ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހުށަހެޅި ހުށަހެޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫފުޅުނުކުރެއްވުމުން ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.
ބައިނަލްއަގްވާމީ ތެލުގެ ބެންޗްމާކް ބްރެންޓް 4.1 ޕަސެންޓް އިތުރުވެ ފީފާއެއްގެ އަގު 105.50 ޑޮލަރަށް (77.60 ޕައުންޑް) އަށް އުފުލިފައިވާއިރު، އެމެރިކާގައި ވިޔަފާރިކުރާ ކްރޫޑް 4.4 ޕަސެންޓަށް އިތުރުވެ ފީފާއެއްގެ އަގު ވަނީ 99.80 ޑޮލަރަށް އުފުލިފައެވެ.
އީރާނުގެ ހުށަހެޅުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެއްވޭނެ ހުށަހެޅުމެއް ނޫން ކަމަށް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސްއިން ބުނާ ގޮތުގައި އެމެރިކާގެ ޝަރުތުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމު އަލުން ގާއިމްކުރުމާއި އީރާނުގެ ނިއުކްލިއާ މުއްސަނދިކަން މެދުކަނޑާލުން އެއްބަސްވުމުގައި ހިމަނަންޖެހެއެވެ.
އީރާނަށް ދޭ ހަމަލާތައް ނިމޭނީ އެ ގައުމުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެއްކޮށް ނައްތާލައިގެން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ވިދާޅުވެފައެވެ.
ސުލްހައިގެ މަޝްވަރާތަކަށް ވަގުތު ދިނުމުގެ ގޮތުން އޭޕްރީލް މަހުގެ ކުރީކޮޅު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތް ނަމަވެސް ދެ ގައުމުންވެސް ދޭތެރެ ދޭތެރެއިން އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަމަލާތައް ދޭން ފެށުމާ ގުޅިގެން ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައެވެ. އޭގެފަހުން އެމެރިކާއިންވެސް ވަނީ އެ ކަނޑުއޮޅިިން އީރާނުގެ ބަނދަރުތަަކަށް ވަދެ ނިކުމެއުޅޭ އުޅަނދުތަކަށް ހުރަސް އެޅުމުގެ މަސައްކަތް ފަށާފައެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ކަނޑުއޮޅިއެެވެ.
ހަނގުރާމަ ފެށުނު ފަހުން ހަކަތައިގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާއިރު، އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން ބްރެންޓް ކްރޫޑް ފީފާއެއް 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައިވެއެވެ.
ދުނިޔޭގެ ބާޒާރުތަކުގައި ތެލާއި ގޭހުގެ އަގު އުފުލިގެން ދިއުމާއެކު ހަކަތަ އުފައްދާ ބޮޑެތި ކުންފުނިތަކަށް ވާ ފައިދާ ވަނީ އިތުރުވެފައެވެ.
އެގޮތުން ސައުދީގެ ތެޔޮ އުފައްދާ ކުންފުނި، އަރަމްކޯގެ އާމްދަނީ މިއަހަރުގެ ފުރަަތަމަ ތިން މަސް ދުވަހު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 25 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ.
މިދިޔަ މަހު އިނގިރޭސިވިލާތުގެ ބީޕީންވެސް ވަނީ އަަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ފައިދާ ދެގުނައަށް ވުރެ އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
ހަކަތަ ކުންފުނި ޝެލްއިން ވެސް ވަނީ އާމްދަނީ އިތުުރުވެފައިވާ ކަމަށް ބުނެފައެވެ.