ގައުމީ ބޭންކު، ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ 'ނެޗުރަލް' ކަމެއް ކަމަށާއި އެ ބޭންކަށް ޑޮލަރު ބޭނުންވާނަމަ، އެކަން ކޮށްދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ރުފިޔާ ކާޑަށް ދެމުން ގެންދާ ޑޮލަރު ލިމިޓް މި ފަހުން ވަރަށް ބޮޑަށް ކުޑަކޮށްފައިވާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން ސަބްސްކްރިޕްޝަންތަކަށާއި އޮންލައިން ވިޔަފާރިތަކަށް ބީއެމްއެލް ކާޑު ގިނަ ފަހަރަށް ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ ބޮޑެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވައި، ސައީދު ވަނީ، ކުދި، މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ވިއްކުން ހަރުދަނާ ކުރުމަށް ބީއެމްއެލްއިން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފުސީލު ދެއްވާފައެވެ.
މިގޮތުން، ވިޔަފާރިތަކަށް ޑޮލަރު ލިބޭނެ އިންތިޒާމު ފަސޭހަކޮށް، ގިނަ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްއާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ، ބައެއް ވިޔަފާރިތަކުން ތަފާތު ހަ ޓީޓީ އުފައްދާ ކަމަށެވެ. ނަމަވެސް، އެ މުއާމަލާތްތަކަށް ޑޮލަރު ދޫކުރެވޭނީ އެ ބެންކަށް ލިބޭ ވަރަކުން ކަމަށާއި ސިޔާސަތަށް ބައެއް ބަދަލުތައް އައުން އެކަށީގެންވާކަން ސައީދު ފާހަގަކުރެއްވިއެވެ.
ޑޮލަރު: މިނިސްޓަރު ސައީދު ވިދާޅުވީ، ބީއެމްއެލަށް އިތުރު ޑޮލަރު ބޭނުންވުމަކީ ނެޗުރަލް ކަމެއް ކަމަށް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެއާއެކު، މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ވިޔަފާރިތަކުގެ ޓީޓީއަށް ބީއެމްއެލްއިން ދޫކުރި އަދަދުތައް ކިޔައިދެއްވާފައެވެ.
- މިދިޔަ އަހަރު ޓީޓީއަށް، 175 މިލިއަން ޑޮލަރު، އެއީ މަހަކަށް 15 މިލިއަން
- މިދިޔަ މަހުގެ ނިޔަލަށް ޓީޓީއަށް 136 މިލިއަން ޑޮލަރު، އެއީ މަހަކު 34 މިލިއަން
މިނިސްޓަރު ވިދާޅުވީ، ވިޔަފާރިތައް ކުރިއަރައި، ޑޮލަރު ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.
ޑޮލަރު ލިބޭ ފްލޯގައި ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރިކަމަށްވަންޏާ އެއީ ނެޗުރަލް ކަމެއް. އެ ބޭފުޅުންނަށް އިތުރަށް ޑޮލަރު ހޯދަދޭން ޖެހޭނެއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ އަމާޒަކީ ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނެސް، ކަޅު ބާޒާރު އުވާލުމެވެ.
މާރިޗު، 2024ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭރު ޑޮލަރެއް ލިބެނީ 18 ރުފިޔާއަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ވަނީ ޑޮލަރުގެ އަގު ދަށްވާނެ ކަމަށް އޭރު ވިދާޅުވެފައެވެ.
ނަމަވެސް، އޭގެ ފަހުން ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އާންމުކޮށް ހުންނަނީ 20 ރުފިޔާއިން މަތީގައި ހިފެހެއްޓިފައެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވުމުން، އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ޑޮލަރުގެ އަގު އުފުލޭ ކޮންމެ ފަހަރަކު ތަކެތީގެ އަގަށް ވެސް އެ ބަދަލު އާދެއެވެ.