ޕީއެންއެފްގެ މުޒާހަރާއިން 3 މީހުން ހައްޔަރުކޮށްފި

ޕީއެންއެފްގެ މުޒާހަރާއިން 3 މީހުން ހައްޔަރުކޮށްގެން ގެންދަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް އެ ޕާޓީން ގޮވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނާ ޚިލާފުވިކަމަށް ބުނެ އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކުރާނަމަ އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ. ނަމަވެސް ޕީއެންއެފްއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއްކަމަށް ބުނެފައެވެ.

  • ޕީއެންއެފްގެ މުޒާހަރާއިން ޑރ. އަބްދުﷲ އިބްރާހީމާއި، އިރުޝާދު އަދި އަންހެނަކު ވަނީ ހައްޔަރުކޮށްފައި
  • މުޒާހަރާގައި ބޭނުންކުރި ޕިކަޕުވެސް ފުލުހުން ވަނީ ގެންގޮސްފައި
  • ގާނޫނާ ޚިލާފުވިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ވަނީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި
  • ޕީއެންއެފްއިން ބުނަނީ މިއީ ސަރުކާރުގެ ނުފޫޒުން، އެ ޕާޓީއާ ގުޅުންނެތް ކަމެއްގައި އެޅި ފިޔަވަޅެއް ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަމިއްލަފުޅު ޕާޓީ، ޕީއެންއެޕްގެ އާއްމު މެންބަރުން ސިލްސިލާކޮށް ކުރަމުންދާ މުޒާރާއިން މިރޭ ތިން މީހުން ހައްޔަރުކޮށްފިއެވެ.

ޕިއެންއެފުން ބުނި ގޮތުގައި ޕީއެންއެފްގެ އާއްމު މެންބަރުން މިރޭ ކުރި މުޒާހަރާގައި، ޑރ. އަބްދުﷲ އިބްރާހީމާއި، އިރުޝާދުގެ އިތުރުން އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަދި އެ ޕާޓީން ވަނީ އެ ތިން އާއްމު މެންބަރުން ވެސް ދޫކޮށްލުމަށް ގޮވާލައިފައެވެ.

ހަމައެއާއެކު ޕީއެންއެފް ސަޕޯޓަރުންގެ ޕިކަޕު ވެސް ފުލުހުން ވަނީ މިރޭގެ މުޒާހަރާގެ ތެރެއިން ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ ކަމަށް ބުނެ، ޕީއެންއެފް، އެއް ލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

އެ ކޮމިޝަނުން ހޯމަ ދުވަހު ޕީއެންއެފްގެ ރައީސް ޔާމީނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ބޭރުން ސިލްސިލާކޮށް އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ ބައްދަލުވުންތައް ކުރިއަށްދާ ވަގުތުތަކާ ދިމާކޮށް އެ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށް ކޮމިޝަނުން ބުނެއެވެ.

https://sun.mv/221826

މި ޖޫރިމަނާގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީއެންއެފްއަށް އިތުރު އިންޒާރެއްވެސް ދީފައެވެ. އެގޮތުން، އެ ޕާޓީން ނުވަތަ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކުރާނަމަ، އެ ފަރާތްތަކާމެދު އިތުރު ގާނޫނީ ފިޔަވަޅުތައް އަޅާނެކަން ކޮމިޝަނުން ވަނީ އަންގާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެންއެފްއިން ބުނީ ކޮމިޝަނުން އެ ޕާޓީއާ މެދު ފިޔަވަޅު އަޅާފައި މިވަނީ އެ ޕާޓީއާ ގުޅުން ނެތް ކަމެއްގައި ކަމަށެވެ. އަދި މިއީ މިނިވަން މުއައްސަސާތަކުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކުގެ ބޭރުން ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް އަމަލުކޮށްފައިވާ ގޮތެއް ކަމަށް ވެސް ޕީއެންއެފްއިން ބުންޏެވެ.

ޓައުން ހޯލް ޖަލްސާތައް ފިޔަވާ އެހެން ސިޔާސީ ހަރަކާތެއް ޕީއެންއެފްއިން ކުރިއަށް ނުގެންދާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް