ސަން ސިޔާމް ރިސޯޓްސް 36ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސަން ސިޔާމް ހެޑު އޮފީހުގެ މުވައްޒަފުން، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ޚިދުމަތް ހޯދާ ތެލެސީމިއާ ކުދިންގެ ގާތަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ގުޅުވައި، ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް ހިންގައެވެ. ކޮވިޑާ ގުޅިގެން އެ ހަރަކާތް މެދުކަނޑާލި ނަމަވެސް، 2023އިން ފަށައިގެން ކޮންމެ އަހަރަކު ވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް ބާއްވައެވެ.
ކޮންމެ އަހަރެއްގެ މެއި، އަށް ވަނަ ދުވަސް ފާހަގަކުރަނީ ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހުގެ ގޮތުގައެވެ.
ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ޒިޔާރަތްކޮށް، ހަދިޔާ ހަވާލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މިގޮތުން، މާދަމާ ފާހަގަކުރާ، ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާއި ތެލެސީމިއާ ދުވަހާ ދިމާކޮށް ހެޑް އޮފީހުގެ މުވައްޒަފުން މިއަދު ވަނީ، ތެލެސީމިއާ ކުދިންނާ ބައްދަލުކޮށް، އެ ކުދިންގެ ހާލުއަހުވާލު އޮޅުންފިލުވާފައެވެ. އަދި، އެ ކުދިންނަށް ހަދިޔާއެއް ވެސް ވަނީ ދީފައެވެ.
ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ، މިއީ ލޭ ހަދިޔާކުރުމުގެ ހަރާކަތްތައް ފެށުމަށް ބޭއްވި ހަރަކާތެކެވެ.
އެގޮތުން، ކޮންމެ އަހަރަކު ވެސް ސަން ސިޔާމް ގުރޫޕުން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަނީ އެތައް ކުދިންނެއް ލޭ ބޭނުންވެފައިވެފައި ތިބޭތީ އެ ކުދިންނަށް އެހީވުމަށް ކަމަށް އައްޒަ ވިދާޅުވިއެވެ.

ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ހަދިޔާ ހަވާލުކުރުން --- ސަން ފޮޓޯ
މި ޒިޔާރަތާ ގުޅުވައި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ އެކްސްކޯ މެންބަރު ސާއިފާ އިބްރާހިމް ނަސީރު ވިދާޅުވީ، ސަން ސިޔާމް ގުރޫޕުން ބާއްވާ މި ފަދަ ހަރަކާތްތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް އުފާވެރިކަން ގެނުވާ ކަމަށެވެ. އަދި، އެ ކުދިންގެ ގަޔަށް އަޅާ ލެޔަކީ ފުރާނައާ ގުޅިފައިވާ ކަމެއް ކަމަށްވާއިރު، ލޭ ހޯދުމަށް ގިނަ ފަހަރަށް ދަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަން ސިޔާމް ގުރޫޕު ފަދަ ބޮޑު ކުންފުންޏެއްގެ އެތައް ސަތޭކަ މުވައްޒަފުންނެއް މިގޮތަށް ލޭ ހަދިޔާ ކުރުމަކީ އެފަދަ މީހުންނަށް ބޭނުންވާ ލޭ ފަސޭހައިން ލިބޭނެ ގޮތެއްކަން ފާހަގަކުރައްވައި އޭނާ ވަނީ، ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ސަން ސިޔާމް ކުންފުނިން މި އަހަރުގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށާނީ އަންނަ ހޮނިހިރު ދުވަހު އޮޅުވެލީގައެވެ. އެއަށް ފަހު، ސަން ސިޔާމްގެ ފަހަރަކު ރިސޯޓެއްގައި މި ކޭމްޕު ކުރިއަށް ގެންދާނެއެވެ.
ސަން ސިޔާމް ރިސޯޓުތައް އުފެދުނު ފަހުން އެތައް އަހަރެއް ވެފައިވާއިރު، އެ ކުންފުނިން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އެމްބީއެސްއާ ގުޅިގެން ވޭތުވެދިޔަ ހަތަރު އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބޭއްވި ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް ވަނީ ހިމެނިފައެވެ.