ލޭ ހަދިޔާކުރާ މީހުންގެ ދަފުތަރެއް މި އަހަރު ތައާރަފުކުރާނެ ކަން ހާމަކުރައްވައި، މި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ހަލީމް ނެރުއްވި ބަޔާނެއްގައި ވަނީ، މިއަދަކީ ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމާއި ލޭގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތްތައް ވަޒަންކޮށް، ދާއިރާއިން ބޮޑެތި ކާމިޔާބީތައް ހޯދުމަށް އަޒުމު އާ ކުރާ ދުވަސް ކަމަށެވެ.
އެ ބަޔާނުގައި ހަލީމް ވަނީ، މި ސަރުކާރުން ތެލެސީމިއާ ދާއިރާއަށް ކޮށްދެވުނު މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.
މިގޮތުން، މިދިޔަ އަހަރުގެ މެއި 25ގައި، ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރެވުމަކީ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ފަސޭހަތައް ލިބުން އިތުރުވި ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

އޮރެންޖު ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު -- ފޮޓޯ/ އެމްއެންޑީއެފް
އޭގެއިތުރަށް، 'ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު' އިފްތިތާހު ކުރެވުމަކީ، ތެލެސީމިއާ ކުދިންގެ ސިއްހީ ހާލަތު ބަލައި، ފަރުވާ ނިޒާމެއް ކަށަވަރުކުރުމަށް ހުޅުވުނު މުހިންމު ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ފާހަގަކުރެއްވި ކަންކަން:
- ތެލެސީމިއާ ކުދިންނަށް ޚާއްސަ އެލަވަންސެއް ހަމަޖައްސައިދީފައިވުން
- ތެލެސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ ނިޒާމު ގާއިމުކުރެވިފައިވާކަން
- ޑީއެންއޭ ލެބޯޓްރީގެ ޚިދުމަތް ފެށި، ހުކުރު ދުވަސްތަކުގައި ލޭ އެޅުމުގެ ޚިދުމަތް ފެށުން
- ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ޖަމާވާ މިންވަރު ދެނެގަންނަ 'އެމްއާރްއައި ޓީޓޫ ސްޓާ'ގެ ޚިދުމަތް ގާއިމުކުރެވިފައިވުން
- އެންޑޮކްރިއިނޮލޮޖީއާއި ހެމަޓޮލޮޖީގެ އިތުރަށް އެޗްއެލްއޭ ޓައިޕިންގެ ޚިދުމަތް ފެށިފައިވުން
އިތުރަށް ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ތެލެސީމިއާ ހަތަރު ކުދިން އުފަންވެފައިވުމަކީ، ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

މާލެ ހޮސްޕިޓަލް ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު --- ފޮޓޯ: ރައީސް އޮފީސް
މިގޮތުން، އެ ކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލައި އެޅުމަށް ބާރުއެޅުމުގެ ގޮތުން ކައުންސެލިންގެ ޚިދުމަތްތައް ހަރުދަނާކުރުމަކީ، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އެއް ލަނޑުދަނޑި ކަމަށް އޭނާ ވިދާޅުވިއެވެ.
ކައިވެނީގެ ކުރިން ދެވޭ ކައުންސިލިންނާއި ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތާއި އިރުޝާދުތައް ފޯރުކޮށްދޭ ޚާއްސަ ނިޒާމެއް މިއަހަރު ތައާރަފުކުރާނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެއިތުރަށް، ލޭ ހަދިޔާ ކުރާ މީހުންގެ ޚާއްސަ ދަތުފަރެއް ޑިޖިޓަލައިޒްކޮށް މި އަހަރު tތައާރަފުކުރާނެކަން ހަލީމް ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމަށް ތާރީޚީ ބަދަލުތަކެއް ގެނެސްދެއްވި ކަމަށްޓަކައި، ހަލީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.
އެއާއެކު، މި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް އުފާވެރި، ދިރިއުޅުމެއް ކަށަވަރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމާއި ޒަކާތު ފަންޑުގެ ހިލޭ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމުގެ ފުރުސަތުތައް އިތުރުވުމަކީ އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.