އީރާނާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިއްޖެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފާއިތުވެ ދިޔަ 24 ގަޑިއިރު އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި. ފޮޓޯ/އޭއެފްޕީ

ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނާއެކު "ވަރަށް ރަނގަޅު މަޝްވަރާތަކެއް" ކޮށްފައިވާ ކަމަށާއި އެއްބަސްވުމެއް ގާއިމުކުރުން އެކަށީގެންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ދެ ފަރާތުގެ މެދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިޝާރާތް ކުރައްވައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވަން ޖެހޭ ކަމަށް ވެސް ޓްރަމްޕް އިއްޔެ ވަނީ ވިދާޅުވެފައެވެ.

"މިއީ ވަރަށް ކުޑަ ކަމެއް. އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ސަބަބަކީ އެ މީހުން ކިތަންމެ ހަރުކަށި ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެ މީހުން ދިރިތިބެން. އަޅުގަނޑުމެން ބޭނުންވަނީ ތިޔަ ހުރިހާ ބޭފުޅުން ދިރިތިއްބަން." ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އަދި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަނެއްކާވެސް ހަމަލާދޭނެ ކަމަށް ވިދާޅުވާ ވާހަކަ ޓްރަމްޕް އިއްޔެ ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބަޣާއީ ވަނީ އެމެރިކާއާއެކު އެއްބަސްވުމެއް ގާއިމު ކުރުން ގާތް ކަމަށް ބުނާ ރިޕޯޓްތަކަކީ މާބޮޑު ހަގީގަތެއް ނެތް ރިޕޯޓުތަކެއްގެ ގޮތަށް ސިފަކުރައްވާފައެވެ.

އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން އަދި ރަސްމީ ޖަވާބެއް ނުދިން ނަމަވެސް ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިވާ ޕާކިސްތާން މެދުވެރިކޮށް ޑިޕްލޮމެޓިކް މެސެޖުތައް ބަދަލުކުރަމުންދާ ކަމަށް ބަޢާއީ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ގާއިމުކުރުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވީ ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއްނެތެވެ.

އީރާނުގެ ނިއުކްލިއާ މައްސަލައާއި ހުރްމުޒް ކަނޑުއޮޅީގެ ކޮންްޓްރޯލުގެ ހޯދުމުގެ މައްސަލައަކީ ދާއިމީ އެއްބަސްވުމެއް ގާއިމުކުރުމާމެދު ދެ ފަރާތުގެ ދެމެދުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވެފައިވާ ދެ މައްސަލައެވެ.

ޕާކިސްތާނުގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައުމަށް އެއް ޞަފްޙާގެ މެމޮރެންޑަމެއްގެ އެއްބަސްވުމެއް ވަރަށް އަަވަހަށް ގާއިމުކުރާނެއެވެ.

އެއާއެކު ކަނޑުއޮޅި ބަންދުކުރުން އުވާލުމާއި، އީރާނަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަށާނެ ކަމެއް ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މިދިޔަ ހަފްތާގައި އީރާނުން ހުށަހެޅި 14 ނުކުތާގެ ޕްލޭނަކާ މި މެމޮރެންޑަމް ތަފާތުވަނީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ.

އީރާނުގެ ތަސްނީމް ނޫހުން ބުނެފައިވާ ގޮތުގައި އެމެރިކާގެ އެ ހުށަހެޅުމުގައި އީރާނަށް އެއްބަސްނުވެވޭފަދަ ކަންކަން ހިމެނެއެވެ.

އީރާނުގައި ހުރި ހުރިހާ ޔުރޭނިއަމެއް ނައްތާލުމަށް އެމެރިކާ އިން ޝަރުތު ކުރާ ނަމަވެސް އެއީ ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންކުރާނެ ޔުރޭނިއަމެއް ނޫން ކަމަށްބުނެ ޔުރޭނިއަމް ނައްތާލަން އީރާނުން ދެކޮޅުހަދައެވެ.

ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދޭން ފެށި ހަމަލާތައް އޭޕްރީލް އަށް ވަނަ ދުވަހުން ފެށިގެން އޮތީ މެދުކަނޑާލާފައެވެ.

އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ކުރީގެ އިސްވެރިޔާ އާޔަތުﷲ ޢަލީ ހާމަނާއީ ހިމެނޭހެން އިސްވެރިން އަވަހާރަކޮށްލާފައިވާއިރު، އާންމުގެ އެތައް ބަޔަކުވެސް ވަނީ ހަމަލާތަކުގައި މަރުވެފައެވެ.

އެެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުންވެސް ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި ތެޔޮ ފެސިލީޓީތަކުންގެ އިތުރުން އިސްރާއީލަށްވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދީފައެވެ.

comment ކޮމެންޓް