ފިލްމީ ދާއިރާއަށް ތައާރަފުވާ ކަޕޫރު އާއިލާގެ އެންމެ ދޮށީ ފަންނާނަކަށް ރިދިމާ

ބަތަލާ ރިދިމާ ކަޕޫރު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި އަންނަ ހުކުރު ދުވަހު ސިނަމާތަކަށް އަންނަ ފިލްމު "ދާދީ ކީ ޝާދީ"އާ އެކު ކަޕޫރު ޚާންދާނުން ފިލްމީ ދާއިރާއަށް ތައާރަފްވާ އެ އާއިލާގެ އެންމެ ދޮށީ މެމްބަރަކަށް ރިދިމީ ކަޕޫރު ވެއްޖެއެވެ.

ކުރީގެ އެކްޓަރު އަދި ބައްޕަ ރިޝީ ކަޕޫރު މަރުވިތާ ފަސް އަހަރު ފަހުން ފިލްމީ ކެރިއަރު ފަށަން ތައްޔާރުވެފައިވާ ރިދިމާ ބުނިގޮތުގައި، މިއީ އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ދަނޑިވަޅެއް ކަމަށެވެ. ހަޔާތުގެ މިހާ މުހިއްމު ވަގުތެއްގައި ކައިރީގައި ބައްޕަ ނެތުމުގެ އިހުސާސް ވަރަށް ބޮޑަށް ކުރުވާ ކަމަށާއި ނަމަވެސް ބައްޕަ ރިޝީގެ ހެޔޮ ދުއާ އަބަދުވެސް އޭނާއާ އެކު ވާނެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އުމުރުން 45 އަހަރުގެ ރިދިމާ ވަނީ ބުނެފައެވެ.

ރިދީމާ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ފިލްމު "ދާދީ ކީ ޝާދީ" ކުޅުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުމުރުގެ މި ހިސާބުން މުޅިން އާ ދާއިރާއަކަށް ވަނުމެވެ. ނަމަވެސް އޭނާ ހުރީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މީގެ ކުރިން އޭނާ ވަނީ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ރިއަލިޓީ ޝޯއިން ކެމެރާގެ ކުރިމައްޗަށް އަހުލުވެރިވެފައެވެ. މި ފިލްމުގައި ރިދީމާއާ އެކު އޭނާގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ނީތޫ ކަޕޫރު ވެސް މުހިއްމު ރޯލަކުން ފެންނާނެއެވެ.

"މަންމައާއެކު މަސައްކަތް ކުރުމަކީ ވަރަށް ޚާއްޞަ ކަމެއް. މަންމަގެ އެކްޓިންގް ހުނަރަކީ ވަރަށް އާދަޔާ ޚިލާފު ކަމެއްކަން އަހަންނަށް މި ފިލްމުގެ ސެޓުން އެނގުނު" ރިދީމާ ބުނެފައިވެއެވެ.

ކަޕޫރު ޚާންދާނުގައި މާޒީގައި ކަންކަން ހިނގައިދިޔަގޮތަށް ބަލާއިރު ކައިވެންޏަށްފަހު އަންހެނުން ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ އާއްމުކަމެއް ނޫނެވެ.

ރިދިމާ ފިލްމީ ތަރިން ކަމަށްވާ ކަރިސްމާ އަދި ކަރީނާއާ އެކު--ފޮޓޯ/އެންޑީޓީވީ

އޭގެ އެންމެ ބޮޑު ހެއްކަކީ ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ނީތޫ ކަޕޫރު، ބަބީތާ ކަޕޫރު އަދި ގީތާ ބާލީ ފަދަ ތަރިން ކައިވެންޏަށް ފަހު ފިލްމީ މަސައްކަތްތަކާ ދުރުވުމެވެ.

ނަމަވެސް އެކަން ފަހުން ބަދަލުކޮށްލި އެކަކީ ގީތާ ބާލީއެވެ. ގީތާ ބާލީ ވަނީ ކައިވެންޏަށްފަހު ދެ ކުދިން ލިބުނުފަހުން ވެސް އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް ފިލްމީ މަސައްކަތްތަކުގައި ދެމިހުރެފައެވެ. ފަހުން އޭނާގެ ފިލްމީ ކެރިއަރު ހުއްޓުވުމަކަށް ގެނައީ އާއިލީ އެއްވެސް ފިއްތުމަކުން ނޫނެވެ.

ނީތޫ ކަޕޫރު މީގެ ދެ އަހަރު ކުރިން ބުނެފައިވާ ގޮތުގައި، އޭނާ ފިލްމީ ދާއިރާ ދޫކޮށްލީ އަމިއްލަ އިޚްތިޔާރުގައެވެ. އޭނާގެ ފިރިމީހާ ރިޝީ ކަޕޫރަކީ ވަރަށް "ޕޮޒެސިވް" މީހަކަށް ވުމުން، އަބަދުވެސް އަނބިމީހާ ގާތުގައި ހުރުމަށް އެދޭތީ އެ ނިންމުން ނިންމީ ކަމަށް ނީތޫ ބުނެފައިވެއެވެ.

ރިދިމާ އަދި ނީތޫ ކުރީގެ އެކްޓަރު ރިޝީ ކަޕޫރާ އެކު--ފޮޓޯ/އެންޑީޓީވީ

ނަމަވެސް، ކަޕޫރު އާއިލާގެ ތާރީޚަށް ބަލާއިރު، އެ އާއިލާގެ އަންހެން ކުދިންނާއި ޅީދަރިން ކައިވެންޏަށްފަހު ގޭގައި މަޑުކުރުމަކީ އޭރު އޮތް ނުލިޔެވި އޮތް ޤަވާއިދެކެވެ. ރާޖް ކަޕޫރުގެ ދެ އަންހެން ކުދިން ކަމަށްވާ ރީމާ ޖެއިން އާއި ރީތޫ ނަންދާ ވެސް ފިލްމީ ދާއިރާއަށް ވަނުމުގެ ބަދަލުގައި އިޚްތިޔާރު ކުރީ އާއިލީ ދިރިއުޅުމެވެ.

ރިޝީގެ ހަޔާތުނާމާ "ޚުައްލަމް ޚުައްލާ"ގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިދީމާ ފިލްމީ ދާއިރާއަށް ވަންނަން އުޅުނުނަމަ ރިޝީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހެދީހެވެ. އެއީ އޭނާގެ ދަރިފުޅު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން، ފިލްމީ ދުނިޔޭގެ ނޭދެވޭ އަސަރުތަކުން ދަރިފުޅު ރައްކާތެރިކުރުމުގެ ގޮތުންނެވެ. ބައްޕަގެ ހިތްހަމަޖެހުމަށްޓަކައި ރިދީމާ ދުވަހަކު ވެސް އެކަމަށް މަސައްކަތެއް ނުކުރާ ކަމަށް ނީތޫ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ރިދިމާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ފިލްމީ ދާއިރާއަށް ނުކުތުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ކޮއްކޮ ރަންބީރު ކަޕޫރުގެ ފަރާތުން ކަމަށެވެ. އަދި އެކަމަށް މަގުކޮށައިދިނުމުގައި އެންމެ ބޮޑަށް އެހީތެރިވެދިނީ ކާމިޔާބު ފިލްމީ ތަރިން ކަމަށްވާ، ރިދިމާގެ ދެބެއިންގެ ދެދަރި ކަރީނާ ކަޕޫރާއި ކަރިސްމާ ކަޕޫރު ކަމަށް ރިދިމާ ވަނީ ބުނެފައެވެ.

comment ކޮމެންޓް