ހުއްދައަކާ ނުލައި ދުއާގެ ފޮޓޯ ބޭނުންކުރުމުން ސެމްސަންގް ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާގެ ފޮޓޯއެއް ހުއްދައަކާ ނުލައި ސެމްސަންގް ކުންފުނިން އެމީހުންގެ ޓީވީ އިޝްތިހާރުތަކުގައި ބޭނުންކުރުމާ ގުޅިގެން 15 މިލިއަން ޑޮލަރުގެ ދައުވާއެއް ވަނީ ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގައި ހިމެނެނީ 2024 ވަނަ އަހަރު ނަގާފައިވާ އޭނާގެ އަމިއްލަ ފޮޓޯއެކެވެ. ސެމްސަންގުން މި ފޮޓޯ ބޭނުންކުރުން ހުއްޓާލުމަށް އެންގުމުންވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ދުއާ ލިޕާގެ އާންމު ސޫރައަށާއި ބްރޭންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާގެ ޤާނޫނީ ޓީމުން ފާހަގަކުރެއެވެ.

  • ސެމްސަންގް ކުންފުނިން ދުއާ ލިޕާގެ ފޮޓޯ ހުއްދަނެތި ބޭނުންކުރުން
  • ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކުރުން
  • ފޮޓޯ ބޭނުންކުރުން ހުއްޓާލުމަށް ސެމްސަންގަށް އެންގުމުން އެކަމަށް އިންކާރުކުރުން
  • މިކަމުގެ ސަބަބުން ފަންނާނުގެ ބްރޭންޑަށް ގެއްލުން ލިބިފައިވާކަމަށް ބުނުން

މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާގެ ފޮޓޯތަކެއް ޓީވީ ފޮށިތަކުގައި ހުއްދައަކާ ނުލައި އަދި އެއްވެސް އުޖޫރައަކާ ނުލައި ސެމްސަންގް ކުންފުނިން ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ކުންފުންޏާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅައި 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މި ލަވަކިޔުންތެރިޔާ، އިލެކްޓްރޯނިކްސް ސާމާނު އުފައްދާ ދުނިޔޭގެ ބޮޑު ކުންފުނި، ސެމްސަންގާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ބޮޑު ދައުވާއެއް ހުށަހެޅީ، އޭނާގެ އެއްވެސް ހުއްދައެއް ނެތި އަދި އެއްވެސް އުޖޫރައެއް ދިނުމަކާ ނުލައި ޓީވީ އިޝްތިހާރު ކުރުމަށް އޭނާގެ ފޮޓޯ ބޭނުންކޮށްފައިވާ ކަމަށް ބުނެއެވެ.

ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، ދުއާ ލިޕާއަށް އެނގުމަކާ ނުލައި އަދި އޭނާގެ އެއްވެސް ބަހެއް ނެތި، އާންމުކޮށް ވިއްކާ މުދަލެއްގެ މާކެޓިން ކެމްޕޭނެއްގައި އޭނާގެ ފޮޓޯ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކޮށްފައެވެ.

ދުއާގެ ފޮޓޯތައް ސޭމްސަންގްއިން ބޭނުންކޮށްފައިވާކަން ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމީ ޚަބަރުތައް ގެނެސްދޭ 'ވެރައިޓީ'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަމަށް އޭނާގެ އެއްވެސް ހުއްދައެއް ހޯދާފައި ނުވާ ކަމަށާއި، އަދި އޭނާއަކީ އެ އުފެއްދުންތައް އިޝްތިހާރުކޮށްދޭ ނުވަތަ އެންޑޯޒްކޮށްދޭ މީހެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި، 2025 ވަނަ އަހަރު ފެށުނުތަނާހެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ސެމްސަންގް ޓީވީ ފޮށިތަކާއި އިޝްތިހާރުތަކުގައި ދުއާ ލިޕާގެ ފޮޓޯ ބޭނުންކުރަން ވަނީ ފަށާފައެވެ.

މި މައްސަލައިގައި ހިމެނޭ ފޮޓޯއަކީ 2024 ވަނަ އަހަރު ބޭއްވި "އޮސްޓިން ސިޓީ ލިމިޓްސް ފެސްޓިވަލް"ގެ ބެކްސްޓޭޖުން ނަގާފައިވާ، އޭނާގެ އަމިއްލަ މިލްކުވެރިކަން އޮތް ފޮޓޯއެކެވެ.

ދުއާގެ ފޮޓޯ އިޝްތިހާރުގައި ބޭނުންކުރާކަން އެނގުމުން އެކަން ހުއްޓާލުމަށް ސެމްސަންގް ކުންފުނީގައި އެދުނު ނަމަވެސް، އެ ކުންފުނިން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އެ އެދުމަށް އިންކާރުކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން، ދުއާ ލިޕާ އަކީ އެ ބްރޭންޑާ އެކު ރަސްމީކޮށް މަސައްކަތްކުރާ ނުވަތަ އެ ބްރޭންޑަށް ތާއީދުކުރާ މީހެއް ކަމުގެ ނުބައި ތަޞައްވުރެއް އާންމުންނަށް ލިބިފައިވާ ކަމަށްވެސް އެ ދަޢުވާގައި ފާހަގަކޮށްފައިވެއެވެ.

ދުއާގެ ޤާނޫނީ ޓީމުން ބުނާ ގޮތުގައި، އޭނާއަކީ އޭނާގެ އާންމު ސޫރަ (ޕަބްލިކް އިމޭޖް) ވަރަށް ބޮޑަށް ބަލައިގެން ގެންގުޅޭ އަދި އިޝްތިހާރު ކުރާނެ ބްރޭންޑްތައް ވަރަށް ފަރުވާތެރިކަމާ އެކު ހޮވާ ފަންނާނެކެވެ. އެހެންކަމުން، ހުއްދައަކާ ނުލައި ހިންގި މި ކެމްޕޭނުގެ ސަބަބުން އޭނާގެ ބްރޭންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް