ޑޭވިޑް ގޯޑަން ގްރީންގެ އާ ފިލްމު "ސުޕަރމެކްސް"ގައި، ދުނިޔޭގެ އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ޖަލެއްގެ ތެރޭގައި ހިނގާ މަރުގެ ހާދިސާއެއް ތަހުގީގުކުރާ އެފްބީއައި އެޖެންޓެއްގެ ރޯލަށް ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ވިލް ސްމިތު ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި އެކްޝަން-ތުރިލާގެ މައިގަނޑު ރޯލްއިން ވިލް ފެންނާނެއިރު، ފިލްމުގައި އޭނާ އަދާކުރާނީ ޖަލެއްގެ ތެރޭގައި ހިނގާ ކުށެއް ތަހުގީގުކުރާ އިސް އިންވެސްޓިގޭޓަރެއްގެ ރޯލެވެ. މި ފިލްމުގެ އަންހެން ލީޑް ރޯލުތައް ކުޅޭނެ ފަންނާނުން އަދި މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.
މި ފިލްމުގެ ރައިޓްސް އެމެޒޯންގެ އެމްޖީއެމް ސްޓޫޑިއޯއިން 70 މިލިއަން ޑޮލަރަށް ގަނެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމު ސިނަމާތަކުގައި ދެއްކުމުގެ ބަދަލުގައި ރިލީޒްކުރާނީ ސީދާ ސްޓްރީމިންގް ޕްލެޓްފޯމްތަކަށެވެ.

ވިލް ސްމިތް އަދި ޑައިރެކްޓަރު ޑޭވިޑް ގޯޑަން ގްރީން--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ
"ދަ އެކްސޯސިސްޓް: ބިލީވާ" އަދި "ހެލޮވީން" ފަދަ މަޝްހޫރު ފިލްމުތައް އުފެއްދި ޑޭވިޑް ގޯޑަން ގްރީން ޑައިރެކްޓްކުރާ މި ފިލްމުގެ ކޮޕީ ރައިޓްސް، މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި އެހެން ކުންފުނިތަކަށް ހުށަހެޅުމުގެ ކުރިން އެމެޒޯންއިން ވަނީ ގަނެފައެވެ.
މީގެ ހަތަރު އަހަރުކުރިން ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި ކްރިސް ރޮކްގެ ކޮލުގައި ޖެހި ހާދިސާއާ ގުޅިގެން ވިލް ސުމިތުގެ ފިލްމީ ކެރިއަރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އެ ހާދިސާގެ ސަބަބުން 10 އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ އޮސްކާ އެވޯޑްސްއިން ސަސްޕެންޑްކުރެވުނެވެ. އިއްތިފާގުން އެ ހާދިސާ ހިނގީ "ކިންގް ރިޗަޑް" ފިލްމުގައި އޭނާ ދެއްކި މޮޅު ހުނަރަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނު ރޭގައެވެ.
އެ ހާދިސާއަށް ފަހު ވިލްގެ ބައެއް މަޝްރޫއުތައް މަޑުޖެހުނު ނަމަވެސް، މިހާރު އަނެއްކާވެސް ވިލް ދަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.
އެގޮތުން 2024 ވަނަ އަހަރު ނުކުތް "ބޭޑް ބޯއީސް: ރައިޑް އޯ ޑައި"އިން ވިލް ފެނުނުއިރު، "ސުޕަރމެކްސް" އަކީ ކުޅަދާނަ އެކްޓަރު ސޮއިކުރި އެންމެ ފަހުގެ ފިލްމެވެ.
މީގެ އިތުރުން "ބެލް އެއާ" ސީރީޒްއިންނާއި ނޭޝަނަލް ޖިއޮގްރަފިކްގެ "ޕޯލް ޓު ޕޯލް" ޑޮކިއުމެންޓްރީއިން ވެސް ވިލް ފަހަކަށް އައިސް ވަނީ ފެނިފައެވެ.
ވިލް "ސުޕަރމެކްސް"ގެ ނަމުގައި އުފައްދާ ފިލްމަށް ތައްޔާރުވަމުން އަންނައިރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ރަސްމީ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.