މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން މަނާކޮށް، ކުޅުދުއްފުށި ސިޓީގެ މަށިމާލި ޕެރޭޑުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، މި އަހަރުގެ ބޮޑު އީދުގެ ދެވަނަ ދުވަހު ބާއްވާ މަށި މާލި ޕެރޭޑުގައި ބައިވެރިވާން ހުޅުވާލާފައެވެ. އެ ކައުންސިލުން ވަނީ މަށިމާލި ޕެރޭޑުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ކިޔައިދީފައެވެ.
މިގޮތުން، ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމް ދީނާ ފުށުނާރާ މާލިތައް ކަމަށްވާއިރު، އެ ފަރާތެއްގެ މާއްޔަކަށް ޒިންމާވާން ޖެހޭނީ އެމީހަކު ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކުޅުދުއްފުށީގައި ބޭއްވި މަށި މާލި ޕެރޭޑެއްގެ ތެރެއިން --- ފޮޓޯ/ އައިވެލް ޕޯޓްރެއިޓް
އޭގެއިތުރަށް، މާލިތައް ހުންނަން ޖެހޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ގޮތަށް ކަމަށްވާއިރު، މީހުންގެ ފޮޓޯއާއި ނަން ބޭނުންކުރުމަކީ މަނާ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
މަށިމާލި ޕެރޭޑުގައި ބައިވެރިވާން ހުޅުވާލިއިރު، ކުޅުދުއްފުށީގެ މާލި ޕެރޭޑަކީ ކޮންމެ ބޮޑު އީދެއްގައި އޮންނަ ޒަމާންވީ ކުޅިވަރެކެވެ.
އެ ޕެރޭޑުގައި އެ ދުވަސްވަރެއްގައި ހިނގާ އެންމެ ފަހުގެ ކަންކަމާއި ސަރުކާރުގެ އެކި ވައުދުތަކަށް ފާޑުކިޔައެވެ. އަދި، މި ޕްރޭޑު ގިނަ ބައެއްގެ މެދުގައި މަގުބޫލުވެ، ފާޑުކިޔުންތައް ވެސް ބައެއް ފަހަރަށް އަމާޒުވެއެވެ.