ޒުންނަވާރުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތް

ވަކީލު ޒުންނަވާރު ސަލީމް --

ގާނޫނާ ޚިލާފަށް ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކުރި މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ގާނޫނީ ވަކީލު ޒުންނަވާރު ސަލީމާއި އޭނާގެ އަނބިމީހާ މެހެނާޒް ޙުސައިން، ބާ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައެއް ނުވެއެވެ. މީގެ ކުރިން ހައިކޯޓުންވެސް ވަނީ މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. އެ ދެމަފިރިން އެދުނީ ލައިސެންސް ބާތިލުކުރި ކުރުން ނިމުމަކަށް ގެނެސް، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

  • ޒުންނަވާރު އަދި މެހެނާޒް ބާ ކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ރިޖެކްޓްކުރުން
  • ހައިކޯޓުންވެސް މި މައްސަލަ ކުރިން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައި
  • ދެމަފިރިންގެ މައިގަނޑު އެދުމަކީ ލައިސެންސް އަލުން އިއާދަކޮށް ގެއްލުމުގެ ބަދަލު ހޯދުން
  • މައްސަލައިގެ އަސްލަކީ 2021 ވަނަ އަހަރު ގަވާއިދާ ޚިލާފަށް ނޯޓަރީ ސިއްކަ ބޭނުންކުރުން

ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ، ގާނޫނާއި ގަވައިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމް، ބާ ކައުންސިލާ ދެކޮޅަށް، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ރިޖެކްޓްކޮށްފިއެވެ.

ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ, ގާނޫނާއި ގަވައިދާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމް، އަދި އޭނާގެ އަންހެނުން މެހެނާޒް ޙުސައިން ބާ ކައުންސިލާ ދެކޮޅަށް ފުރަތަމަ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

ހައިކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށް ނުދިނުމުން، ފަނޑިޔާރުންނާ ހިސާބަށް ވެސް އެ މައްސަލަ ޒުންނަވާރު ގެންދިޔައެވެ. އެކަމަކު ހައިކޯޓުގެ ފަނޑިޔާރުން ވެސް އެ މައްސަލަ ބަލައި ނުގަތުމުން ދެން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން މި މައްސަލަ ސުޕްރީމް ކޯޓުންވަނީ ރިޖެކްޓްކޮށްފައެވެ.

"ސަން"އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ، ވަކީލުންގެ ސުލޫކާ ގުޅިގެން، އެ ދެމަފިރިންނާ މެދު ބާ ކައުންސިލުން ތަކުރާރުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، އެ ދެމަފިރިންގެ ލައިސެންސް ހިފެހެއްޓި, ހިފެހެއްޓުން ނިމުމަކަށް ގެނެސް، އަލުން ގާނޫނީ މަސައްކަތް ކުރުން އިއާދަކޮށްދިނުމަށް އަމުރުކޮށްދިނުމަށެވެ.

ބާ ކައުންސިލުން އެޅި ފިޔަވަޅުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އޭނާގެ ފަރާތުން އެދިފައިވެއެވެ.

ޒުންނަވާރުގެ ދެމަފިރިންގެ ފަރާތުން ބާ ކައުންސިލާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ދެމަފިރިންގެ ތެރެއިން އަނބިމީހާ މެހެނާޒުގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން އޭނާގެ ފިރިމީހާ ޒުންނަވާރު، އެ ސިއްކައިގައި މެހެނާޒުގެ ސޮއިކުރި ކަމަށް ތުހުމަތުކޮށް އެ ދެ މީހުންގެ ވަކީލުކަމުގެ ހުއްދަ އަހަރެއްހައި ދުވަހަށް ބާ ކައުންސިލުން ކުރިން ހިފެހެއްޓިއެވެ.

ޒުންނަވާރު “ސަން” އަށް ވިދާޅުވީ ނޮޓޮރައިޒް ކޮށްފައި ވާނީ ޕަވާ އޮފް އެޓާނީ ލިބިގެން ކަމަށެވެ. އަދި އެއީ ވަގަށް ކުރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އޭރު ބާ ކައުންސިލްގެ އުސޫލުގައި ޕަވާ އޮފް އެޓާނީ އޮވެގެން ނުކުރެވޭނެ ކަމަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބާ ކައުންސިލުން އެކަން ހާމަކޮށް، މޭ މަހު ނެރުނު ބަޔާނެއްގައި ވަނީ 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި މެހެނާޒަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު އޭގައި، މެހެނާޒުގެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދެ މީހުންނަށް ރައްދުވާހެން ސުލޫކީ ޝަކުވާއެއް ލިބުނު ކަމަށާއި އެހެންވެ، މި މައްސަލައިގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ ފަރާތުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި ހުރެ، ޒުންނަވާރު އެއްބަސްވުން ނޯޓަރައިޒްކޮށްދީފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުންޏެވެ.

މެހެނާޒާއި ޒުންނަވާރު ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، މެހެނާޒުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހަށް ހިފެހެއްޓުމަށް އޭރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް