މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގައި ބައިވެރިވުމަށް އެމެރިކާއަށް ދާ އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުކުރުވާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާގައި އެދިއްޖެއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖް ވިދާޅުވީ، މުބާރާތުގެ ތެރޭގައި އެމެރިކާއިން އީރާން ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އީރާނުން ބައިވެރިވުމާ ގުޅޭ ގޮތުން ފީފާއާއެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އީރާނުގެ ބައިވެރިވުމާ މެދު ސުވާލު އުފެދުނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާ ގުޅިގެންނެވެ.
މިދިޔަ ހަފްތާގައި ކެނެޑާގައި ބޭއްވި ފީފާ ކޮންގްރެސްއަށް ވަޑައިގަތުމަށް މެހްދީ ތާޖަށް ވިސާ ނުލިބުނު މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އޭނާއަށް ވިސާ ނުލިބުނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގައި ކުރިން މަސައްކަތް ކުރައްވާފައި ވާތީއެވެ. އެމެރިކާ އާއި ކެނެޑާއިން އައިއާރުޖީސީ ބަލަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.
މިކަމާ ގުޅިގެން މެހްދީ ތާޖް ވިދާޅުވީ މާޒީވެ ގޮސްފައިވާ ކަންކަމުގެ ވާހަދައްކައި އެކަންކަމަށް ބަލާ ފިޔަވަޅު އެޅުމަކީ ގޯސްކަމެއް ކަމަށެވެ. އަދި އީރާނުގެ ޓީމަށް ރައްކާތެރިކަމުގެ ޔަގީންކަމެއް ނެތި އީރާނަށް މުބާރާތުގައި ބައިވެރިވުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ މުބާރާތުގެ ވެރިފަރާތަކީ ފީފާ ކަމަށާއި، އެމެރިކާ ނޫން ކަމަށެވެ. އެހެން ކަމުން ފީފާއިން އެކަން ކަށަވަރުކޮށްދޭން ޖެހޭނޭ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އީރާނަށް މަރުހަބާ ކިޔާ ކަމަށާއި، އެކަމަކު އައިއާރުޖީސީ އާ ގުޅުންހުރި އެއްވެސް މީހަކު އެމެރިކާއަށް އެތެރެވިޔަ ނުދޭނެ ކަމަށެވެ.
މި މައްސަލަތަކުގެ ތެރެއިން ވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އީރާނުން މުބާރާތުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ތާވަލު ކުރެވިފައިވާ ގޮތުން އީރާނުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލޭންޑާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 21 ގައި ބެލްޖިއަމްއާ އަދި ޖޫން 26 ގައި މިސްރާ ދެކޮޅަށް އީރާނުން ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާ ކެނެޑާ އަދި މެކްސިކޯގައި ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ކަޕް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 11 ގައެވެ.