ދުނިޔޭގެ އަމަނާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ: ސާވޭ

ޑެންމާކުގެ އެލަޔަންސް އޮފް ޑިމޮކްރަސީސް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ ސާވޭއަކުން ހާމަވިގޮތުގައި، ދުނިޔޭގެ އަމަނާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާއެވެ. އޭގެ ފަހުން އެންމެ ބޮޑު ނުރައްކަލެއް ކަމަށް ގިނަ ބަޔަކު ދެކެނީ އިސްރާއީލާއި ރަޝިއާއެވެ. ފާއިތުވި އަހަރުތަކުގައި އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި ހިންގި ޖަރީމާތަކާއި، އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމަށް އެމެރިކާއިން ދޭ އެހީތެރިކަމަކީ ދުނިޔޭގެ ގިނަ ބަޔަކު އެމެރިކާއާމެދު ނަފްރަތު އުފެދުނު މައިގަނޑު ސަބަބުތަކެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާއިން ކުރަމުންދާ ކަންކަމުގެ ސަބަބުން މި ބިރުވެރިކަން އިތުރުވެފައިވެއެވެ.

  • ދުނިޔޭގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާކަން ސާވޭއަކުން ހާމަވުން
  • ދެވަނަ އަދި ތިންވަނައަށް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލާއި ރަޝިއާކަމަށް ގިނަ ބަޔަކު ގަބޫލުކުރުން
  • އެމެރިކާގެ އަސްކަރީ ހަމަލާތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމަކީ ނަފްރަތު އުފެދޭ ސަބަބެއްކަން
  • ޣައްޒާގެ މައްސަލައިގައި އިސްރާއީލަށް އެމެރިކާއިން އެހީވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެއްކަން

ކޯޕަންހޭގަން (10 މެއި 2026) : ދުނިޔޭގެ އަމަނާއި ސަލާމަތަށް އެންމެ ބޮޑަށް ނުރައްކާކުރާ ގައުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާކަން ދުނިޔޭގެ ގިނަ ބަޔަކު ދެކޭކަން ސާވޭއަކުން ހާމަވެއްޖެއެވެ.

ޑެންމާކުގެ މުއައްސަސާ އެއްކަމަށްވާ "އެލަޔަންސް އޮފް ޑިމޮކްރަސީސް ފައުންޑޭޝަން" އިން ދުނިޔޭގެ ފެންވަރުގައި ރެންޑަމްކޮށް ޚިޔާލު ހޯދުމުގެ ވޯޓެއް އޮންލައިންކޮށް ނަގައިގެން ކުރި ސާވޭއަކުން ހާމަވާގޮތުގައި ދުނިޔޭގެ އަމަނާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެމެރިކާއަށްފަހު ދެން ދުނިޔޭގެ ސަލާމަތަށް އެންމެ ބޮޑަށް ނުރައްކާކުރާ ގައުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ ރަޝިއާއާއި ޔަހޫދީ އިސްރާއީލެވެ. ރަޝިއާއިން ޔުކްރެއިން އަށް އަރައިގަތުމާއެކު ނެގި މިފަދަ އެހެން ސާވޭއަކުން ހާމަވި ގޮތުގައި ދުނިޔޭގެ އަމަނާއި ސަލާމަތަށް އެދުވަސްވަރު އެންމެ ބޮޑަށް ނުރައްކާކުރާ ގައުމަކީ ރަޝިއާ ކަމަށް ގިނަބަޔަކު ދެކެއެވެ.

އިސްރާއީލުން ތަކުރާރުކޮށް ފަލަސްތީނުގެ އާންމުން މަރަމުން ގެންދިޔުމާއި އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމާއި އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފަށާނެކަމުގެ އިންޒާރު ތަކުރާރުކޮށް އިސްރާއީލު ދެމުން ގެންދާތީ ދުނިޔޭގެ އަމަނާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަބަދުވެސް އިސްރާއީލު ސިފަވެގެން ގޮސްފައިވެއެވެ.

ނަމަވެސް މިދިޔަ އަހަރާއި މިއަހަރު، ޑެންމާކުގައި މަރުކަޒު ހުންނަ "އެލަޔަންސް އޮފް ޑިމޮކްރަސީސް ފައުންޑޭޝަން" އިން ކުރި ސާވޭތަކުގައި ދުނިޔޭގެ އަމަނާއި ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވަނީ އެމެރިކާ އާއި ޔަހޫދީ އިސްރާއީލެވެ. ތިންވަނައަށް ރަޝިއާ އެވެ. ރަޝިއާ އަކީ ނުރައްކަލެއްކަމަށް ދެކޭ ގިނަ މީހުންނަކީ ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

މި ސާވޭ އާ ހަވާލާދެއްވައި ދެއްވި ބަޔާނެއްގައި "އެލަޔަންސް އޮފް ޑިމޮކްރަސީސް ފައުންޑޭޝަން" ގެ ޗެއާމަން އެންޑަރސް ފޯ ރަސްމޯސަން ވިދާޅުވީ، ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި އެމެރިކާގެންގުޅެމުން ދިޔަ ހަރުކަށި ޚާރިޖީ ސިޔާސަތާއި ގައުމުތަކަށް ބިރު ދެއްކުމުގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ގިނަ ބަޔަކު އެމެރިކާއާ މެދު ދެކެނީ ވަރަށް ނުބައި ނަޒަރަކުންނެވެ.

2001 ވަނަ އަހަރު އެމެރިކާ އަފްޣާނިސްތާނަށް އަރައިގަތުމާއި 2003 ވަނަ އަހަރު އެމެރިކާ އިރާގަށް އަރައިގަނެ ހިންގި އަމަލުތަކުގެ ސަބަބުން އެތަށް މިލިޔަން ބަޔަކު މަރުވެފައިވުމަކީ އެމެރިކާ އާ މެދު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ބިރުވެރިކަމާއި ނަފްރަތު އުފެދިގެން ދިޔަ ކަމެކެވެ.

ޚާއްސަކޮށް އެމެރިކާ ޑްރޯނުން ހަމަލާދީ ޕާކިސްތާނުގެ ވަޒީރުސްތާން ސަރަހައްދުގެ އާންމުން 10 އަހަރު ވަންދެން މަރަމުން ގެންދިޔުމާއި އިރާގުގެ އަބޫޣުރައިބު ޖަލާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގި ޖަލުތަކުގައި އެމެރިކާ ސިފައިން އެދެގައުމުގެ އާންމުންނަށް ކޮށްފައިވާ ލާއިންސާނީ އަނިޔާތައް ހާމަވެގެން ދިޔުމަކީ އެމެރިކާ އާންމުންނަށް ހަމަލާދީ އާންމުން މެރުމަށް ޖެހިލުން ނުވާކަމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަން އެމެރިކާ ޖެހިލުން ނުވާކަން ހާމަވެގެން ދިޔަކަންތައްތަކުގެ ގޮތުގައި ގިނަ ބަޔަކު ދެކޭކަން ހާމަވެގެން ދިޔަކަމަށް ރަސްމޮސަން ވިދާޅުވިއެވެ.

މި ފަހަކަށް އައިސް އެމެރިކާ ދުނިޔެއަށް އޮތް ބިރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް އެމެރިކާ އެހީތެރިވުމާއި އެމެރިކާ އިސްރާއީލަށް ހިމާޔަތް ދިނުމާއި އިސްރާއީލާ ގުޅިގެން އެއްވެސް ހައްގުން ކަމަކާނުލައި އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުގާނޫނީ ހަނގުރާމައާއި، ގްރީންލޭން ހިފާނެކަމުގެ އިންޒާރު ދިނުމާއި ކެނެޑާގެ ތެލުގެ ސަރަހައްދުތަކަށް ވެރިވެގަތުމަށް އެމެރިކާ ރާވާ ރޭވުންތަކުގެ ސަބަބަބުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ދުނިޔޭގެ ވިޔަފާރީގެ މިނިވަންކަމަށް ހުރަސްއެޅުމަށް ހަރުކަށި ގޮތެއްގައި އެމެރިކާ އަޅާ ޓެރިފްގެ ފިޔަވަޅުތަކާއި ދުނިޔޭގެ ކަނޑުތަކުގައި އެމެރިކާ ހިންގާ ކަނޑުފޭރުމުގެ އަމަލުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އެމެރިކާ ގޮންޖަހާފައި ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކަކީ ވެސް އެމެރިކާ ދެކެ ގިނަ ބަޔަކު ނަފްރަތުވާ ސަބަބުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު