ސޫރިޔާގެ ހަނގުރާމައިގާ 2000 އަށް ވުރެ ގިނަ ސްކޫލް ހަލާކުވެއްޖެ

އދ. މަޖިލިސް (ސެޕްޓެމްބަރ 16): ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ދެހާހަށްވުރެ ސްކޫލް ހަލާކުކޮށްލާފައިވާކަމަށް ކުޑަކުދިންނާބެހޭ އދ.ގެ ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.

މިފަންޑްގެ ތަރްޖަމާނާ މެރިކްސީ މިރްކާޑޯ ވިދާޅުވީ މިހާ ގިނަ ޢަދަދެއްގެ ސްކޫލް ޢިމާރާތް ސޫރިޔާގައި ހަލާކުވެފައިވުމުން މިސެޕްޓެމްބަރު މަހު އެޤައުމުގައި ފެށޭ ދިރާސީ އައު އަހަރުގައި ކިޔަވައިދޭނެ ސްކޫލްތައް މަދުވެ ކުދިން ތައްލީމުން މަޙްރޫމް ވުމުގެ ބިޜާކުރިމަތިލާންޖެހިދާނެ ކަމުގަ އެވެ. ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅުމަށް ވަގުތީ ހިޔާތަކުގެ ގޮތުގައި ވެސް ގިނައިން ބޭނުންކުރަނީ ސްކޫލް ޢިމާރާތްތަކެވެ.

މިފަދަ ފަރާތްތަކުން ވަގުތީ ހިޔާގެ ގޮތުގައި ވެސް 800 އަށް ވުރެ ގިނަ ސްކޫލް ބޭނުންކުރަމުންގެންދާކަމަށް ސޫރިޔާގެ ތަޢްލީމާ ބެހޭ ވުޒާރާ އިން ހާމަކުރެ އެވެ. ފެށޭ ދިރާސީ އައު އަހަރުގައި އެ ޤައުމުގެ ސަރުކާރަށާއި "ޔުނިސެފް" އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކިޔަވާ ކުދިންނަށް ސްކޫލްތައް ބޭނުންވާ މިންވަރަށް ހަމަޖައްސައި ދިނުމެވެ. މިކަމަށް ޓަކައި ވަގުތީ ސްކޫލް ޢިމާރާތުގެ ގޮތުގައި ފޭލިގެ އާއި ބޮޑެތި ކޭމްޕްތައް ޖެހުމަށް މިދެފަރާތް ގުޅިގެން މަސައްކަތްކުރަމުން ގެންދާ ކަމަށް ޔުނިސެފުން ބުނެ އެވެ. ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ގެއްލުން ލިބިފައިވާ ސްކޫލް ޢިމާރާތްތަކުގެ ތެރޭން 67 ޢިމާރާތެއް ޔުނިސެފުން މަރަމާތުކޮށްފައިވެ އެވެ. އަދި ސޫރިޔާގެ ސަރުކާރުން ގެންދަނީ 100 ސްކޫލް ޢިމާރާތް މަރާމާތު ކުރަމުންނެވެ.

ރައީސް ބައްޝާރުލް އަސަދްގެ ވެރިކަން ވައްޓާލުމަށް ފެށުނު ޙަރަކާތްތަކާ ގުޅިގެން ސޫރިޔާގައި ފެށުނު އަހްލީ ހަނގުރާމައިގާ އެޤައުމުގެ ވަރަށް ގިނަ ރައްތަކާއި ވިލެޖްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި މިހާތަނަށް 27 ހާސް މީހުން މިހަނގުރާމައިގާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު