މައިކްރޯސޮފްޓް 365ގެ އެޕްތަކަށް އެންތުރޮޕިކްގެ "ކްލޯޑް" އޭއައި ތައާރަފްކޮށްފި

މިހާރު މައިކްރޯސޮފްޓް 365 ބޭނުންކުރާ ފަރާތްތަކަށް އެޕްތަކުގެ ތެރެއިން ސީދާ އޭއައިގެ އެހީތެރިކަން ލިބިގެންދާނެ ---

މައިކްރޯސޮފްޓް 365 ގެ މަޝްހޫރު އެޕްލިކޭޝަންތައް ކަމަށްވާ ވޯޑް، އެކްސެލް އަދި ޕަވަރޕޮއިންޓްގައި އެންތުރޮޕިކް ކުންފުނީގެ ކްލޯޑް އޭއައި ބޭނުންކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ބަދަލާއެކު އޭއައި މެދުވެރިކޮށް އަމިއްލައަށް މަސައްކަތްތައް ކުރުމުގެ ބާރު ލިބިގެންދާނެއެވެ. މި ހިދުމަތް މިވަގުތު ލިބެނީ ކްލޯޑްގެ ޕްރީމިއަމް އަދި ވިޔަފާރިތަކަށް ހާއްސަ ސަބްސްކްރައިބަރުންނަށެވެ. މީގެ އިތުރުން އައުޓްލުކް އަށް ހާއްސަ ކްލޯޑްގެ ވާޝަނެއް ވަނީ ޓެސްޓުކުރުމުގެ މަރުހަލާގައި ދޫކޮށްލާފައެވެ.

  • މައިކްރޯސޮފްޓް 365 ގެ އެޕްލިކޭޝަންތަކަށް ކްލޯޑް އޭއައި ތައާރަފްކުރުން
  • ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން އަމިއްލައަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބުން
  • އެކްސެލް، ޕަވަރޕޮއިންޓް އަދި ވޯޑް ގައި ތަފާތު މަސައްކަތްތައް ފަސޭހައިން ކުރެވުން
  • އައުޓްލުކް އަށް ހާއްސަ ކްލޯޑްގެ ވާޝަނެއް ބީޓާ މަރުހަލާގައި ދޫކޮށްލުން

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި އެންތުރޮޕިކްގެ "ކްލޯޑް" ޗެޓްބޮޓް، މައިކްރޯސޮފްޓްގެ އެކްސެލް، ޕަވަރޕޮއިންޓް އަދި ވޯޑް ފަދަ އެޕްލިކޭޝަންތަކުގައި ބޭނުންކުރެވޭ ގޮތަށް އާންމުކޮށް ދޫކޮށްލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރި މި ބަދަލާއެކު، މައިކްރޯސޮފްޓް 365 ބޭނުންކުރާ ފަރާތްތަކަށް އެޕްތަކުގެ ތެރެއިން ސީދާ އޭއައިގެ އެހީތެރިކަން ލިބިގެންދާނެއެވެ.

މި އައު އިންޓަގްރޭޝަނާއެކު ކްލޯޑްއަށް ހަމައެކަނި ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި، އަމިއްލައަށް މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ބާރު ނުވަތަ "އޭޖެންޓިކް ޕަވާސް" ލިބިގެންވެއެވެ. މީގެ ތެރޭގައި ޑޮކިއުމަންޓްތަކަށް ބަދަލު ގެނައުމާއި، އަމިއްލައަށް މައުލޫމާތު ފުރިހަމަކުރުން ފަދަ ކަންކަން ހިމެނެއެވެ.

އެކްސެލްގައި ކްލޯޑް ބޭނުންކޮށްގެން ޝީޓްތަކުގައި ހުންނަ މައުލޫމާތާ ގުޅޭ ސުވާލުކުރުމާއި، ކުށްތައް ރަނގަޅުކުރެވޭނެ ---

މި ހިދުމަތް މިވަގުތު ލިބޭނީ ކްލޯޑްގެ ޕްރޯ، މެކްސް، ޓީމް އަދި އެންޓަޕްރައިޒް ސަބްސްކްރައިބަރުންނަށް އެކަންޏެވެ.

ވެބް، ވިންޑޯސް، މެކް އަދި އައިޕެޑްގައިވެސް މި އެޑް-އިންތައް ބޭނުންކުރެވޭނެ ކަމަށް އެންތުރޮޕިކްއިން ބުނެއެވެ.

އެކްސެލްގައި ކްލޯޑް ބޭނުންކޮށްގެން ޝީޓްތަކުގައި ހުންނަ މައުލޫމާތާ ގުޅޭ ސުވާލުކުރުމާއި، ކުށްތައް ރަނގަޅުކުރުމާއި، ޓެމްޕްލޭޓްތައް ފުރުމުގެ އިތުރުން އެހެން ޓޫލްތަކުން މައުލޫމާތު ގެނައުމުގެ މަސައްކަތް ކުރެވޭނެއެވެ.

ޕަވަރޕޮއިންޓްގައި ނަމަ، މުޅިން އައު ސްލައިޑްތައް ހެދުމާއި، ޗާޓުތަކާއި ޑަޔަގްރާމްތައް އިތުރުކުރުމާއި، ފޯމެޓް ހިފަހައްޓައިގެން މުޅި ޕްރެޒެންޓޭޝަން އެޑިޓްކުރުމުގެ ގާބިލްކަން ކްލޯޑްއަށް ލިބިގެންވެއެވެ.

ވޯޑް އެޕްލިކޭޝަންގެ ތެރެއިން މި އޭއައި އެސިސްޓެންޓް ބޭނުންކޮށްގެން ލިޔުންތައް އެޑިޓްކުރުމާއި، ކޮމެންޓްތަކަށް ބަލައިގެން އިސްލާހުތައް ގެނައުމާއި، ޑްރާފްޓްކޮށްފައިވާ މައުލޫމާތުތަކުން ޓެމްޕްލޭޓްތައް ފުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މީގެ އިތުރުން، އައުޓްލުކް އީމެއިލްއަށް ހާއްސަ "ކްލޯޑް ފޯ އައުޓްލުކް" މިހާރު ވަނީ ޕަބްލިކް ބީޓާ މަރުހަލާގައި ދޫކޮށްލާފައެވެ.

މީގެ އެހީގައި އީމެއިލްތައް ކުރުކޮށްލުމާއި، މީހާގެ އަޑާއި ސްޓައިލާ އެއްގޮތަށް ޖަވާބު ލިޔުމާއި، މީޓިންތައް ތާވަލުކުރުމުގެ އިތުރުން މީޓިންތަކުގެ ބްރީފްތައް ތައްޔާރުކުރުން ފަދަ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެއެވެ.

މައިކްރޯސޮފްޓާއި އެންތުރޮޕިކްގެ ގުޅުން ބަދަހިވާން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅު، މައިކްރޯސޮފްޓްގެ ކޯޕައިލެޓް ސިސްޓަމަށް އެންތުރޮޕިކްގެ މޮޑެލްތައް އިތުރުކުރި ހިސާބުންނެވެ.

އެންތުރޮޕިކް އަކީ ގޫގުލް އާއި އެމެޒޯން ފަދަ ބޮޑެތި ކުންފުނިތަކުގެ ބޮޑު އިންވެސްޓްމަންޓްތަކެއް ލިބިފައިވާ، އަދި އޯޕަން އޭއައިއާ އެންމެ ވާދަވެރި އެއް ކުންފުންޏެވެ.

މައިކްރޯސޮފްޓް 365ގެ ތެރެއަށް ކްލޯޑް ތައާރަފްކުރުމަކީ، އޮފީސް މަސައްކަތްތަކުގައި އޭއައިގެ ބޭނުން ހިފުމަށް މައިކްރޯސޮފްޓުން ގެންގުޅޭ "މަލްޓި-މޮޑެލް" ނުވަތަ އެކި ކުންފުނިތަކުގެ އޭއައި މޮޑެލްތައް ބޭނުންކުރުމުގެ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް