އީ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލިތާ ހަފުތާއެއް: "ލިބޭނެ ދުވަހެއް އަދި ނޭނގޭ"

ދިވެހި ޕާސްޕޯޓެއް: އީ ޕާސްޕޯޓު ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި --- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ދިވެހިރާއްޖޭގެ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރާ ބުކްލެޓް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ ޕާސްޕޯޓު ދޫކުރުން ވަނީ މެދުކަނޑާލާފައެވެ. މިއާއެކު ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތައް ޙައްލުކުރުމުގެ ގޮތުން މިހާރު ދޫކުރަމުން ގެންދަނީ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ.

  • އީ ޕާސްޕޯޓު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވަނީ ބުކްލެޓް ސްޓޮކް ހުސްވުމުގެ ސަބަބުންނެވެ.
  • އަލުން އީ ޕާސްޕޯޓު ދޫކުރަން ފެށޭނެ ދުވަހެއް އިމިގްރޭޝަނަކަށް އަދި ނޭނގެއެވެ.
  • މިހާރު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ދޫކުރަނީ ހަސަތޭކަ ރުފިޔާގެ ފީއެއް ނަގާ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ.
  • އާންމު އީ ޕާސްޕޯޓެއް ދޫކުރަމުން އައީ އެއްހާސް ރުފިޔާގެ ފީއަކަށެވެ.
  • ބުކްލެޓް ގެނައުމުގެ މަސައްކަތް އަވަސްކުރުމަށް އިމިގްރޭޝަނުން ފިޔަވަޅުތައް އެޅުން.
  • ދަތުރުވެރިން ކުރިއާލައި ނޮން އިލެކްޓްރޯނިކް ޕާސްޕޯޓަށް އެދި ހުށަހެޅުން.
  • ޕާސްޕޯޓު ލިބޭނެ ދުވަހަކާ ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.

ދިވެހި 'އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު' (އީ- ޕާސްޕޯޓު) ދޫކުރުން މެދުކަނޑާލިތާ އިއްޔެ ހަފުތާއެއް ވީއިރު، އަދި ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު އެ ބާވަތުގެ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލީ، ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެންނެވެ.

އެހެންވެ، މި ވަގުތަށް އީ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލާފައިވާއިރު، އޭގެ ފަހުން އިއްޔެއަށް މިވަނީ ހަފުތާއެއް ވެފައެވެ. އެ ބާވަތުގެ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް މިހާރު ދޫކުރާނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ.

'ސަން'އިން ސުވާލުކުރުމުން އިމިގްރޭޝަން މިއަދު ބުނީ، އަދިވެސް އީ ޕާސްޕޯޓު ނުލިބޭ ކަމަށާއި އެ ޕާސްޕޯޓު ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ.

https://sun.mv/221722

އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ދޫކުރަން 1,000 ރުފިޔާ ނަގައެވެ. އަދި، މިހާރު ދޫކުރަން ނިންމާފައިވާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.

ރާއްޖޭން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރާއިރު، މި ބަދަލުގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް