މި އަހަރުގެ 'މެޓް ގާލާ'ގައި އިޝާ 200 އަށްވުރެ ގިނަ އަލިމަސް ހަރުކޮށްފައިވާ ހާއްސަ ހެދުމެއްގައި

އޭޝިއާގެ އެންމެ މުއްސަނދި އަމްބާނީ އާއިލާއަށް ނިސްބަތްވާ އިޝާ އަމްބާނީ--ފޮޓޯ/ދަގާޑިއަން

އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ބޭއްވި މި އަހަރުގެ 'މެޓް ގާލާ"ގައި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އިޝާ އަމްބާނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ފެޝަން ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ މި ބޮޑު އިވެންޓުގައި އިޝާ ފެނިލީ މަޝްހޫރު ފެޝަން ޑިޒައިނަރު ގޯރަވް ގުޕްތާ ފަރުމާކޮށްފައިވާ، 200 އަށްވުރެ ގިނަ އަލިމަސް ހަރުކޮށްފައިވާ ހާއްސަ ހެދުމެއްގައެވެ.

ރަނުގެ ރޮދިން ވިޔެފައިވާ މި ސާޅީއަކީ 'ސްވަދޭޝް'ގެ ފަންނީ މަސައްކަތާއި 'ޕިޗްވައި' ކުރެހުންތައް އެކުލެވޭ، ނީތާ އަމްބާނީގެ އަމިއްލަ ގަހަނާތަކުން ޒީނަތްތެރިކޮށްފައިވާ ފުރިހަމަ ފަރުމާއެކެވެ. މި ހެދުން ސްޓައިލްކޮށްދިނީ މަޝްހޫރު ސްޓައިލިސްޓް އަނައިތާ ޝްރޮފް އަދަޖާނިއާއެވެ.

'މެޓް ގާލާ'ގައި ބައިވެރިވި އިންޑިއާގެ ފަންނާނުންގެތެރެއިން ކަރަން ޖޯހަރު، ޕްރިންސެންސް ގައުރަވީ ކުމާރީ އަދި މަނީޝް މަލްހޯތުރާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މީގެކުރިންވެސް 'މެޓް ގާލާ' އިވެންޓުގައި ބައިވެރިވެފައިވާ ޒުވާން ވިޔަފާރިވެރިޔާ ވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ފެޝަން ސްޓޭޖުގައި އިންޑިއާގެ ފެޝަން ދުނިޔޭގައި ހުރި ހުނަރުވެރިކަން އަނެއްކާވެސް ވަރަށް ފުރިހަމައަށް ދައްކާލާފައި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އިޝާ 'މެޓް ގާލާ'ގައި އަޅައިގެންހުރި މި ސާޅީ ފަރުމާކުރުމުގައި އިންޑިއާގެ ގަދީމީ ކުރެހުންތަކުގެ އަސަރުތައް ބޭނުންކޮށްފައިވާއިރު، ސާޅީގެ ބޯޑަރުގައި ވަނީ އަތުން ކުރަހާފައިވާ 'ޕިޗްވައި' މޮޓިފްތަކެވެ.

ގުދުރަތީ ކުލަތަކުން ފަވާފައިވާ މި ސާޅީ އިތުރަށް ފުރިހަމަކޮށްދެނީ ޒަރުދޯޒީ އާއި އާރީ މަސައްކަތް ފަދަ އަތްތެރި އެމްބްރޮއިޑަރީގެ ފަރުމާތަކުންނެވެ. ފަންސާހަށް އަށްވުރެ ގިނަ މަސައްކަތްތެރިން ގުޅިގެން މި ހެދުން ފަރުމާކުރުމަށް 1,200 އަށްވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވެއެވެ.

ހެދުމުގެ މަތީބައި (ބޮޑިސް) ފަރުމާކޮށްފައި ވަނީ މުޅިންވެސް އަލިމަހާއި މެޓަލިކް ޒަރުދޯޒީ މަސައްކަތުންނެވެ. ނީތާ އަމްބާނީގެ ތަސައްވުރާ އެއްގޮތަށް، ޑިޒައިނަރު އަނައިތާ ގުޅިގެން ތައްޔާރުކުރި މި ބައި ފަރުމާކުރީ އާއިލާގެ އަމިއްލަ އަލިމަސްތައް ހެދުމުގައި ބޭނުންކުރުމުގެ މަގްސަދުގައެވެ.

ނީތާ އަމްބާނީގެ އަމިއްލަ ކަލެކްޝަނުން ނަގާފައިވާ 200 އަށްވުރެ ގިނަ އަގުބޮޑު 'އޯލްޑް މައިން-ކަޓް' އަލިމަސް މި ހެދުމުގައި އަތުން ހަރުކޮށްފައިވެއެވެ.

މީގެ އިތުރުން، އިޝާ ކަރުގައި އަޅާފައި ވަނީ ޖުމްލަ 250 ކެރަޓަށްވުރެ ބަރު ދެ އަލިމަސް ފަށެވެ. އަދި އަތުގަޔާއި އާއި އުނަގަނޑުގައި އަލިމަހުގެ ބެލްޓެއް ބޭނުންކޮށްގެން ސާޅީގެ ފުރިހަމަކަން އިތުރުކޮށްދީފައިވެއެވެ.

ކުޅަދާނަ ސެލެބްރިޓީ ޑިޒައިނަރު އަނައިތާ ވަނީ އިޝާގެ އިސްތަށިގަނޑު ޒީނަތްތެރިކުރުމަށް އިންޑިއާގެ ސަގާފީ މަލެއް ކަމަށްވާ 'މޮގްރާ' މަލާ ދާދި އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ހާއްސަ ގަހަނާއެއް ބޭނުންކޮށްފައެވެ.

ބްރުކްލިންއަށް ނިސްބަތްވާ އާޓިސްޓް ސޯރަބް ގުޕްތާ، ކަރުދާހާއި ރަތުލޯ އަދި ލޯ ބޭނުންކޮށްގެން މި މާވަކަރުތައް އަތުން ތައްޔާރުކުރުމަށް 150 އަށްވުރެ ގިނަ ގަޑިއިރު ހޭދަކުރިއެވެ. މި ލުކް އެންމެ ފަހުން ފުރިހަމަކޮށްދިނީ ސުބޯދް ގުޕްތާ ފަރުމާކޮށްފައިވާ އަނބެއްގެ ސިފައަށް އިން އަތްދަބަހަކުންނެވެ.

އިޝާގެ އިތުރުން މި އަހަރުގެ 'މެޓް ގާލާ'ގައި ބައިވެރިވި އިންޑިއާގެ ފަންނާނުންގެތެރޭ ހިންދީ ސިނަމާގެ އެންމެ ނުފޫޒުގަދަ ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ، ކަރަން ޖޯހަރު، ޕްރިންސެންސް ގައުރަވީ ކުމާރީ، މަނީޝް މަލްހޯތުރާ، މޯނާ ޕަޓޭލް، ނަތާޝާ ޕޫނާވައްލާ، އަދި ވިޔަފާރިވެރިން ކަމަށްވާ އަނަންޔާ ބިރްލާގެ އިތުރުން ސުދާ ރެޑީ ހިމެނެއެވެ.

comment ކޮމެންޓް