މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެވަޓާ: ފަޔަ އެންޑް އޭޝް" އަންނަ މަހު ސްޓްރީމިންއަށް ދޫކޮށްލާނެކަން އިއުލާނުކޮށްފިއެވެ.
ޑިޒްނީޕްލަސްއިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި އަންނަ މަހުގެ 24ގައި ފިލްމު ޑިޒްނީ ޕްލަސްގައި ޕްރީމިއާކުރަން ތައްޔާރުވެފައިވާކަމަށެވެ.
ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިސް "އެވަޓާ"ގެ ތިންވަނަ ބައި ރިލީޒްކުރިތާ ހަފުތާއެއްވީއިރު އެ ފިލްމަށް 500 މިލިއަން ޑޮލަރުގެ އާމްދަނީ ވަނީ ލިބިފައެވެ. ޖުމުލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމު ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ލިބުނު ޖުމުލަ އާމްދަނީގެ އަދަދު 1.490 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ސައިންސް ފިކްޝަން ފިލްމު "އެވަޓާ: ފަޔާ އެންޑް އޭޝް" ފިލްމު އަންނަ މަހު ސްޓްރީމިންއަށް ދޫކޮށްލާއިރު މި ފްރެންޗައިސްގެ އިތުރު ދެ ފިލްމެއް އަދި ކުރިއަށް އެބައޮތެވެ.
ފިލްމު "އެވަޓާ"ގެ ތިން ވަނަ ބައި "އެވަޓާ: ފަޔާ އެންޑް އޭޝް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ދޮށީ ދަރިފުޅު ނެތެޔަމްގެ މަރަށް ފަހު އެ ހިތާމައިގައި އުޅެނިކޮށް ޖޭކް އާއި ނޭތުރީ ޕެންޑޯރާގެ އެހެން ގަބީލާއަކާ އެކު ކުރާ ހަނގުރާމައިގެ މައްޗަށެވެ. އެއީ އެ މީހުންގެ ހަތިޔާރަކަށް އަލިފާން ގެންގުޅޭ ބައެކެވެ. އެހެންވެ, ފިލްމުގެ ނަން ވެސް ގުޅުވާފައި ވަނީ އެ ތީމާ އެއްގޮތަށެވެ.

ފިލްމު "އެވަޓާ: ފަޔާ އެންޑް އޭޝް"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/އެންޑީޓީވީ
މި ފަހަރުގެ ފިލްމުގެ ލީޑު ރޯލްތައް ކުޅެފައިވާ ތަރިންގެތެރޭ ސޭމް ވޯތިންޓަންއާއި ޒޯއީ ސެލްޑާނާ، ސެޓްފަން ލާންގް، އޫނާ ޗަޕްލިން އަދި ކޭޓް ވިންސްލެޓް ހިމެނެއެވެ.
އެމެރިކާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ޖޭމްސް ކެމެރަން 2009 ވަނަ އަހަރު ގެނެސްދިން "އެވަޓާ" އަކީ މިހާތަނަށް ފިލްމީ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނެސްދިން ކާމިޔާބު ފިލްމަކަށް ވަނީ ވެފައެވެ.