ޣައްޒާއަށް އެހީ ހިފައިގެންދާ "ގްލޯބަލް ސުމޫދު ފްލޮޓިލާ"ގެ ބޯޓުތައް، އިސްރާއީލުން ކަނޑުފޭރިގެންފި

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދާ ބޯޓުތަކަށް ޔަހޫދީ ސިފައިން އަރައިގަނެ ކަނޑުފޭރުމުގެ އަމަލުތައް ހިންގަނީ

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހުގެ އެހީ ފޯރުކޮށްދިނުމަށް ތުރުކީން ފުރައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ބޯޓުތައް އިސްރާއީލުން ވަނީ ކަނޑުފޭރިފައެވެ. ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން މި އުޅަނދުތައް ހުއްޓުވައި، އިސްރާއީލުގެ ސިފައިން ވަނީ އޭގެ ތެރެއަށް އަރައިގަނެ ފަޅުވެރިންގެ ތެރެއިން 100 މީހަކު ހައްޔަރުކޮށްފައެވެ. އަދި އުޅަނދުތަކުގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކޮށް، އޭގައި ހުރި އެހީގެ ތަކެއްޗަށް ގެއްލުންދީ ކަނޑަށް އުކާލާފައިވާކަމަށް އެ ހަރަކާތުގެ ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ. ސްޕެއިންގައި މައި މަރުކަޒު ގާއިމުކޮށްފައިވާ މި ބައިނަލްއަގްވާމީ ހަރަކާތުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މިއީ މަސައްކަތްކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ކުރި ތިން ދަތުރުގައިވެސް އިސްރާއީލުން ވަނީ މިފަދައިން އަމަލުކޮށް، އެހީގެ ތަކެތި ނައްތާލައި ފަޅުވެރިން ޖަލަށްލާފައެވެ. މިފަހަރުގެ ހާދިސާ ހިނގާފައިވަނީ ސައިފްރަސްއާ ކައިރި ސަރަހައްދެއްގައި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

  • "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ބޯޓުތައް އިސްރާއީލު ސިފައިން ވަނީ ކަނޑުފޭރިފައި.
  • ބޯޓުތަކަށް އަރައިގަނެ 100 ފަޅުވެރިން ވަނީ ހައްޔަރުކޮށްފައި.
  • ޣައްޒާއަށް ގެންދިޔަ ކާބޯތަކެއްޗާއި ބޭހަށް ގެއްލުންދީ ކަނޑަށް ވަނީ އުކާލާފައި.
  • މިއީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މި ހަރަކާތުން ކުރި ހަތަރުވަނަ މަސައްކަތް.
  • މި އުޅަނދުތައް ދަތުރުފެށީ ތުރުކީގެ މަރުމަރާ ސިޓީން.

މެޑިޓަރޭނިޔަން ކަނޑު (18 މެއި 2026): އިސްރާއީލުން ހިސޯރުކޮށް ހާލުގައި ޖައްސާފައިވާ ޣައްޒާގެ އާންމުންނަށް އިންސާނީ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ އުޅަނދުތަކާ ދެކޮޅަށް އިސްރާއީލުން ކަނޑުފޭރުމުގެ އަމަލުތަކެއް ހިންގައިފިއެވެ.

"ސުމޫދު ފްލޮޓިލާ" ގެ ފަރާތުން ވާހަކަ ދެއްކެވި ތަރުޖަމާނަކު ވިދާޅުވީ އިސްރާއީލު ސިފައިން އެ ފްލީޓްގެ ބޯޓުތައް މެޑިޓަރޭނިޔަން ކަނޑުގެ ބައިނަލްއަގްވާމީ ސަރަހައްދުގައި ދަތުރުކުރަނިކޮށް އިސްރާއީލުގެ ސިފައިން އެ ބޯޓުތައް ހުއްޓުވައި، އެ ބޯޓުތަކަށް އަރައިގަނެ، އޭގައިވާ ފަޅުވެރިންގެ ތެރެއިން 100 މީހުން ހައްޔަރުކޮށްފައިވާ ކަމުގައެވެ. އަދި އެ ފްލީޓްގެ އުޅަނދުތައް ޣައްޒާއަށް ދިޔުން މަނާކޮށް އެހީގެ ތަކެއްޗަށް ގެއްލުންދީ ބައެއް ތަކެތި ކަނޑަށް އުކާލައި، އެ ފްލީޓްގެ ދަތުރުގެ މިސްރާބު ބަދަލުކުރުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އިސްރާއީލުގެ މީޑިއާ ބުނާ ގޮތުން ޔަހޫދީ ސިފައިން "ސުމޫދު ފްލޮޓިލާ" ގެ ބޯޓުތަކަށް އަރައިގަނެ އެ ބޯޓުތަކުގެ ފަޅުވެރިންގެ ތެރެއިން 100 މީހަކު ހައްޔަރުކުރީ އެ ބޯޓުތައް ސައިފްރަސްއާ ކައިރިވަމުން ދަނިކޮށެވެ.

"ގްލޯބަލް ސުމޫދު ފްލޮޓިލާ" އަކީ ޣައްޒާގައި އިސްރާއީލުން ބަނޑަށް ޖައްސާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ގުޅިގެން ދުނިޔޭގެ ފެންވަރުގައި ފެށި ދެމެހެއްޓެނިވި ހަރަކާތެކެވެ.

މި ހަރަކާތުގައި ދުނިޔޭގެ އެތަށް ގައުމަކުން އެތަށް ސަތޭކަ ވޮލަންޓިއަރުން ބައިވެރިވެއެވެ. މި ހަރަކާތުގެ މައި މަރުކަޒަކީ ސްޕެއިންއެވެ.

ޣައްޒާގައި އިސްރާއީލު ހާލުގައި ޖައްސާފައިވާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށްޓަކައި "ސުމޫދު ފްލޮޓިއްލާ" ގެ ތިން ފްލީޓެއް ޣައްޒާއަށް ދިޔުމަށްޓަކައި މީގެ ކުރިން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްރާއީލު ވަނީ މި ތިން ފްލީޓުގެ ބޯޓުތަކަށް ހަމަލާދީ ކަނޑުފޭރުމުގެ އަމަލުތައް ހިންގައި އޭގެ ފަޅުވެރިން ހައްޔަރުކޮށް ޖަލަށްލައި އޭގައިހުރި ބޭހާއި ކާބޯތަކެތި ކަނޑަށް ފައްތާފައެވެ.

މިއީ "ސުމޫދު ފްލޮޓިއްލާ" ގެ ބޯޓުތައް ޣައްޒާއަށް ދާން މަސައްކަތްކުރާ ހަތަރު ވަނަ ފަހަރެވެ. މިފަހަރު އެފްލީޓްގެ ބޯޓުތައް ފުރާފައިވަނީ ތުރުކީގެ މަރުމަރާ (މާމަރިސް) ސިޓީން ނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު