ޔުގެންޑާއާއި ކޮންގޯގައި އެބޯލާ ފެތުރޭތީ ޑަބްލިޔުއެޗްއޯއިން ކުއްލި ހާލަތު އިއުލާނުކޮށްފި

ޔުގަންޑާއާއި ކޮންގޯގައި އެބޯލާ ފެތުރޭތީ ޑަބްލިޔުއެޗްއޯ އިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި. ފޮޓޯ/ރޮއިޓާސް

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) އަދި ޔުގެންޑާގައި ބުންޑިބުގިއޯ ވައިރަސްގެ ސަބަބުން ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ބަލީގައި ޑީއާރްސީގެ އިޓޫރީ ޕްރޮވިންސުން މިހާތަނަށް 80 މީހުން މަރުވެފައިވާއިރު، ބަލިޖެހިފައިވާ މީހުންގެ އަދަދު ރިޕޯޓުކުރެވިފައިވާ މިންވަރަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް އެ ޖަމިއްޔާއިން ލަފާކުރެއެވެ. މީގެ އިތުރުން، މި ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައި ނުވުމަކީ، ބަލި ކޮންޓްރޯލްކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

  • ޑީއާރްސީ އަދި ޔުގެންޑާގައި ފެތުރެމުންދަނީ އެބޯލާގެ ބުންޑިބުގިއޯ ވައިރަސްއެވެ.
  • އިޓޫރީ ޕްރޮވިންސުން 80 މީހުން މަރުވެ، 246 ޝައްކުކުރެވޭ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ވައިރަހަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް އަދި ވެކްސިނެއް މިހާތަނަށް ފާސްކޮށްފައެއް ނުވެއެވެ.
  • ޔުގެންޑާގެ ވެރިރަށް ކަމްޕާލާއިންވެސް ކޭސްތަކެއް ފެނި، އަވައްޓެރި ގައުމުތަކަށް ބަލި ފެތުރުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
  • ބަލިމީހުންނާ އެކުގައި އުޅޭ މީހުންނާއި ސިއްޙީ ހިދުމަތްތެރިންނަށް މި ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ(ޑިއާރްސީ) އާއި ޔުގެންޑާގައި އެބޯލާ ފެތުރޭތީ އެއީ ބައިނަލްއަގްވާމީ ކަންބޮޑުވުންތަކެއް ހުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިއުލާނުކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ބުންޑިބުގިއޯ ވައިރަސްގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމަކީ ސިއްޙީ ކުއްލި ހާލަތުގެ މިންގަނޑުތަކަށް ނުފެތޭ ބަލިމަޑުކަމެއް ނަމަވެސް ޑީއާރުސީއާ ބޯޑަރުތައް ހިއްސާކުރާ ގައުމުތަކަށް އިތުރަށް ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް ބުނެފައެވެ.

އދ ގެ ހެލްތު އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ޑީއާރުސީގެ އިޓޫރީ ޕްރޮވިންސްގެ ތިން ސިއްހީ ޒޯނެއްގައި އެ ބަލި ޖެހިގެން 80 މީހަކު މަރުވެފައިވާ ކަމަށް ބެލެވޭއިރު، ލެބޯޓްރީން ކަށަވަރުވެފައިވާ އަށް ކޭސް އަދި 246 ޝައްކު ކުރެވޭ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޑީއާރްސީގެ ސިއްޙަތާބެހޭ ވުޒާާރާއިން ⁠ހުކުރު ދުވަހު ބުނެފައިވާ ގޮތުގައި އެބޯލާ ޖެހިގެން 80 މީީހުން މަރުވެފައި ވަނީ އިރުމަތީ ޕްރޮވިންސުންނެވެ.

ފުރަތަމަ ސާމްޕަލްތަކުގެ ޕޮޒިޓިވިޓީ ރޭޓް މަތިވުމާއި، ޝައްކުކުރެވޭ ކޭސްތައް ރިޕޯޓްކުރާ އަދަދު އިތުރުވުމުން، މިހާރު ފާހަގަކުރެވި ރިޕޯޓްކުރާ މިންވަރަށްވުރެ މާ ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެބޯލާ ޒައިރޭ ސްޓްރޭންސްތަކާ ހިލާފަށް ބުންޑިބުގިއޯ ވައިރަސްއަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިންތަކެއް ފާސްކޮށްފައި ނުވާތީ މި ބަލި ފެތުރިފައިވަނީ "އާދަޔާ ހިލާފު" ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ޑީއާރުސީ-ޔޫގަންޑާގެ ބަލިމަޑުކަމަކީ އެހެން ގައުމުތަކަށް އާންމު ސިއްހަތަށް ނުރައްކާވާ ކަމެއް ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ފެތުރިފައިވާ މިފަދަ ބައެއް މައްސަލަތަކުގެ ލިޔެކިޔުންތަކެއް މިހާރުވެސް ހުރި ކަމަށް އެ އިދާރާއިން ބުނެއެވެ.

ޔުގެންޑާގެ ވެރިރަށް ކަމްޕާލާއަށް ޑީއާރުސީން ދަތުރުކުރި ދެ މީހުންނަށްވެސް އެ ބަލި ޖެހިފައިވާ ކަމަށާއި އޭގެތެރެއިން އެކަކު މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ.

އެބޯލާ ރޯގާ ޖެހުމުން ވަރަށް ގަދައަށް ހުން އައިސް، ބަލީގައި އެންމެ ހާލު ބޮޑުވާއިރު، ހަށިގަނޑުން ލޭ ފޭބުމުގެ މައްސަލަ ކުރިމަތިވެ އެވެ. އެބޯލާ އެންމެ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަގުލުވަނީ، ބަލި ޖެހިފައިވާ މީހާގެ ލޭގެ ޒަރީއާއިންނާއި، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި އަދި ކުޅާއި ޖިންސީ ދިޔައިގެ ޒަރީއާއިންނެވެ.

އެބޯލާ ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑު މީހުންނަކީ، އެބަލި ޖެހިފައިވާ މީހުންނާ އެކުގައި ދިރިއުޅޭ މީހުންނާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އުޅޭ ސިއްޙީ ހިދުމަތްތެރިންނެވެ.

comment ކޮމެންޓް