ގަދަ އަވީގެ ހޫނުކަން އިހުސާސް ނުވާ ދުވަސްތަކާއި، އިރުގެ އަލި މަޑު ދުވަސްތަކުގައި ސަންސްކްރީން ބޭނުންނުކޮށް ދޫކޮށްލުމަކީ މައްސަލައެއް ހެއްޔެވެ؟
އުޑުމަތި ބަނަ، ފިނި ދުވަސްތަކުގައި ނުވަތަ ބޭރުގައި ހޭދަކުރާ ވަގުތު މަދު ދުވަސްތަކުގައި މިކަން އޮންނަނީ ކިހިނެއް ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ
މި ސުވާލުތަކުގެ ޖަވާބުގެ ގޮތުގައި ކަމާގުޅޭ ސިއްހީ މާހިރުން ވިދާޅުވަނީ، ކޮންމެ ދުވަހަކުވެސް އިރުގެ އަލި ސީދާކޮށް އެޅޭ ހަށިގަނޑުގެ ބައިތަކުގައި ސަންސްކްރީން އުނގުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެމެރިކާގެ އޮސްޓިންގް ވެސްޓްލޭކް ޑާމަޓޮލޮޖީގެ ކެންސަރު ބައްޔަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެސިކާ "ނިކީ" ޑިއެޓަޓް ވިދާޅުވާ ގޮތުގައި، އިރުގެ ޔޫވީ ދޯދިތަކަކީ ނުރައްކާތެރި އެއްޗެކެވެ. ބޭރުގައި ހޭދަކުރާ އެންމެ 15 މިނެޓަކީވެސް ދިގު މުއްދަތަކަށް ބަލާއިރު ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިކުރުވާނެ ވަގުތެއްގެ ގޮތުގައި ޑރ. ޖެސިކާ ވަނީ ފާހަގަކުރައްވާފައެވެ.

އިރުގެ އަވީގެ ސަބަބުން ޖެހޭ ކެންސަރަކީ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ބައްޔެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ހެލްތުލައިން
އިރުގެ ދޯދިތަކަށް ހުށަހެޅެނީ ހަމައެކަނި ބޭރުގައި އުޅޭއިރަކު ނޫނެވެ. ދެހާސްދިހަ ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ފިރިހެނުންގެ ހަށިގަނޑުގެ ވާތް ފަރާތުން ހަމުގެ ކެންސަރު ފެނުން އާންމެވެ. މީގެ ސަބަބަކީ ދުއްވަން އިންނައިރު ވާތްފަރާތުން އަވި އެޅުމެވެ.
އަދި 2016ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ކާރުގެ ކުރިމަތީ ބިއްލޫރިގަނޑުން ޔޫވީއޭ ދޯދިތަކުގެ 96 އިންސައްތަ ހުއްޓުވައިދިން ނަމަވެސް، އަރިމަތީ ބިއްލޫރިތަކުން ހުއްޓުވައިދެނީ އެންމެ 44 އިންސައްތައެވެ.
ޑރ. ޑިއެޓަޓް ވިދާޅުވާ ގޮތުގައި އިރުގެ އަވީގެ ސަބަބުން ޖެހޭ ކެންސަރަކީ ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ފަދަ ނުރައްކާތެރި ބައްޔެކެވެ.
ނަމަވެސް، އެންމެ ރަނގަޅު ފަރުވާއަކީ ރައްކާތެރިވުމެވެ. އެހެންކަމުން، މޫނު، ކަރު، މޭމަތި، ކަންފަތް، އަތްތިލަ އަދި އަތުގެ މުލައްދަނޑީގައި ކޮންމެ ދުވަހަކު ސަންސްކްރީން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.
ރަނގަޅު ސަންސްކްރީނެއް އިހްތިޔާރު ކުރުމުގައި އެމެރިކަން އެކަޑަމީ އޮފް ޑާމަޓޮލޮޖީއިން ލަފާދޭ ގޮތުގައި، އެސްޕީއެފް 30 ނުވަތަ އެއަށްވުރެ މަތީ މިންވަރެއް ހުންނަ ސަންސްކްރީނެއް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން ޔޫވީއޭ އަދި ޔޫވީބީ ދޯދިތަކުން ރައްކާތެރިކޮށްދޭ، ފެނުގައި ޖެހުމުން ނުގިރޭ ސަންސްކްރީންއެއް އިހްތިޔާރު ކުރެވިދާނެއެވެ.
ސަންސްކްރީންގެ މައިގަނޑު ދެ ބާވަތެއް ހުރެއެވެ. އެއީ ކެމިކަލް ސަންސްކްރީނާއި ފިޒިކަލް ނުވަތަ (މިނެރަލް) ސަންސްކްރީނެވެ.
މިނަރަލް ސަންސްކްރީނަކީ ހަމަށް މާ ރައްކާތެރި އަދި އޭގައި ހިމެނޭ "ޒިންކް އޮކްސައިޑް" އާއި "ޓައިޓޭނިއަމް ޑައިއޮކްސައިޑް" ގެ ސަބަބުން ހަންގަނޑު ނާޒުކު މީހުންނަށް މާ އެކަށީގެންވާ އެއްޗެކެވެ.
ހަމުގެ ކެންސަރުން ރައްކާތެރިވުމުގެ އިތުރުން، ސަންސްކްރީން ބޭނުންކުރުމުގެ އެހެނިހެން ފައިދާތަކުގެ ތެރޭގައި، މުސްކުޅިވުމުގެ އަލާމާތްތައް (ރޫޖެހުން ފަދަ ކަންކަން) ލަސްކޮށްދިނުން، ލަކުނުތައް ފަނޑުކޮށްދިނުން، ހަމުގެ ކުލަ ތަފާތުވުން އަދި އިލެކްޓްރޯނިކް ސާމާނުން އަންނަ "ބްލޫ ލައިޓް"އިން ހަންގަނޑު ރައްކާތެރިކޮށްދިނުން ހިމެނެއެވެ.
ސަންސްކްރީންގެ އިތުރުން، އަވިން ރައްކާތެރިވުމަށްޓަކައި ތޮފި އެޅުމާއި، އަވިން ރައްކާތެރިކޮށްދޭ ފޭރާން ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ކޮންމެ ދެ ގަޑިއިރަކުން ސަންސްކްރީން އާކުރުމާއި، ހެނދުނު 10 އަކާއި މެންދުރުފަހު ދޭކާ ދެމެދު އަވީގައި އުޅުން މަދުކުރުމަކީ ރަނގަޅު ކަމެކެވެ.
ކޮންމެ ދުވަހަކުވެސް ސަންސްކްރީން ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އުޑުމަތި ބަނަ ނަމަވެސް ނުވަތަ ހަމުގެ ކުލަ ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އިރުގެ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް މިއީ އެންމެ މުހިންމު ފިޔަވަޅެވެ.