ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ލިބޭ ބީއެމްއެލް ޕޭމަންޓު ގޭޓްވޭއަށް އެދެން ހުޅުވާލައިފި

ބީއެމްއެލްގެ ކާޑަކުން މީހަކު ވިޔަފާރިކުރަނީ: ބީއެމްއެލުން ބުނީ އެސްއެމްއީތަކަށް ޑޮލަރު ލިބޭ ޕޭމަންޓު ގޭޓްވޭއަށް މިއަދުން ފެށިގެން އެދެވޭނެ ކަމަށް -- ފޮޓޯ/ ބީއެމްއެލް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕޭމަންޓު ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.

ގައުމީ ބޭންކު ބީއެމްއެލުން ބުނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ބޭންކުގެ ޕޭމަންޓު ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ހުޅުވައިލުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ތަނަކުން ވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމެޖެހޭނެ ކަމަށެވެ.

އެގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރާ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށް މިއަދު ހުޅުވައިލެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ބޭންކުން ބުނިގޮތުގައި ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން ބޭންކުން އެ ވިޔަފާރިއަކާ ގުޅައި ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ. އެ މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓު ގޭޓްވޭ ގުޅައިލައިދެވޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

ބީއެމްއެލުން ބުނީ މިއީ އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި މި ޚިދުމަތުގެ މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ބޭރު ފައިސާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް