އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އަދި ކުރީގެ އެކްޓަރު ސީ ޖޯސެފް ވިޖޭގެ ޕޮލިޓިކަލް ޑްރާމާ "ޖާނަ ނަޔަގަން" ރިލީޒްކުރީތާ ދެ ދުވަސްތެރޭ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ވިޖޭގެ ފިލްމަށް ދެ ދުވަސްތެރޭ އިންޑިއާއިން އެކަނިވެސް 21.15 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެގޮތުން ހަމައެކަނި އިންޑިއާއިން މިހާތަނަށް ލިބުނު އާމްދަނީގެ އަދަދު 75 ކްރޯޑު ރުޕީސްއަށް އަރާފައިވާއިރު، މިދިޔަ ހުކުރު ދުވަހާ ހަމައަށް ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީގެ އަދަދު 10 ކްރޯޑު ރުޕީސްއަށް ވަނީ އަރާފައެވެ.
ފިލްމު "ޖާނާ ނާޔަގަން" އަކީ ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ވިޖޭ ސިޔާސީ ދާއިރާއަށް ރަސްމީކޮށް ނިކުތުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދިން އެކްޓަރުގެ އެންމެފަހު ފިލްމެވެ.

"ޖާނާ ނާޔަގަން"ގެ ލީޑް އެކްޓަރު ވިޖޭ އަދި ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ކަމަށްވާ ޕޫޖާ ހެގްޅޭ އަދި މަމީތާ ބައިޖޫ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ވިޖޭގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް އަދި ބަތަލާ ޕޫޖާ ހެގްޅޭ މުހިއްމު ރޯލްތައް ކުޅެފައިވާ "ޖާނާ ނާޔަގަން" ބެލުންތެރިންނަށް ގެނެސްދީފައި މިވަނީ، އިންޑިއާގެ ސެންޓްރަލް ބޯޑު އޮފް ފިލްމް ސެޓިފިކޭޝަންއިން ފިލްމު ފާސްކޮށްދިނުން ހަ މަސް ވަންދެން ލަސް ކުރުމަށްފަހު ފިލްމު ސެންސަރު ބޯޑުން ދޫކުރިތާ މާގިނަ ދުވަސް ނުވަނީހެވެ.
މި ފިލްމު ރިލީޒްކުރުމުގެ ކުރިން ފިލްމުގެ ބައެއް މަންޒަރުތައް އޮންލައިންކޮށް ލީކުވެފައިވާތީ ފިލްމަށް އާއްމުންގެ ތަރުހީބު މާބޮޑަށް ނުލިބޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ފިލްމުގެ ޓިކެޓު ވިއްކާލަން ހުޅުވާލުމާ އެކު ކުޑަ ވަގުތުކޮޅެއްގެތެރޭ ފިލްމުގެ ޓިކެޓުތައް ވަނީ ވިކި ހުސްވެފައެވެ.
މި ފިލްމަކީ ވިޖޭ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނެ އެންމެފަހު ފިލްމު ކަމަށްވުމުން ބޮޑު ސްކްރީނުން އެންމެފަހު ފަހަރަށް ވިޖޭ ބަލާލުމަށް އެތައްހާސް ބަޔަކު ޝައުގުވެރިވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.