ލޯނާއި ދަރަނީގެ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބާކީ 1.3 މިލިއަން ރުފިޔާ ދައްކަން އެބަ ހުރި ކަމަށާއި މިދިޔަ ހަ މަހުގެ ތެރޭގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް އެ މަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.
މިއަދު އެ މަނިކުފާނު ވަނީ، ވެރިކަމާ ހަވާލުވީ ފަހުން ފުރަތަމަ ފަހަރަށް މާލީ ބަޔާން ހާމަކުރައްވައިފައެވެ.
އެ ބަޔާނުން އެނގޭ ގޮތުގައި، މިދިޔަ ހަ މަސްތެރޭ ރައީސަށް ވަނީ، ޖުމުލަ 327،024 ރުފިޔާ ލިބިފައެވެ. އެއީ، މުސާރައިގެ ގޮތުގައި ލިބުނު 285،024 ރުފިޔާއާއި ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯހައުސްގެ ކުލިން ލިބުނު 240،000 ރުފިޔާގެ އިތުރަށް މ. ފިގްއިން ލިބުނު 180،000 ރުފިޔާ އެ މަނިކުފާނަށް ލިބިވަޑައިގަތެވެ.
އޭގެތެރެއިން، މ. ފިގް އިން ލިބުނު ފައިސާއަކީ، އާއިލާގެ ފަރާތުން ހަދިޔާކުރި ފައިސާކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއެވެ.

ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް
މާލީ ބަޔާނުގައި ވަނީ، ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތަފުސީލުތައް ވެސް ހާމަކޮށްފައެވެ. މިގޮތުން، އެ މަނިކުފާނުގެ މިލްކިއްޔާތުގައި ތިން ބިމަކާއި ހުޅުމާލޭގެ ރޯހައުސަކާއި ކާރެއް އޮވެއެވެ. އޭގެތެރެއިން، މ. ފިގްއިން ލިބިފައި ވަނީ، ހިބައިން ދީފައިވާ ބައެއް ކަަމަށް ވާއިރު، މ. ދިމްޔާތަކީ ވާރުތަވެފައިވާ ބިމެކެވެ. އަދި، އެ މަނިކުފާނުގެ އުފަން ރަށް ހއ. ވަށަފަރުގައި ވެސް ބިމެއް އޮވެއެވެ.
އެ މުދާތަކުގެ އަގުތައް:
- ހުޅުމާލެ އެމްބާ ޓެރަސް ޓޫ [ރޯހައުސް]: 5،919،500 ރުފިޔާ
- ދިމްޔާތު، ހއ. ވަށަފަރު: 150،000 ރުފިޔާ
- ކާރު: 260،000 ރުފިޔާ
ރައީސްގެ މާލީ ބަޔާނުން ހާމަވާ ގޮތުގައި، މިއަދާ ހަމައަށް ރައީސްގެ ބީއެމްއެލް ދިވެހި ރުފިޔާ ކަރަންޓު އެކައުންޓުގައި ހުރީ، 184،845.52 ރުފިޔާއެވެ. އެއާއެކު، އެމަނިކުފާނުގެ ބީއެމްއެލް ސޭވިން އެކައުންޓުގައި ދިވެހި ރުފިޔާގެ ގޮތުގައި، މިއަދާ ހަމައަށް 1.7 މިލިއަން އެބަހުއްޓެވެ. އަދި، އިސްލާމިކް ބޭންކް ސޭވިން އެކައުންޓުގައި މިއަދާ ހަމައަށް 1،000 ރުފިޔާ އެބަހުއްޓެވެ.
މީގެ އިތުރުން، އެ މަނިކުފާނު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ލޯނުގެ ގޮތުގައި، 1.3 މިލިއަން ރުފިޔާ ބާކީ ދައްކަން އެބަ އޮތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން، މިދިޔަ ހަ މަހުން ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބޭ އެލަވަންސްގެ ގޮތުގައި، 199،99.98 ރުފިޔާ ލިބިފައިވެއެވެ. އަދި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ކޮންސަލްޓަންޓުގެ މުސާރައަށް ހަ މަހުން 4،927 ރުފިޔާ ލިބުނުއިރު، ދިމްޔާތު ޕްރައިވެޓް ލިމިޓެޑް އިން 78،000 ރުފިޔާ މިދިޔަ ހަ މަހުން ލިބިފައިވެއެވެ.
މިއަދު ރައީސްގެ މާލީ ބަޔާން ހާމަކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މާލީ ބަޔާންތައް އައީ ހާމަކުރަމުންނެވެ. ނަމަވެސް، މިއީ ރައީސް މުއިއްޒު މާލީ ބަޔާން ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.