ޑްރަގް ކެފޭއެއް ބަންދުކުރަން، ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި

ކްރިމިނަލް ކޯޓު: ޑްރަގް ކެފޭއެއް ބަންދުކުރަން، ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި -- ފޮޓޯ/ ރައީސް އޮފީސް

މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް ކަމަށްވާ ހ. ގުންޒަރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން 90 ދުވަހަށް ބަންދުކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގައި މިފަދަ ތަނެއް ބަންދުކުރުމަށް ކޯޓަކުން އަމުރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ މާރިޗު މަހު ގެނެވުނު ގާނޫނީ އިސްލާހުގެ ދަށުން، މިފަދަ ތަންތަން ބަންދުކުރުމުގެ ބާރު ފުލުހުންނަށާއި ކޯޓުތަކަށް ވަނީ ލިބިފައެވެ.

  • މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ބަންދުކުރަން ކޯޓުން ފުރަތަމަ ފަހަރަށް އަމުރުކުރުން.
  • މާލޭގެ ހ. ގުންޒަރު 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމުން.
  • ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ތަންތަން ބަންދުކުރުމުގެ ބާރު ފުލުހުންނާއި ކޯޓަށް ލިބުން.
  • މިފަދަ ކުށްތަކަށް 5 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅިފައިވުން.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކ. މާލެ/ ހ. ގުންޒަރު ބަންދުކުރުމަށް ކަމަށެވެ.

އެ ތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން 90 ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެ ގޮތަށް ބަަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފެށީ މިއަހަރުގެ މާރިޗު މަހުގެ ހަތެއްގައެވެ.

ފުލުހުން ބުނި ގޮތުގައި ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100،000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. އަދި މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ވެސް ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް