ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އެހެން ގައުމުތަކުގެ ވިޔަފާރި ބޯޓުފަހަރު ރައްކާތެރިކަމާއެކު އެ ސަރަހައްދުން ނެރުމަށްޓަކައި، އެމެރިކާއިން ފެށި "ޕްރޮޖެކްޓް ފްރީޑަމް"ގެ އަސްކަރީ އޮޕަރޭޝަން ހުއްޓާލާލައިފިއެވެ.
އޮޕަރޭޝަން ހުއްޓާލިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ޓްރަތް ސޯޝަލް މީޑިއާގައި އިއުލާނުކުރައްވާފައެވެ.
އެކަން އެގޮތަށް ނިންމީ އީރާނާއި އެމެރިކާ ހަނގުރާމަ ނިމުމަމަކަށް ގެނައުމަށް ކުރާ ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިވާ ޕާކިސްތާނާއި އެހެން ގައުމުތަކުގެ އެދުމުގެ މަތިން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އަދި މިއީ އީރާނުގެ މަންދޫބުންނާ އެކު "ފުރިހަމަ އަދި އެންމެ ފަހު އެއްބަސްވުމަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމުގެ ހަގީގަތް" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެފަރާތުން އެއްބަސްވެފައި އޮތީ، ބްލޮކޭޑް ދެމިއޮތް ނަމަވެސް ، "ޕްރޮޖެކްޓް ފްރީޑަމް" (ސްޓްރޭޓް އޮފް ހޮރްމުޒް ތެރެއިން ބޯޓު ދަތުރުކުރުން) ކުރު މުއްދަތަކަށް މަޑުޖައްސާލައިގެން އެއްބަސްވުން ފައިނަލްކޮށް ސޮއިކުރެވޭނެތޯ ނުވަތަ ނޫންތޯ ބަލަން." ޓްރަމްޕް ލިޔުއްވާފައިވެއެވެ.
އެކަމާ ގުޅިގެން އީރާނުން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
ޓްރަމްޕް މިގޮތަށް އިއުލާން ކުރެއްވީ ގަލްފުގައި ހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ކަނޑުއޮޅިން ދަތުރުކުރި އީރާނުގެ ހަ ބޯޓަށް ހަމަލާދީ ނައްތާލާފައިވާ ކަަމަށް އެެމެރިކާއިން ބުނެފައިވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ އަށް ވަނީ ހަމަލާ އަމާޒުވެފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
ނަމަވެސް މި ދެކަންވެސް އީރާނުން ދޮގުކުރެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ވަނީ އީރާނުގެ ކޮންޓްރޯލް ފުޅާކޮށްފައިވާ ސަރަހައްދެއް ހިމެނޭ ގޮތަށް ކަނޑުއޮޅީގެ އާ މެޕެއް ނެރެފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި 'އޮޕަރޭޝަން އެޕިކް ފިއުރީ' ނިންމާލާފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯވެސް ވަނީ ވިދާޅުވެފައެވެ. އަދި އެމެރިކާއިން އިސްވެ ހަމަލާ ނުދޭނެ ކަމަށާއި ހަމަލާ ދީފިނަމަ ރައްދު ދޭނެ ކަމަށް ރޫބިއޯ ވިދާޅުވިއެވެ.
"ސްޓްރޭޓްސް އޮފް ހުރްމުޒް އަކީ އީރާނަށް ނިސްބަތްވާ ތަނެއް ނޫން. އެތަން ބަންދުކޮށް މައިން އެޅުމުގެ ހައްގެއް އެމީހުންނަށް ނެތް." ރޫބިއޯ ވިދާޅުވިއެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ މެރިޓައިމް ޗޮކްޕޮއިންޓް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އެ ގައުމާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ބަންދުކޮށްފައެވެ.
ދެ ގައުމުގެ ދެމެދުގައި ހަމަލާތައް މެދުކަނޑާލަން މިދިޔަ މަހުގެ އަށް ވަނަ ދުވަހު ނިންމި ފަހުން އެެމެރިކާއިންވެސް ވަނީ ކަނޑުއޮޅިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓުތަކަށް ހުރަސް އަޅަން ފަށާފައެވެ.
ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން ހަަކަތައާއި ގަސްކާނާގެ އަގުވެސް އިންތިހާއަށް އުުފުލި ދުނިޔެ މިހާރު އޮތީ ކާބޯތަކެތީގެ ކުއްލި ނުރައްކަލުގެ ހާލަތު އުފެދިދާނެ ކަމުގެ ބިރު ހީވެފައެވެ.