ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް، 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރަށް

ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް، 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރަށް --- ފޮޓޯ: ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މި މަހުގެ ހަތަރުވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި ހަތް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު، ފުލުހުންނާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް އިތުރު 13 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ. މި މައްސަލައިގައި ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

  • މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވޭ
  • މި މައްސަލައިގައި ދިވެއްސަކާއި ބިދޭސީ ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ ޖަހާފައި
  • އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ވައިގެ މަގުން އެތެރެކުރި 7 ކިލޯއާއި، މާލޭގެ އެޕާޓްމަންޓްތަކުން ފެނުނު 13 ކިލޯ ހިމެނޭ
  • މިއީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ކާމިޔާބު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައި 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މިއީ މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން ރާއްޖެ އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އުމުރުން 43 އަހަރުގެ އެމް ޑީ ޖޯޝިމް އުއްޑިންއާއި އުމުރުން 32 އަހަރުގެ މަމުން ދަލި ކަމަށެވެ.

އެ މީހުންނަށް ކުރާ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރުމެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، ޖުމްލަ 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެ އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.

comment ކޮމެންޓް