އުމުރުން ދުވަސްވީ ނަމަވެސް, ދިރި ހުރިހާ ހިނދަކު ބޭނުންވަނީ އާ ކަންތައްތަކެއް ދަސްކޮށް އުނގެނުމަށް ކަމަށް އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަން ބުނެފިއެވެ.
މިހާރުވެސް ފިލްމީ މަސައްކަތްތަކުގައި ދެމިހުރި އުމުރުން 83 އަހަރުގެ އެކްޓަރު ބުނެފައި ވަނީ، އެއްވެސް ދުވަހަކީ އަނެއް ދުވަހާ އެއްގޮތް ދުވަހެއް ނޫން ކަމަށާއި އެހެންވެ އާ ކަންތައްތަކެއް ތަޖުރިބާ ކުރުމަކީ އަބަދުވެސް ބޭނުންވާ ގޮތް ކަމަށެވެ.
ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ 2898 އޭޑީ"ގެ ދެވަނަ ބައިގެ މަސައްކަތުގައި މި ދުވަސްކޮޅު އަވަދިނެތި އުޅެމުން އަންނަ އަމީތާބަކީ އިންޑިއާގެ ސިނަމާގައި އުފެދުނު އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.
ފާއިތުވި 60 އަހަރުގެ ދިގު ފަންނީ ދަތުރުގައި އަމީތާބް ވަނީ ތަފާތު އެކި ބަސްބަހުން އުފައްދާފައިވާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، އެތައް ކާމިޔާބީތަކާއި އެވޯޑުތަކެއް ހޯދާފައެވެ. އަމީތާބް ކުޅޭ ރޯލުގެ ކުޑަ ބޮޑުމިނަށް ނުވަތަ މަސައްކަތްކުރާ ދާއިރާއަށް ބެލުމެއްނެތި، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ސާބިތުކަމުގެ ސަބަބުން އެއީ އަބަދުވެސް އާންމުންގެ އިހުތިރާމާއި ލޯބި ލިބެމުން އަންނަ އެކްޓަރެކެވެ.

އަމީތާބް އެކްޓަރު ކަމަލް ހަސަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އެއީ ފިލްމެއްގެ ރޯލަކަށް ވިޔަސް ނުވަތަ ޓީވީ ޝޯއެއްގެ ހޯސްޓަކަށް ވިޔަސް، އަމީތާބްގެ މަސައްކަތްތެރިކަމަށް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.
އަމީތާބަކީ އާންމުކޮށް އަމިއްލަ ބްލޮގް މެދުވެރިކޮށް ތަފާތު އެކި މައުޟޫއުތަކާ މެދު ދެކޭ ގޮތާއި އަމިއްލަ ޚިޔާލުތައް ހިއްސާކުރަމުން އަންނަ އެކްޓަރެކެވެ. އެހެންވެ އަމީތާބްގެ ބްލޮގް ކިޔުމަށް ޝައުގުވެރިވާ އެތައްހާސް ބަޔަކު ތިބޭކަމީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
އެންމެ ފަހުން ލިޔުނު ލިޔުމުގައި ކުޅަދާނަ އެކްޓަރު ބުނެފައި ވަނީ، އިންސާނާގެ ކުރިއެރުމުގައި 'އުނގެނުމަކީ' ދިރިއުޅުމުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.
"ދިރި ހުރިހާ ހިނދަކު އުނގެނުން އޮންނާނެ. އެއީ ކަންކަން ދެނެގަތުމާއި، ކުރިމަތިވާ ހުރަސްތަކާއި، ލިބޭ ކާމިޔާބީތަކުން އުނގެނޭ އުނގެނުމެއް. އެކަމަށް ބޭނުންވަނީ އެކަން ބަލައިގަތުމާއި، އުނގެނުމުގެ ޝައުގުވެރިކަމާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު. އަދި އެންމެ ފަހުން އެކަން އަމަލީ ގޮތުން ކުރުން. އަހަރެމެންގެ ތެރެއިން މިކަމާ އެއްބަސްވެވޭނީ ކިތައް މީހުންނަށްތޯ ބަލާއިރު، އެއީވެސް އުނގެނުމެއް. އެހެންކަމުން، ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެއް ކަމަށްވާތީ، އަހަރެން ކޮންމެ ދުވަހަކުވެސް އާ ކަންކަން ދަސްކުރަން،" އަމީތާބް އަމިއްލަ ބްލޮގްގައި ލިޔެފައިވެއެވެ.

އަމީތާބް ދަރިފުޅު، އެކްޓަރު އަބީޝެކް ބައްޗަންއާ އެކު--ފޮޓޯ/އެންޑީޓީވީ
މިދިޔަ މަހު އަމީތާބް ހިއްސާކުރި އެހެން ލިޔުމެއްގައި ބުނެފައި ވަނީ، މަސައްކަތެއް ނެތި ހޭދަވާ ކޮންމެ ދުވަހަކީ އެކްޓަރުގެ އާންމު ދިރިއުޅުމުގެ ތަރުތީބު ގެއްލި، ނުތަނަވަސްކަން އިހުސާސްކުރަން ޖެހޭ ދުވަހެއް ކަމަށެވެ. ތަރުތީބެއްގެ މަތިން މަސައްކަތް ނުކުރެވޭ ދުވަސްދުވަހު، އާދަވެފައިވާ ކަންކަން މުޅިން ބަދަލުވެ، އެ ދުވަހުގެ މަސައްކަތްތައް އޮޅުންބޮޅުންވާ ކަމަށް އަމީތާބް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
"ނުތަނަވަސްކަމުގެ ތެރޭގައި ދިރިއުޅުމަކީ ސިއްހަތަށާއި ނަފުސަށް ގެއްލުން ހުރި ކަމެއް ކަމަށް ބުނެވޭއިރު، މިފަދަ ކަންކަމުގެ ސަބަބުން މުޅި ދުވަސް ނުތަނަވަސްކަމެއްގެ ތެރޭގައި ހޭދަކުރުމަކީ ބޭނުންތެރި ކަމެއް ނޫން،" އަމީތާބް ލިޔެފައިވެއެވެ.
އަމީތާބް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ނާގް އަޝްވިން ޑައިރެކްޓްކުރި "ކަލްކީ 2898 އޭޑީ"ގެ ރޯލަކުންނެވެ. މި ފިލްމުގައި އަމީތާބްއާއެކު ލީޑް ރޯލުން ފެނުނީ ޕްރަބާސް، ދީޕިކާ ޕަދުކޯން އަދި ކަމަލް ހަސަންއެވެ.
މި ސައިންސް ފިކްޝަން ޑްރާމާގައި އަމީތާބް ކުޅުނު 'އަޝްވަތާމާ'ގެ ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު، މި ފިލްމަކީ މުޅި ދުނިޔެއިން 1،000 ކްރޯޑް ރުޕީސް އަށްވުރެ ގިނައިން އާމްދަނީ ހޯދާފައިވާ ވަރަށް ކާމިޔާބު ފިލްމެކެވެ.