އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) އިން ގަލްފް އޮފް އޮމާންގައި ހިންގި "ޚާއްޞަ އޮޕަރޭޝަނެއްގައި" އެމެރިކާގެ ތެޔޮ ޓޭންކަރެއް އަތުލައިގަތް ކަމަށް ބުނެފިއެވެ.
އެެމެރިކާއިންވެސް ވަނީ އީރާނުގެ ބަނދަރަށް ވަންނަން އުޅުނު ދެ ޓޭންކަރެއް ހުއްޓުވާފައިވާ ކަަމަށް ބުނެފައެވެ.
އިއްޔެ ފާސް ނޫސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ކަނޑުގެ ސިފައިން 'އޯޝަން ކޮއި' ކިޔާ އެ ޓޭންކަރު އަތުލައިގަތީ ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްއެޅުމަށް މަސައްކަތްކޮށް އީރާނުގެ ގައުމުގެ މަސްލަހަތަށް ބުރޫ އަރާތީއެވެ.
ދައުލަތުގެ ޕްރެސް ޓީވީން ވަނީ އީރާނުގެ ސިފައިން ބޯޓަށް އަރައި ހިފަހައްޓާ ވީޑިއޯއެއް އާންމުކޮށްފައެވެ. މެރިންޓްރެފިކް އިން ބުނާ ގޮތުގައި އެ އުޅަނދަކީ ބާބަޑޯސްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ.
ގަލްފް އޮފް އޮމާންގައި އޮންނަ އީރާނުގެ ބަނދަރަަކަށް ވަންނަން އުޅުނު އީރާނުގެ ދިދަ ޖަހާފައިވާ ދެ ޓޭންކަރު އެމެރިކާގެ އަސްކަރިއްޔާއިން އަތުލައިގަނެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވެސް ވަނީ ބުނެފައެވެ.
"މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން ވަނީ އީރާނަށް ވަންނަ ނުވަތަ ނުކުންނަ އުޅަނދުތަކަށް ހުރަސް އެޅުމަށް ފުރިހަމައަށް ތައްޔާރުވެފައި." ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑްލީ ކޫޕާ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
މި ހަމަލާތައް ދިނުމުގެ ކުރިންވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ހަމަލާތައް ބަދަލުކޮށްފައެވެ.
އީރާނުގެ ޓޮޕް ޖޮއިންޓް މިލިޓަރީ ކޮމާންޑުން ވަނީ އީރާނުގެ ތެޔޮ ޓޭންކަރަކާއި އެހެން ބޯޓަކަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދީ، ހަނގުރާމަ މެދުކަނޑާލާފައި ބޭއްވުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ ހަމަލާގައި 10 ފަޅުވެރިން ޒަޚަމްވެފައިވާއިރު، ފަސް މީހަކު ގެއްލިފައިވާ ކަމަށް އީރާނުން ބުނެއެވެ.
އަދި އެމެރިކާއިން ވައިގެ ހަމަލާ ދިނީ ހުރްމުޒް ކަނޑުއޮޅިއަށް ވަންނަ ހިސާބުގައި އޮންނަ ޤަޝްމް އައިލެންޑްގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ. އެކަމަށް ރައްދުދީ ކަނޑުއޮޅީގެ އިރުމައްޗާއި ޗަބަހާރު ބަނދަރުގެ ދެކުނުން އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ހަމަލާދީފައިވާ ކަމަށް ވެސް ކޮމާންޑުން ބުނެއެވެ.
އޭގެ ފަހުން ޓްރަމްޕް ވަނީ ހަމަލާ ބަދަލުކުރީކީ ނޫން ކަމަށާއި "ލޯބިން ޖަހާލީ" ކަމަށް ވިދާޅުވެފައެވެ.
ހުކުރު ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް އީރާނުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އަދިވެސް އިރާނުން ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރަމުން އަންނަ ކަމަށެވެ.
އީރާނުން އަދިވެސް އެ ހުށަހެޅުން މުރާޖާ ކުރަމުން އަންނަ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ ވިދާޅުވެފައެވެ.