އީރާނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނުމާ ގުޅިގެން ތެލުގެ އަގު ހަ ޕަސަންޓަށް އުފުލިއްޖެއެވެ.
މިއީ އޭޕްރީލް މަހުގެ ކުރީކޮޅު އެމެރިކާ އާއި އީރާނުގެ ހަނގުރާމަ މެދުކަނޑާލުމަށް އަމަލުކުރަން ފެށި ފަހުން ތެލުގެ އަގު މިވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ބައިނަލްއަގުވާމީ ބެންޗްމާކެއް ކަމަށްވާ ބްރެންޓް ކްރޫޑް އޮއިލް، 6.3 ޕަސަންޓް އިތުރުވެ ފީފާއެއްގެ އަގު މިހާރު ވަނީ 114.96 ޑޮލަރަށް އުފުލިފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑް އޮއިލް، 4.2 ޕަސަންޓަށް އުފުލި ތެޔޮ ފީފާއެއް 106.17 ޑޮލަރަށް ވަނީ އުފުލިފައެވެ.
ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އެހެން ގައުމުތަކުގެ ވިޔަފާރި ބޯޓުފަހަރު ރައްކާތެރިކަމާއެކު އެ ސަރަހައްދުން ނެރުމަށްޓަކައި، އެމެރިކާއިން "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާއިރު، އިރާނުގެ ހަ ބޯޓެއް ފައްތާލައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި އާގު ބޯޓުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލާއި ޑްރޯންތަކެއް ވެސް ވައްޓާލާފައި ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ.
ނަމަވެސް އީރާނުން ވަނީ އެ ބޯޓުތައް ފައްތާލިކަން ދޮގުކޮށްފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ނޭވީން ނެރުނު މެޕެއްގައި ވަނީ ހުުރްމުޒް ކަނޑުއޮޅި ކައިރިން އީރާނުން ކޮންޓްރޯލްކުރާ ސަރަހައްދުތައް ފުޅާކޮށް ޔޫއޭއީގެ ފުޖައިރާ އާއި ޚޯރުފައްކާންގެ ބަނދަރުތަކުގެ އިތުރުން ޔޫއޭއީގެ އުމް އަލް ކުވައިންގެ އައްސޭރިފަށްވެސް ހިމަަނާފައެވެ.
ދެކުނު ކޮރެއާގެ ބޯޓެއް ހިމެނޭ ގޮތަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގަލްފް ސަރަހައްދުގެ ހަތަރު ބޯޓަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެެއެވެ. އަބޫ ދާބީގެ ދައުލަތުގެ ތެޔޮ ކުންފުނި، އެޑްނޮކްގެ ތެޔޮ ޓޭންކަރަކަށް އީރާނުން ކަނޑުއޮޅީގައި ހަަމަލާދީފައިވާ ކަމަށް އަބޫދާބީން ތުހުމަތުކުރާއިރު، ދުބާއީގެ އުތުރުން ގާތްގަނޑަކަށް 36 ނޯޓިކަލް މޭލު ދުރުގައި އޮތް މުދާ އުފުލާ ބޯޓެއްގައި ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް, ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެއެވެ.
ތެލުގެ އަގު އުފުލެމުން އަންނައިރު، ޔޫއޭއީއިން މިދިޔަ ހަފްތާ ވަނީ އޮގަނައިޒޭޝަން ފޯ ޕެޓްރޯލިއަމް ކަންޓްރިޒް (އޯޕެކް) އިން ވަކިވެފައެވެ.
ތެލުގެ ދަތިކަން ކުޑަ ކުރުމަށް އޯޕެކް އާއި އޯޕެކް+ގެ ގައުމުތަކުން ވަނީ އަންނަ ޖޫން މަހުން ފެށިގެން ދުވާލަކު 188،000 ފީފާގެ ތެޔޮ އުފެއްދުމަށް އަމާޒު ހިފާފައެވެ. މިއީ ތެޔޮ އުފައްދާ މިންވަރު އެ ޖަމިއްޔާއިން އިތުރު ކުރާތާ ވިދިވިދިގެން ތިން ވަނަ މަހެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ބާޒާރަށް ފަސްބައިކުޅަ އެއްބައި ތެޔޮ ފޯރުކޮށްދޭ މުހިންމު ކަނޑުއޮޅިއެވެ. މާޗް 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދިޔަ ހަަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅާފައެވެ. އޭގެފަހުން އެމެރިކާއިންވެސް ވަނީ ކަނޑުއޮޅި ބަންދުކޮށް އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުންނަށް އުޅަނދުތަކަށް ހުރަސް އަޅަން ފަށާފައެވެ. އެހެންވެ ތެލުގެ ސަޕްލައިއަށް ބުރޫއަރައި ތެލުގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.