ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަވާއިދަށް ހުރަސްއަޅައި ރިޔާސަތުގެ އެންގުންތަކަށް ތަބާނުވުމުގެ ސަބަބުން ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމަށްފަހު މަޖިލީހުގައި ދެން ކުރިއަށް ގެންދިޔައީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު ހުސެއިން ނާސިޙު ހުށަހަޅުއްވާފައިވާ ސައިބާ ސެކިއުރިޓީ ބިލުގެ ބަހުސެވެ.
މި ބަހުސްގެ ތެރެއިން ވާހަކަދެއްކުމަށް ލިބުނު ފުރުސަތުގައި މީކާއިލް ވަނީ އެ ވާހަކައެއް ދެއްކުން ހުރިހާ ރައްޔިތުންގެ މައްޗަށް މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގައި (ގެގް އޯޑަރު) ބުނާ ވާހަކަތަކެއް ދައްކަވާފައެވެ.
މީކާއިލް އެ ވާހަކަތައް ދައްކަވަން ފެއްޓެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ވާހަކަތައް ނުދައްކަވައި ބިލުގެ މައުޟޫއަށް ވާހަކަދެއްކުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް، މީކާއިލް އެކަމަށް ތަބާނުވުމުން ރިޔާސަތުން ވަނީ ދެ ފަހަރެއްގެ މަތިން އޭނާގެ މައިކްގެ އަޑު ވެސް ކަނޑާލާފައެވެ.
މައިކް ކަނޑާލުމުންވެސް މީކާއިލް މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް ވާހަކަދައްކަވަން ފެއްޓެވުމުން، ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވައި ތަޅުމުން ނިކުތުމަށް އަންގާފައެވެ.
ނަން އިއްވުމާ ގުޅިގެން މީކާއިލް ވަނީ ސުލްހަވެރިކަމާއެކު މަޖިލިސް ދޫކުރައްވައި ވަޑައިގެންފައެވެ.
މީކާއިލް މަޖީހަށް ކުއްލި މައްސަލައެއް ހުށަހެޅުން
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތާ އެއްގޮތަށް ހިނގާފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މީކާއިލް ހުށަހެޅުއްވި މައްސަލައަކީ އެއްވެސް ހަގީގަތެއް ނެތް މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރިޔާސަތުން ނިންމެވިއެވެ.
"މަޖިލީހަށް ހުށަހަޅޭ ކުއްލި މަސައްލަ ވާންވާނީ ހަގީގަތާއި އެއްގޮތަށް ހިނިގި ކަމެއްގެ މައްޗަށް ބުނާކޮށް ވާން ޖެހޭނޭ ކަމަށާއި ނަމަވެސް މީކލާއިލް ހުށަހެޅުއްވި ކުއްލި ހުށަހެޅޭ މައްސަލައަކަށް. މި މައްސަލަ އަކީ އެއްވެސް ހަގީގަތެއް ނެއް މައްސަލައެއް. އެހެން ކަމުން އެ މައްސަލަ މަޖިލީހަށް ބަލައިގަނެވެންކަމުގައި ދަންނަވަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، "ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް، ނޫސްވެރިން ހައްޔަރުކޮށް، އެމީހުންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއަޅަމުންދާ" ކަމަށެވެ. މީކާއިލް ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.