އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އީރާނުގެ ގައުމީ ޓީމުގެ ކޯޗު އާމިރު ގަލެނޮއީ އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުން އެ ޓީމުގެ އެންމެ މުހިންމު ފޯވާޑް ސަރުދާރު އަޒްމޫން ބާކީކުރުމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ،.
ސިޔާސީ އަދި ހާރިޖީ ބޮޑެތި ނުތަނަވަސްކަމެއްގެ ތެރޭގައި އީރާނުން މުބާރާތަށް ތައްޔާރުވަމުންދާއިރު، ގައުމީ ޓީމަށް ކުޅުނު 91 މެޗުން 57 ލަނޑު ޖަހައިދީފައިވާ އަޒްމޫން ސްކޮޑުން އުނިކުރި ސީދާ ސަބަބެއް ކޯޗު ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިން ބަޔާން ލެވަކޫސަން އަދި ރޯމާއަށް ކުޅުނު މި ފޯވާޑް ސްކޮޑުން އުނިކުރީ އަނިޔާގެ ސަބަބުންނެވެ.
ޔޫއޭއީގެ ޝަބާބް އަލް އަހްލީއަށް ކުޅެމުންދާ އަޒްމޫން މިދިޔަ މާރިޗު މަހުވެސް ގައުމީ ޓީމުން ބާކީކުރި އެވެ. އޭރު އެގައުމުގެ މީޑިއާތަކުން ބުނެފައިވަނީ އޭނާ ޓީމުން ބާކީކުރީ ސަރުކާރަށް ވަފާތެރިނުވުމުގެ އަމަލެއް ހިންގުމުން ކަމަށެވެ.
އެގޮތުން، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކެއްގައި އެގައުމުގެ ސުޕްރީމް ލީޑަރު އަޔާތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ވަނީ ޔޫއޭއީއަށް ރޮކެޓާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކަށްފަހު އަޒްމޫން ވަނީ ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ގަތަރު ވޯލްޑް ކަޕުގައި ކުޅުނު އިރާނުގެ ޓީމު--
މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އަންނަ ޖޫން 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިވުމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
މިދިޔަ އެޕްރީލް މަހު ވެންކޫވަރުގައި ބޭއްވުނު ފީފާ ކޮންގްރެސްއަށް ވަޑައިގަތުމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ކެނެޑާއަށް އެތެރެވާން އުޅުމުން، އޭނާއަށް ވަނީ ވިސާ ނުދީ ހިފަހައްޓާފައެވެ. އެއީ އޭނާގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ އޮންނަ ގުޅުމުގެ ސަބަބުންނެވެ.
މުބާރާތް ކޯ ހޯސްޓްކުރާ އެމެރިކާ އާއި ކެނެޑާއިން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެ ޖަމާއަތާ ގުޅުންހުރި އެއްވެސް މީހަކަށް އެގައުމުތަކަށް އެތެރެނުވެވޭނެކަން ވަނީ ސާފުކޮށްދީފައެވެ.
މި ސަބަބުތަކާހުރެ އީރާނުގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް އެގައުމުން އެދުނު ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް ކަމަށެވެ.
އެހެންކަމުން، އީރާނުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.
އެގޮތުން ޖޫން 15 ގައި ނިއުޒިލޭންޑާ ދެކޮޅަށް އަދި ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ލޮސް އެންޖެލިސްގައި ކުޅުމަށްފަހު، އޭގެ ފަސް ދުވަސް ފަހުން ސިއެޓަލްގައި މިސްރާ ދެކޮޅަށް އީރާނުން ނުކުންނާނެ އެވެ.
އީރާނުގެ 30 ކުޅުންތެރިންގެ ސްކޮޑު
އަންނަ ހަފުތާގައި ތުރުކީއަށް ގޮސް މުބާރާތުގެ ތައްޔާރީތައް ކުރިއަށްގެންދިއުމުގެ ކުރިން އީރާނުން އިއުލާންކުރި 30 ކުޅުންތެރިންގެ ސްކޮޑުގައި ތަޖުރިބާކާރު ފޯވާޑް މެހްދީ ތަރޭމީ (އޮލިމްޕިއާކޯސް) އާއި ބްރައިޓަންގެ ކުރީގެ ވިންގާ އަލީރެޒާ ޖަހާންބަކްޝް ވަނީ ހިމަނާފަ އެވެ.
- ގޯލްކީޕަރުން: އަލީރެޒާ ބޭރަންވަންދު، ސައްޔިދު ހުސެއިން ހުސެއިނީ، މުހައްމަދު ޚަލީފާ، ޕަޔާމް ނިއާޒްމަންދު.
- ޑިފެންޑަރުން: ދާނިއަލް އީރީ، އިހްސާން ހާޖްސަފީ، ސާލިހް ހަރްދާނީ، ހުސެއިން ކަންއާނީ، ޝޮޖާ ޚަލީލްޒާދޭ، މިލާދު މުހައްމަދީ، އަލީ ނެމާތީ، އޮމީދު ނޫރަފްކަން، ރާމިން ރެޒާޔާން.
- މިޑްފީލްޑަރުން: ރޫޒްބޭ ޗެޝްމީ، ސައީދު އިއްޒަތުﷲ ހީ، މެހްދީ ގާއިދީ، ސަމާން ގޮއްދޫސް، މުހައްމަދު ގުރުބާނީ، އަލީރެޒާ ޖަހާންބަކްޝް، މުހައްމަދު މުހައްބީ، އާމިރު މުހައްމަދު ރައްޒާގީނިއާ، މެހްދީ ތޮރާބީ، އާރިއާ ޔޫސުފީ.
- ފޯވާޑުން: އަލީ އަލީޕޫރު، ޑެނިސް ދަރްގާހީ، ހާދީ ހަބީބީނެޖާދު، އާމިރުހުސެއިން ހުސެއިންޒާދޭ، އާމިރުހުސެއިން މަހްމޫދީ، ކަސްރާ ތާހިރީ، މެހްދީ ތަރޭމީ.