނީޑަލް ސައިނަސް އަށް ކުރާ ސައިނަސް ލޭޒާ ކްލޯޒާ (ސިލަކް) އޮޕަރޭޝަން ވެސް މި ޚިދުމަތުގެ ތެރެއިން ކުރިއަށްދާނެއެވެ.

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ފެށުމައް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....

މި އައު ޚިދުމަތާއެކު ބަލިމީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި "ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވުމާއި، ތަދުވުން ކުޑަވެ ބަލިމީހާ ވަރަށް އަވަހަށް ފަސޭހަވުން" ހިމެނެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޓްވުމުގެ ފުރުސަތު ނިސްބަތުން ކުޑަވެގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ އަދި ކުރިއަރާފައިވާ ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަށް ޓަކައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ޚިދުމަތް ތަޢާރަފުކުރުމުގައި ސާޖަރީ ޓީމުންނާއި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ މުވައްޒަފުންގެ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ފެށުމައް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން....

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ސިއްހީ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސް، ރައްޔިތުންނަށް އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ފަރާތުން ހާމަކުރެއެވެ.

comment ކޮމެންޓް