ރައީސްގެ ތައުޒިޔާ، އިޓަލީގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް: "4 ފަތުރުވެރިން ހޯދަން އިސްކަން ދެން"

ފަތުރުވެރިން ހޯދާ އޮޕަރޭޝަންގެ ކަންކަން ރައީސް ބައްލަވައިލައްވަނީ: ރައީސްގެ ތައުޒިޔާ، އިޓަލީގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ވަނީ ފޮނުއްވާފައި -- ފޮޓޯ/ ޕީއެސްއެމް

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން އުޅެނިކޮށް އިޓަލީގެ ފަސް ފަތުރުވެރިއަކު ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޓަލީގެ ރައީސަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު 60 މީޓަރު އަޑީގައިވާ ހޮހަޅައަކުން ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. ގެއްލުނު މީހުންނަކީ އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އިލްމީ ޓީމެއް ކަމަށް މައުލޫމާތު ލިބެއެވެ.

  • ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން އުޅެނިކޮށް އިޓަލީގެ 5 ފަތުރުވެރިއަކު ގެއްލުން.
  • އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު 60 މީޓަރު އަޑީގައިވާ ހޮހަޅައަކުން ފެނިއްޖެ.
  • ބާކީ ތިބި 4 މީހުން ހޯދުމަށް އެމްއެންޑީއެފުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި.
  • މި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އިޓަލީ ސަރުކާރަށް ތައުޒިޔާ ދަންނަވާފައި.

ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

އިއްޔެ ގެއްލުނު އެ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެކެވެ. އެ މީހާ ފެނިފައި ވަނީ މަރުވެފައި އޮއްވައެވެ. ބާކީ ހަތަރު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން ވަނީ ފުޅާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.

އެ ހާދިސާއާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ވ. އަތޮޅުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވައިފައެވެ. އަދި އެ ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ގެއްލިފައިވާ ބާކީ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަމެވެ. އަދި މިހާރު އެމްއެންޑީއެފުން ކުރިއަށް ގެންދާ ފުޅާ ރެސްކިއު އޮޕަރޭޝަނުގައި އިޓަލީ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވ. އަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާ ގޮތް ރައީސް ވަނީ މިއަދު ބައްލަވާލައްވައިފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ގެއްލިގެން އުޅޭ ފަސް މީހުންނަކީ ވެސް އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. މި މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:45 ހާއިރުއެވެ. ފުލުހުން ކުރިން އެމީހުން ފެނިފައިވާ ކަމަށް ބުނި ނަމަވެސް، ފަހުން ވަނީ އެއީ މައުލޫމާތު އޮޅުމަކުން ބުނެވުނު ވާހަކައެއް ކަމަށް ވިދާޅުވެ، އެކަން ސާފުކޮށްދެއްވާފައެވެ.

މި މީހުން ޑައިވްކުރަން ގޮސްފައިވަނީ ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ މަޝްހޫރު ޑައިވިން ސަރަހައްދަކަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ އިރުއޮއްވި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއް ނުވަތަ ހޮހަޅައެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ލަފާކުރައްވާ ގޮތުގައި ބާކީ ތިބި ހަތަރު މީހުން ވެސް ތިބީ 200 ފޫޓު ދިގު އެ ހޮހަޅައިގެ ތެރޭގައެވެ. ފެނުނު ހަށިގަނޑު މިހާރު ވަނީ ވ. އަތޮޅު ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

https://sun.mv/222029

އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ލެކްޗަރާ މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. އުމުރުން 51 އަހަރުގެ މޮނިކާއަކީ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ މަޝްހޫރު ޕްރޮފެސަރެކެވެ. އޭނާ ރާއްޖެއަށް އައީ އެ ޔުނިވާސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ އުމުރުން 31 އަހަރުގެ މުރިއަލް އޮޑެނީނޯއާ އެކު ދިރާސާ މަޝްރޫއެއްގެ މަސައްކަތުގައެވެ. ނަމަވެސް، އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި މިއަދު މި މީހުން ޑައިވް ކުރަން ދިޔައީ އެ ދިރާސާގެ މަސައްކަތަކަށް ނޫނެވެ. މީގެ އިތުރުން މޮނިކާގެ 23 އަހަރުގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމަކާލް ވެސް މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ދެން ހިމެނެނީ އުމުރުން 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީއެވެ. އޭނާއަކީ މިދިޔަ މާރިޗު މަހު މެރިން ބަޔޮލޮޖީ އެންޑް އިކޮލޮޖީން ދަސްވެނިވި ދަރިވަރެކެވެ. ފެޑެރިކޯގެ ތީސީސް ހާއްސަކޮށްފައިވަނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގެ ފަރުތަކުގެ ދިރުންތަކާ ގުޅޭގޮތުންނެވެ. އޭނާގެ ތީސީސްގައި ޕްރޮފެސަރު މޮނިކާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވާ ކަމަށް ވެސް ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި، މޮނިކާއަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރުދީ، މަގުދެއްކި އެންމެ ގާތް އެހީތެރިޔާއެވެ. މި މީހުންގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީ ވެސް މި ހާދިސާގައި ގެއްލިފައިވެއެވެ.

comment ކޮމެންޓް