މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީއިން ހަތަރު މިލިއަން ޑޮލަރު މަދުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އެންމެ ފަހުން އާންމުކުރި، މިދިޔަ މަހުގެ ރެވެނިއު ކަލެކްޝަން ރިޕޯޓުން އެނގޭ ގޮތުގައި، މިދިޔަ މަހު ދައުލަތަށް ލިބުނީ، 120.70 މިލިއަން ޑޮލަރެވެ. އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި 125.09 މިލިއަން ޑޮލަރު ލިބުނެވެ. އެހެންކަމުން، މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރު ލިބިފައި ވަނީ 4.4 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ޑޮލަރު އާމްދަނީ ދަށްވިއިރު، މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނީ، 2.63 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ، 2.60 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މީހަކު ޑޮލަރުތަކެއް ގުނަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޓެކްސްގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ބޭރު ފައިސާއިން އެންމެ ގިނައިން ލިބުނީ، ޓީޖީއެސްޓީންނެވެ. އެ ބާވަތުގެ ޓެކުހުން 72 މިލިއަން ޑޮލަރު މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނުއިރު، ގްރީން ޓެކުހުން ވަނީ 12 މިލިއަން ޑޮލަރު ލިބިފައެވެ.
އޭގެއިތުރަށް، އެއާޕޯޓު ޑިވެލޮޕަމަންޓް ފީއިން ދިހަ މިލިއަން ޑޮލަރާއި ޓުއަރިޒަމް ލޭންޑް ރެންޓުން އަށް ބިލިއަން ޑޮލަރާއި ޑިޕާޗާ ޓެކުހުން ދިހަ ބިލިއަން ޑޮލަރާއި އިންކަމް ޓެކުހުން ހަތް ބިލިއަން ޑޮލަރު މިދިޔަ މަހު ދައުލަތަށް ލިބުނެވެ.
ޑޮލަރު އާމްދަނީ ދަށްވިއިރު، މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިވިއެވެ.
އެއާއެކު، ފަތުރުވެރިން އަންނަ މިންވަރު ދަށްވާން ވަނީ ފަށާފައެވެ. އެގޮތުން، މިދިޔަ މާޗް މަހު 216,309 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، މިދިޔަ މަހު ޒިޔާރަތްކުރި އަދަދު ވަނީ 207,707 ދަށްވެފައެވެ.