ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ބަލި ޖެހިގެން 100 މީހުން މަރުވެފައިވާއިރު، ބަލިޖެހިފައިވާ ކަމަށް ޝައްކުވާ 390 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެފްރިކާ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނެފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ އެބޯލާ ފެތުރޭތީ ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިހާރު ފެންނަ އެބޯލާގެ ބާވަތަކީ ބުންޑިބުގިއޯ ވައިރަސްގެ ސަބަބުން ޖެހޭ ބާވަތެކެވެ. އެ ވައިރަހަށް ފާސްކޮށްފައިވާ ބޭހެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައެއްނުވެެއެވެ.
ކޮންގޯގެ އިތުރުން ޔޫގަންޑާގައި ވެސް އެބޯލާ ޖެހިފައިވާ ދެ މީހުން ތިބިއިރު، ބަލި ޖެހިގެން އެކަކު މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެއެވެ.
ސީބީއެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮންގޯގައި އެބޯލާ ފެތުރެމުން އަންނައިރު، އެމެރިކާގެ ހަ މީހަކު ވެސް އެ ވައިރަަހަށް ހުށަހެޅިފައިވެއެވެ. އޭގެ ތެެރެއިން އެކަަކުގެ ހަށިގަނޑުން އަލާމާތްތައް ފެނިފައިވާ ކަމަށް ބެލެވޭއިރު، އިތުރު ތިން މީހަކު ހައި ރިސްކް ކޮންޓެކްޓެއް ނުވަތަ ބައްޔަށް ހުށަހެޅިފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހަކަށް ބަލި ޖެހިފައިވާކަން ސާފު ނުވާ ކަަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ބަލީގެ ސީދާ އަސަރު ކޮށްފައިވާ އެމެރިކާގެ ބަޔަކު ރައްކާތެރިކަމާ އެކު އަނބުރާ ގައުމަށް ގެންދިއުމަށް މަސައްކަތްކުރާ ކަމަށް ސީޑީސީން ބުނި ނަމަވެސް އެއީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއްނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ ސަރުކާރުން ދަނީ ކޮންގޯގައި ތިބި އެމެރިކާ މީހުން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ. އަދި، އެ މީހުން ގެންދަން ހަމަޖެހިފައިވަނީ ޖަރުމަނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ކަމަށް ބެލެވޭ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ޕަބްލިކް ހެލްތު އެޖެންސީން އިއްޔެ ނެރުނު އަޕްޑޭޓެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާއަށް ކުރިމަތިވާ ނުރައްކާ ނިސްބަތުން ކުޑައެވެ. ނަމަވެސް، އެ ގައުމަށް ބަލި އެތެރެވުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެއެވެ.
މީގެ ތެރޭގައި ބަލި އުޅޭ ސަރަހައްދުތަކުން އަންނަ ދަތުރުވެރިން މޮނިޓާކޮށް، އެމެރިކާ ނޫން ޕާސްޕޯޓް ހޯލްޑަރުންނަށް ފާއިތުވި 21 ދުވަހު ޔޫގަންޑާ، ކޮންގޯ ނުވަތަ ދެކުނު ސޫދާނަށް ގޮސްފައިވާނަމަ އެތެރެވުމަށް ހުރަސް އެޅުން ހިމެނެއެވެ.
އެބޯލާ ބަލި ޖެހުމުން ވަރަށް ގަދައަށް ހުން އައިސް، ބަލީގައި އެންމެ ހާލު ބޮޑުވާއިރު، ހަށިގަނޑުން ލޭ ފޭބުމުގެ މައްސަލަ ކުރިމަތިވެއެވެ. އެބޯލާ އެންމެ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވަނީ، ބަލި ޖެހިފައިވާ މީހާގެ ލޭގެ ޒަރީއާއިންނާއި، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި އަދި ކުޅާއި ޖިންސީ ދިޔައިގެ ޒަރީއާއިންނެވެ.
އެބޯލާ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުންނަކީ، އެބަލި ޖެހިފައިވާ މީހުންނާ އެކުގައި ދިރިއުޅޭ މީހުންނާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅޭ ސިއްޙީ ހިދުމަތްތެރިންނެވެ.