ވޯލްޑް ކަޕް 2026: ފައިނަލް މެޗު، އެންމެ ދިގު މެޗަށްވުން ގާތް

ފީފާ ކުލަބް ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ޓްރަމްޕާއި އިންފަންޓީނޯ--

އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗަކީ، ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ ގިނަ ވަގުތަށް ދެމިގެންދާނެ ފައިނަލް މެޗަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މަޝްހޫރު ސްކައި ސްޕޯޓްސްއިން އާންމުކުރި ހިސާބުތަކުން ދައްކާގޮތުން އާންމުކޮށް 90 މިނެޓަށް ކުޅޭ ފުޓްބޯޅަ މެޗެއް، ވީއޭއާރް ބެލުމަށް ހޭދަވާ ވަގުތާއި، ކޫލިންގ ބްރޭކްތަކުގެ އިތުރުން، މިފަހަރު އަލަށް ތައާރަފްކުރާ ހާފް ޓައިމް މިއުޒިކް ޝޯގެ ސަބަބުން މެޗު ނިމޭނެ ވަގުތެއް ލަފާކުރަން ދައްޗެވެ.

މެޗު އިތުރު ވަގުތާއި ޕެނަލްޓީއަށް ގޮސްފިނަމަ، މިއީ ރެކޯޑް މިންވަރަކަށް ދިގުލައިގެންދާނެ މެޗަކަށް ވާނެއެވެ.

މިފަހަރުގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ މަޑޯނާ، ޝަކީރާ އަދި ބީޓީއެސްގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

މިއީ ފީފާ ގްލޯބަލް ސިޓިޒަން އެޑިއުކޭޝަން ފަންޑަށް އެހީވުމަށް ބާއްވާ ޝޯއެއް ކަމަށް ފީފާއިން ބުނި ނަމަވެސް، މީގެ ސަބަބުން ކުޅުންތެރިންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ޔޫނިއަންތަކުން ދަނީ ދެމުންނެވެ.

ފުޓްބޯޅައިގެ ގަވާއިދު ބުނާގޮތުން މެދުކެނޑުމުގެ ވަގުތަކީ 15 މިނެޓް ކަމަށްވިޔަސް، މިދިޔަ ކްލަބް ވޯލްޑް ކަޕްގައި މި ވަގުތު ވަނީ 24 މިނެޓަށްވުރެ އިތުރުވެފައެވެ. ކުޅުންތެރިން ގިނަ ވަގުތު ކުޅުމާ ދުރުގައި ތިބެންޖެހުމުން މަސްތަކަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މާހިރުން ބުނެއެވެ.

މީގެ އިތުރުން، މި މެޗު ބަލާލުމަށް ބޭނުންވާ ސަޕޯޓަރުންނަށް ޓިކެޓްގެ އަގުތައް ހުރީ އަތްނުފޯރާ ފަށުގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ލިބެން ހުރި އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގަކީވެސް 7,987 ޑޮލަރެވެ.

އިނގިރޭސިވިލާތުގެ ގަޑިން ރޭގަނޑު އަށެއް ޖަހާއިރު ފަށާ މި ފައިނަލް މެޗު ނިމި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޯލްޑް ކަޕް ތަށި ހަވާލުކުރާއިރު، މެންދަމު 12 ޖަހާނެ ކަމަށް ސްކައި ސްޕޯޓްސްއިން ލަފާކުރެއެވެ.

މިއީ ފީފާއިން ފުޓްބޯޅަ މުބާރާތެއް މާބޮޑަށް ވިޔަފާރިއަކަށް ހަދަމުންދާ ކަމުގެ ހެއްކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

comment ކޮމެންޓް