ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފިއެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ މިހާރު ރާއްޖެއަށް އަންނަނީ ކުރަމުންނެވެ. މިއަދު ހެނދުނުން ފެށިގެން މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، އެކި ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
އެހެންވެ، މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ --- ފޮޓޯ/ އެމްއެންޑީއެފް
މި ގޮތުން، ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
ހެނދުނު 08:00 އިން 14:00އާ ހަމައަށް މި ސަމާލު ނެރެފައިވާއިރު، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މިއަދުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މެޓުން ބުނި ގޮތުގައި، ހުރިހާ ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.