ކޮންގޯއިން އެބޯލާ ޖެހުނު ފަސް މީހުން ބަލިން ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ކޮންގޯއިން އެބޯލާ ޖެހިގެން މިހާތަނަށް ގާތްގަޑަކަށް 250 މީހުން މަރުވެފައިވާ ކަމަށް ޝައްކު ކުރެވެއެވެ. އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ބަލި ޖެހިފައިވާ މީހުން ވެސް ބަލިން ރަނގަޅުވެދާނެ ކަމަށާއި، ބަލި ޖެހިފައިވާކަން ގަބޫލު ކުރެވޭނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް އޮފިޝަލުން އިލްތިމާސްކުރެއެވެ.
ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި އިޓޫރީ ޕްރޮވިންސްގެ ވެރިރަށް ބުނިއާގެ ހަތަރު ނަރުހުން ހިމެނެއެެވެ. އެމީހުން ހޮސްޕިޓަލުން ދޫކޮށްލުމުން ވަނީ އުފާ ފާޅުކުރުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.
"ތިއީ މި ބަލި ފެތުރުން ހުއްޓުވޭނެ ކަމުގެ ހެކި،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ބުނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ މީހުންނަށް ވިދާޅުވިއެވެ.
ކޮންގޯއިން އެބޯލާ ޖެހުނު މީހުންގެ ތެރެއިން އެންމެ ފުރަތަމަ ބަލިން ރަނގަޅުވީ ހޮސްޕިޓަލެއްގެ ލެބޯޓްރީގައި މަސައްކަތްކުރާ މީހެކެވެ. އެމީހާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ މިދިޔަ ހަފްތާއެވެ.
އެބޯލާ ފެތުރެމުންދާއިރު ސިއްޙީ ޙިދުމަތްތެރިންނަކީ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް އެންމެ ކުރީގައިތިބޭ މީހުންނެވެ.
"އެހެން މީހުންނަށް ހިދުމަތް ކުރަމުން ދަނިކޮށް އެބޯލާގެ ސަބަބުން މިހާރު މަރުވެފައިވާ ސިއްހީ ހިދުމަތްތެރިން ފެނުމުން ދެރަވޭ. މިއީ ޕްރޮފެޝަނާ އެކު އަންނަ ނުރައްކަލެއް. ނަމަވެސް ބަލިން ރަނގަޅުވެ އަނެއްކާވެސް ޚިދުމަތަށް ނުކުތުމަކީ ކޮށްދެވޭ ވަރަށް ބޮޑު ކަމެއް،" ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޓެޑްރޯސް ވިދާޅުވިއެވެ.
ރައްޔިތުން ސިއްޙީ ޚިދުމަތްތެރިންނާއެކު މަސައްކަތް ކުރުމަށް ޓެޑްރޯސް ވަނީ ގޮވާލައްވާފައެވެ. އަދި ބަލި ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އާއިލާއަށް ހަވާލު ނުކުރާނެ ކަމަށާއި އެއީ އެކަމަށް ކަނޑައަޅާފައި އޮތް ގަވާއިދު ކަމަށްވެސް ޓެޑްރޯ ވިދާޅުވިއެވެ.
މިހާރު ކޮންގޯގައި އެބޯލާއަށް ޝައްކު ކުރެވޭ 1،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، ގާތްގަޑަކަށް 246 މީހުން ވަނީ މަރުވެފައެވެ. އަވަށްޓެރި ޔޫގަންޑާއިން އެބޯލާއަށް ނުވަ މީހަކު ޕޮޒިޓިވްވެ އެކަކު ވަނީ މަރުވެފައެވެ.
ނަމަވެސް ބަލި ފެތުރެމުންދާ ބައެއް ސަރަހައްދުތަކުގައި އެ ބައްޔަކީ އާދައިގެ ބައްޔެއްގެ ގޮތުގައި ބަލައި ސްކޫލްތަކާއި މާރުކޭޓްތައް ވެސް ހުޅުވާފައި ހުންނަ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
މިހާރު ފެތުރެމުންދާ އެބޯލާގެ ވައްތަރަކީ ބުންޑިބުގްޔާ ވައިރަސް އިން ޖެހޭ ވައްތަރެކެވެ. އެ ބައްޔަށް މިހާތަނަށް ވެކްސިނެއް ހޯދިފައިނުވާއިރު، ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮންގޯގެ އިޓޫރީ، ނޯތު އަދި ސައުތު ކިވޫ ޕްރޮވިންސްތަކުގައާއި ޔޫގަންޑާގެ ވެރިރަށް ކަމްޕާލާގައި ވެސް ކޭސްތައް ގިނައިރު، އެފްރިކާއިން ބޭރުގައި ވެސް މީހުން ވަނީ ޓެސްޓުކޮށްފައެވެ.
ބްރެޒިލްގެ ސައީ ޕައުލޯ ސްޓޭޓޫން އެބޯލާއަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.
އެބޯލާ ބަލި ޖެހުމުން ވަރަށް ގަދައަށް ހުން އައިސް، ބަލީގައި އެންމެ ހާލު ބޮޑުވާއިރު، ހަށިގަނޑުން ލޭ ފޭބުމުގެ މައްސަލަ ކުރިމަތިވެއެވެ. އެބޯލާ އެންމެ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވަނީ، ބަލި ޖެހިފައިވާ މީހާގެ ލޭގެ ޒަރީއާއިންނާއި، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި އަދި ކުޅާއި ޖިންސީ ދިޔައިގެ ޒަރީއާއިންނެވެ.
އެބޯލާ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުންނަކީ، އެބަލި ޖެހިފައިވާ މީހުންނާ އެކުގައި ދިރިއުޅޭ މީހުންނާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅޭ ސިއްޙީ ހިދުމަތްތެރިންނެވެ.