އައިފޯނު ކެމެރާގެ ކޮންޓްރޯލްތައް ކަސްޓަމައިޒް ކުރެވޭ ވިޖެޓެއް ތައާރަފުކުރަނީ

މި އާ ކެމެރާ އޮޕްޝަންތައް ރަސްމީކޮށް ދައްކާލާނީ ޖޫން 8 ވަނަ ދުވަހު އޮންނަ އެޕަލްގެ ޑަބްލިއުޑަބްލިއުޑީސީ 2026ގައި ---

މިއަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ބާއްވާ ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައި އެޕަލް އިން އައިއޯއެސް 27 ގެ އާ ފީޗާތައް ދައްކާލާނެއެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކެމެރާ އެޕްގެ ކޮންޓްރޯލްތައް ބޭނުންކުރާ މީހާ ހިތްހަމަޖެހޭ ގޮތަށް ބަދަލުކޮށްލުމަށް ފުރުޞަތުދޭ އާ ވިޖެޓް ފީޗާއެކެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ފޮޓޯ އެޑިޓްކުރުމާއި ސިރީއަށް ގެނެވޭ ބޮޑެތި ބަދަލުތައް ވެސް ހިމެނެއެވެ.

  • އައިއޯއެސް 27 ގައި ކެމެރާ އެޕަށް ކަސްޓަމައިޒް ކުރެވޭ ވިޖެޓް ފީޗާތަކެއް އިތުރުކުރުން
  • ފޮޓޯގްރަފަރުންނަށް ފަސޭހަވާނެހެން އެޑްވާންސް ކޮންޓްރޯލްތަކާއި އާ ގްރިޑް ލެވެލްތައް ތައާރަފްކުރުން
  • އޭއައި ބޭނުންކޮށްގެން ކެމެރާއިން މައުލޫމާތު ހޯދުމާއި ސިރީއަށް ގެނެވޭ ބޮޑެތި ބަދަލުތައް
  • ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައި މި ފީޗާތައް ރަސްމީކޮށް ދައްކާލުން

އައިފޯނު ކެމެރާގެ ކޮންޓްރޯލްތައް އަމިއްލައަށް ފަރުމާކޮށްލެވޭ އާ 'ވިޖެޓް' ފީޗާއަކާއެކު، އެޕަލް އިން އައިއޯއެސް 27ގައި ކެމެރާ އެޕަށް ބޮޑު އޯވަހޯލެއް ގެންނަން އުޅޭކަމަށް ބްލޫމްބާގްގެ މާކް ގާމަން ރިޕޯޓްކޮށްފިއެވެ.

މި އާ ވިޖެޓް ފީޗާގެ ސަބަބުން، ކެމެރާ އެޕް ބޭނުންކުރާ މީހުންނަށް، ޚާއްޞަކޮށް ޕްރޮފެޝަނަލް އަދި ފޮޓޯގްރަފީއަށް ލޯބިކުރާ މީހުންނަށް ފޮޓޯއާއި ވީޑިއޯ ނަގާއިރު ކުރިއަށްވުރެ ބޮޑަށް ކަންކަން ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

https://sun.mv/219611

މި އާ ކެމެރާ އޮޕްޝަންތައް އެޕަލް އިން ރަސްމީކޮށް ދައްކާލާނީ މިއަހަރުގެ ޖޫން މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ ޑަބްލިއުޑަބްލިއުޑީސީ 2026 ކޮންފަރެންސްގައެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކެމެރާ އެޕްގެ އިންޓަފޭސް ނުވަތަ ފެންނަން ހުންނަ ބައިތައް، ބޭނުންކުރާ މީހާ ހިތްހަމަޖެހޭ ގޮތަކަށް ބަދަލުކޮށްލުމުގެ ފުރުޞަތު ލިބުމެވެ. ކުރިން އެޕަލް އިން ކަނޑައަޅާފައި ހުންނަ ގޮތަށް އެޕް ހުރި ނަމަވެސް، މިހާރު "އެޑް ވިޖެޓްސް" ޓްރޭއެއްގެ އެހީގައި ފޮޓޯގެ ރިޒޮލިއުޝަން، ފްލޭޝް، އަދި ލައިވް ފޮޓޯ ފަދަ ސެޓިންގްސްތައް ބަދަލުކުރާ ވިޖެޓްތައް އަމިއްލައަށް އިތުރުކޮށް، އުނިކޮށް ހެދޭނެއެވެ.

މީގެ އިތުރުން ފޮޓޯގެ 'ޑެޕްތް އޮފް ފީލްޑް'، އެކްސްޕޯޜާ، އަދި ފޮޓޯގްރަފިކް ސްޓައިލްސް ފަދަ އެޑްވާންސް ކޮންޓްރޯލްތައް ވެސް މި އެޕްގެ ތެރެއިން ފަސޭހައިން ބޭނުންކުރެވޭނެއެވެ.

ޓަޗްސްކްރީން ބޭނުންކޮށްގެން މި ސެޓިންގްސްތައް ބަދަލުކުރުން ކުރިއަށްވުރެ ފަސޭހަވެގެންދާއިރު، ފޮޓޯ ނަގާއިރު އެހީތެރިވެދޭ އާ ގްރިޑް އަދި ލެވެލް ފީޗާތަކެއް ވެސް އެޕަށް އިތުރުކުރެވޭނެއެވެ. އަދި ކެމެރާގެ ކޮންޓްރޯލްތައް ފެންނަން ހުންނަ ގޮތް ހަދާ ބަޓަން، ކެމެރާ އެޕްގެ މަތީ ކަނާތްފަރާތުން، ޝަޓަރު ބަޓަނުގެ ކަނާތްފަރާތަށް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބައެއް އަޕްޑޭޓްތައް ވެސް ކެމެރާ އެޕަށް ގެންނައިރު، ކެމެރާ ބޭނުންކޮށްގެން ފޮޓޯއިން އެއްޗެހި ހޯދުމަށާއި ލިޔުންތައް ތަރުޖަމާކުރުން ފަދަ އޭއައި ފީޗާތަކަށް ވަނުމަށްޓަކައި، ސިރީގެ އާ މޯޑެއް ކެމެރާ އެޕްގެ ތެރެއަށް އިތުރުކުރެވޭނެއެވެ. އަދި އޭއައިގެ އެހީގައި ފޮޓޯ އެޑިޓްކުރާ އާ ޓޫލްތަކެއް ވެސް ތައާރަފްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ސިރީއަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ސިރީ ހުޅުވުމުން ފެންނަ ދިއްލޭ އެނިމޭޝަން ފޯނުގެ އަރިމަތިން، ފޯނުގެ މަތީގައި އިންނަ "ޑައިނަމިކް އައިލެންޑް" އަށް ބަދަލުވާނެއެވެ. އަދި މިހާރު ހުންނަ ސްޕޮޓްލައިޓް ސާޗްގެ ބަދަލުގައި "ސާޗް އޯ އާސްކް"ގެ ނަމުގައި އާ އިންޓަފޭސްއެއް ތައާރަފްކުރެވި، އޭގެ ޒަރީއާއިން ލިޔެގެން ސިރީއާ ސުވާލުކުރުމާއި، ޗެޓް އިންޓަފޭސްއެއްގެ އެހީގައި ސިރީއާ ސީދާ ވާހަކަދެއްކުމުގެ ފުރުޞަތު ލިބޭނެއެވެ.

ސިރީއާއެކު ކުރިން ކޮށްފައިވާ ޗެޓްތައް ވަކި އެޕްލިކޭޝަނެއްގެ ގޮތުގައި ބަލާލެވޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެއެވެ.

އެޕަލް އިން ގެންނަ އެހެނިހެން ކުދި ބަދަލުތަކަށް ބަލާއިރު، ސަފާރީ ބްރައުޒާގެ ސްޓާޓް ޕޭޖަށް ބަދަލުތަކެއް އަންނާނެއެވެ. އަދި ވެދާ އެޕުން ކުރިއަށްވުރެ ގިނަ މައުލޫމާތު ފެންނަން ހުންނައިރު، އިމޭޖް ޕްލޭގްރައުންޑް އެޕްލިކޭޝަން ބޭނުންކުރަން ފަސޭހަވާނެހެން އާ ގޮތަކަށް ފަރުމާކުރެވޭނެއެވެ.

ޖޫން މަހު ބާއްވާ ކޮންފަރެންސްއާ ހަމައަށް އިތުރު މައުލޫމާތުތައް ތިލަވަމުންދާނެ ކަމަށް ބެލެވޭއިރު، އެޕަލް އިން ދަނީ އޭއައިގެ އިތުރުން ފޯނުގެ އަސާސީ ފީޗާތަކަށް ވެސް ޝައުގުވެރި ބަދަލުތަކެއް ގެނައުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް