އަކްޝޭގެ އިތުރު ކޮމެޑީ ފިލްމެއް ޑިސެމްބަރު މަހު

ޑައިރެކްޓަރު އަނީސް ބަޒްމީ، ވިދްޔާ ބާލަން އަދި އަކްޝޭ ކުމާރު--ފޮޓޯ/އެންޑީޓީވީ

އަކްޝޭ ކުމާރާއި ވިދްޔާ ބާލަން ލީޑު ރޯލުން ފެނިގެންދާ، ޑައިރެކްޓަރު އަނީސް ބަޒްމީގެ އާ ކޮމެޑީ ފިލްމު މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް އަންނާނެކަން ވަނީ އިއުލާނުކޮށްފައެވެ. އަކްޝޭގެ އެންމެ ފަހުގެ ކޮމެޑީ ފިލްމު "ބޫތް ބަންގްލާ" އަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާއިރު، އަންނަ މަހުގެ 26 ވަނަ ދުވަހު ޑައިރެކްޓަރު އަހްމަދު ޚާންގެ "ވެލް ކަމް ޓު ދަ ޖަންގަލް" ވެސް ރިލީޒްކުރާނެއެވެ. ލޮލުގެ ޚާއްސަ އޮޕަރޭޝަނަކަށްފަހު އަކްޝޭ ފިލްމީ މަސައްކަތްތަކުން ކުރު ޗުއްޓީއެއް ނަގާފައިވީ ނަމަވެސް، ކުރިއަށް އޮތް ފިލްމުގެ ޕްރޮމޯޝަންތަކުން އޭނާ ފެންނާނެކަމަށް ވަނީ ލަފާކުރެވިފައެވެ.

  • އަނީސް ބަޒްމީ ޑައިރެކްޓުކުރާ އާ ކޮމެޑީ ފިލްމު ޑިސެމްބަރުގައި ރިލީޒްކުރުން.
  • ފިލްމުގެ ލީޑު ރޯލުތަކުން އަކްޝޭ ކުމާރާއި ވިދްޔާ ބާލަން ފެނިގެންދިޔުން.
  • އަންނަ މަހު "ވެލް ކަމް ޓު ދަ ޖަންގަލް" ރިލީޒްކުރުމަށް ހަމަޖެހިފައިވުން.
  • ލޮލުގެ އޮޕަރޭޝަނަކަށްފަހު އަކްޝޭ ކުމާރު އަރާމުކުރަމުން ދިޔުން.

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އިތުރު ކޮމެޑީ ފިލްމެއް މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމަކީ އަކްޝޭ އާއި ބަތަލާ ވިދްޔާ ބާލަން ދާދިފަހުން ޝޫޓިންގް ނިންމާލިކަން އިއުލާނުކުރި ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމެކެވެ.

އަކްޝޭގެ އެންމެފަހުން ރިލީޒްވި ކޮމެޑީ ފިލްމު "ބޫތް ބަންގްލާ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނައިރު އެކްޓަރުގެ އިތުރު ކޮމެޑީ ފިލްމެއް މި އަންނަ މަހު ވެސް ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ. އެއީ ޑައިރެކްޓަރު އަހްމަދު ޚާންގެ ފިލްމު "ވެލް ކަމް ޓު ދަ ޖަންގަލް"އެވެ.

އަނީސްއާ އެކު އަކްޝޭ އިތުރު ފިލްމެއްގައި މަސައްކަތް ކުރަމުން އަންނައިރު މީގެކުރިންވެސް ދެ މީހުން އެކީގައި ވަނީ މަސައްކަތްކޮށްފައެވެ. އެއީ ވިދިޔާ ބާލަން މުހިއްމު ރޯލެއް ކުޅުނު ފިލްމު "ބޫލް ބުލައްޔާ"އެވެ. މީގެއތުރުން "ވެލްކަމް"، "ސިންގް އިޒް ބްލިންގް" އަދި "ތޭންކް ޔޫ"އަކީ އަނީސްއާ އެކު އަކްޝޭ މަސައްކަތްކުރި މަގުބޫލު ފިލްމުތަކެވެ.

ޑައިރެކްޓަރު އަނީސް ބަޒްމީގެ އާ ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ރާޝީ ކަންނާ އަދި ވިދްޔާ ބާލަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ އެންމެ އަވަދިނެތި މަސައްކަތްކުރާ އެކްޓަރުންގެތެރޭ ހިމެނޭ އަކްޝޭގެ ދެ ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެކަން ކަށަވަރުވެފައިވާއިރު ދާދިފަހުން ލޮލުގެ ހާއްސަ އޮޕަރޭޝަނެއް ކުރުމަށްފަހު އަކްޝޭ ވަނީ ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަކަށް "ބްރޭކެއް" ނަގާފައެވެ.

އަކްޝޭ އެނބުރި ފިލްމީ މަސައްކަތްތަކާ ގުޅޭނެ ތާރީޚެއް ކަށަވަރުނުވާއިރު ބެލެވޭ ގޮތުގައި އަންނަ މަހުގެ 26ގައި ރިލީޒްކުރާ "ވެލް ކަމް ޓު ދަ ޖަންގަލް"ގެ ޕްރޮމޯޝަންތަކުން އެކްޓަރު ފެންނާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް