ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި އިބްރާހީމް މުޙައްމަދު ޞާލިޙް އެއް ކޮޓަރިއެއްގައި ނިދިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ރައީސް އިބްރާހީމް ފަލާޙް، އެ ތިން ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މާދަމާ އެ ތިން ބޭފުޅުން ވެސް ބައްދަލުކުރައްވަން ނިންމަވައިފައިވާ ދަނޑިވަޅުގައި، ޕީއެންސީ ހަރުގޭގައި މިރޭ އޮތް ޖަލްސާގައި ދެއްކެވި ވާހަކައިގައި ފަލާޙް ވަނީ އެކަމަށް އިޝާރާތްކުރައްވައިފައެވެ.
"އަޅުގަނޑުމެންނަށް ހެޔޮ މި ތިން ރައީސުން އެއް ކޮޓަރީގައި ކުރިއަށް އޮތް ދޮޅު އަހަރު ނިދިޔަސް، މައްސަލައެއް ނެތް،" ފަލާޙް ވިދާޅުވިއެވެ.
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާނާއި ލީވާން ޢަލީ ނާޞިރު ހައްޔަރުކޮށް ބަންދުކުރި މައްސަލައިގައި ކުރިއަށްދާ އިހުތިޖާޖާ ގުޅޭގޮތުން ފަލާޙް ވިދާޅުވީ، އެ އިހުތިޖާޖު ބާއްވަނީ ކުރީގެ ތިން ރައީސުންވެސް ގުޅިގެން ކަމަށެވެ.
ޔާމީން މަސައްކަތްކުރައްވަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފެއްދުމަށް ކަމަށާއި، ޔާމީން އެގޮތަށް ކަން ކުރައްވަނީ އެމަނިކުފާނަށް ރައްޔިތުން ތާއީދުނުކުރާތީ ކަމަށް، ފަލާޙް ވިދާޅުވިއެވެ.
"ވަރަށް ދަށު ދަރަޖައިގެ، އެންމެ އާދައިގެ ނުބައި، ނުކިޔަވާ، ނުލަފާ ޖައްބާރުން ދައްކާ ވާހަކަނޫންތޯ އެ ދައްކަނީ،" ސިލްސިލާކޮށް ޕީއެންއެފުން ބާއްވާ ޓައުންހޯލް ޖަލްސާތަކުގައި ޔާމީން ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި، ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި އެމްޑީޕީން އެމަނިކުފާނޭ ކިޔައިގެން ވަރަށް ހުތުރު ވާހަކަ ދެއްކި ކަމަށާއި، އެކަމުގެ ސަބަބުން ޔާމީންގެ ދެކަނބަލުންގެ ދޭތެރޭ އެ ވެރިކަމުގެ ފަހުކޮޅު މައްސަލަވެސް ޖެހުނު ކަމަށެވެ.
"އެކަމަކު އެ ޔާމީން މިއަދު އެމްޑީޕީން ދައްކާ ވާހަކަ ގަބޫލުކުރީމާ ހިތާމައާއި ހިތާމައާއި ހިތާމަހުރި، އަދި އެ ވާހަކައިގައި ބައިވެރިވެ، މީހުންގެ، ވެރިންގެ، ނިކަމެތި ރައްޔިތުންގެ އަބުރު ކަތިލަމުން ދާ ކަތިލުން އަޅުގަނޑުމެން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އޭނާ ވިދާޅުވިއެވެ.
ޔާމީންގެ އިތުރުން، ނަޝީދަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެ، ފަލާޙް ވިދާޅުވީ، ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ ކޯޓެއްގެ ފަނޑިޔާރަކު ވަގަށް ނަގައި، ރާއްޖޭގެ މައި އެއާޕޯޓު ބޭރުގެ ބަޔަކަށް ދިގު މުއްދަތަކަށް ދީ، މުވާސަލާތީ ކުންފުނި ދިރާގާއި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ހިއްސާތަކެއް ބޭރުގެ ބަޔަކަށް ވިއްކައިލުމަށްފަހު ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މި ގައުމުގެ ހުރިހާ ހަރު މުދަލެއް ވަނީ މޯގޭޖުކޮށްފައި ކަމަށާއި، ސަރުކާރާއި ދައުލަތް އޮތީ ބަނގުރޫޓުވާން ގާތްވެފައި ކަމަށް ފަލާޙް ވިދާޅުވިއެވެ.