ކުރީގެ ތިން ރައީސުން ގުޅުމުގެ ނިޔަތަކީ، 2028ގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވާދަކުރައްވަން ޓިކެޓު ހޯއްދެވުން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައެއްގައި މިދިޔަ އަންގާރަ ދުވަހު ވަނީ ދެ ނޫސްވެރިން ޖަލަށްލާފައެވެ.
އެ މައްސަލަ ގޯސްވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދުގެ ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، އެކުގައި ގައުމު ސަލާމަތްކުރަން ނުކުންނަވަން ގޮވާލައްވާފައެވެ.
އެކަމާ ގުޅިގެން އިއްޔެ ޔާމީން "ސަން" އަށް ވިދާޅުވީ ނޫސްވެރިންގެ ދިފާއުގައި އަނެއް ދެ ރައީސުންނާއެކު މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އެ ކަމާ ގުޅުވައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، މުންދުއާ ސުވާލުކޮށްފައެވެ.
ޖަވާބުގައި މުންދު ވިދާޅުވީ، ތިން ރައީސުންގެ އިތުރަށް މިދިޔަ ދެ އަހަރެއްހާ ދުވަހު ސިޔާސީ ދާއިރާގައި ނުފެނި ތިބި އެތައް ބޭފުޅުންނެއް 'ހޮރުހޮރުން' ނިކުމެވަޑައިގެން ސަރުކާރަށް ފާޑު ވިދާޅުވާން ފަށާފައިވާ ކަމަށެވެ.
އެ ކަމަށް މަރުހަބާ ވިދާޅުވެ، މުންދު ވަނީ، ތިން ރައީސުން ގުޅުމުގެ ފަހަތުގައިވާ ކަމަށް އޭނާއަށް ގަބޫލުކުރެެއްވޭ ސަބަބު ވެސް ކިޔައިދެއްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
އަޅުގަނޑަށް ވިސްނޭ ގޮތުގައި އެ ބޭފުޅުން އެ އުޅުއްވަނީ، 2028ގައި އަޅުގަނޑުމެންގެ ރައީސް ދެވަނަ ދައުރަކަށް އެދިވަޑައިގެން ރައްޔިތުންނާ ހަަމައަށް ނިކުމެވަޑައިގަންނަވާއިރު، އެމަނިކުފާނާ ވާދަކުރައްވާނެ ޓިކެޓުތައް ހޯދުމުގެ ނިޔަތުގައި އުޅޭ އުޅުމެއް މިއީސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
އޭގެއިތުރަށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވިއިރު، ކޮންމެ ރައީސަކީ އަނެއް ރައީސަކު ހައްޔަރުކުރައްވައި 'މެއިން ރައިވަލް' ކަމަށް ވިދާޅުވި ބޭފުޅުން ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ޖަވާބު ނިންމަވާލެއްވީ، އެ ރައީސުން ވެރިކަންތައް ކޮށްފައި ހުރި ގޮތާއި އެ ވެރިންނަށް ދެވަނަ ދައުރެއް ރައްޔިތުން ދީފައިނުވުމަކީ ސުވާލުއުފައްދަން ޖެހޭ ކަންކަން ކަމަށް ފާހަގަކުރައްވައެވެ.
މުންދު އެފަދައިން ވިދާޅުވިއިރު، ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ކުޑައެއް ނޫނެވެ. އެމްޑީޕީން އެ ޓިކެޓަށް ފައްޔާޒް ވާދަކުރައްވާއިރު، ކުރީގެ ރައީސް ޞާލިޙް ވެސް މީގެ ކުރިން އެ ފަދަ ޝައުގުވެރިކަމެއް ފާޅުކުރެއްވިއެވެ. އަދި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް އެ ކަމަށް މަސައްކަތްކުރައްވާ ކަމަށް އަޑުފެތުރޭއިރު، އެހެން ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް އެބައޮތެވެ.
އޭގެއިތުރަށް، ކުރީގެ ރައީސް ޔާމީން ވެސް ވަނީ 2028ގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.