އީބޭ ގަތުމަށް ގޭމްސްޓޮޕުން 56 ބިލިއަން ޑޮލަރުގެ ބޮޑު ހުށަހެޅުމެއް ހުށަހަޅައިފި

ގޭމްސްޓޮޕުން އީބޭގެ ކޮންމެ ހިއްސާއަކަށް 125 ޑޮލަރު ވަނީ ހުށަހަޅާފައި ---

އޮންލައިންކޮށް މުދާ ގަނެވިއްކާ މަޝްހޫރު ކުންފުނި އީބޭ ގަތުމަށް، ވީޑިއޯ ގޭމް ރީޓެއިލް ކުރާ ގޭމްސްޓޮޕުން 56 ބިލިއަން ޑޮލަރުގެ ބޮޑު ހުށަހެޅުމެއް މިދިޔަ އާދީއްތަ ދުވަހު ހުށަހަޅައިފިއެވެ.

ނަގުދު ފައިސާ އާއި ހިއްސާ ހިމެނޭ މި މުއާމަލާތާ މެދު އީބޭގެ ބޯޑުން ރުހުން ނުދީފި ނަމަ، ސީދާ ހިއްސާދާރުންގެ އެހީގައި ކުންފުނި ހޯދުމަށް "ހޮސްޓައިލް ބިޑެއް" ކުރިއަށް ގެންދަން ތައްޔާރަށް ހުރި ކަމަށް ގޭމްސްޓޮޕްގެ ސީއީއޯ ރަޔަން ކޯހަން ވަނީ ވިދާޅުވެފައެވެ.

ގޭމްސްޓޮޕުން އީބޭގެ ކޮންމެ ހިއްސާއަކަށް 125 ޑޮލަރު ހުށަހަޅާފައިވާއިރު، މިއީ މިދިޔަ ހުކުރު ދުވަހު ބާޒާރުގައި އީބޭގެ ހިއްސާ ބަންދުވި އަގަށްވުރެ 20 އިންސައްތަ އިތުރު އަދަދެކެވެ. މި މުއާމަލާތުގެ ދެބައިކުޅަ އެއްބައި ނަގުދު ފައިސާއިން އަދި އަނެއް ބައި ހިއްސާގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

https://sun.mv/41916

އީބޭގެ މާކެޓް އަގު ގޭމްސްޓޮޕަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނަ ބޮޑުވުމުން، މިއީ ވަރަށް ކެރޭ އަދި އާދަޔާ ހިލާފު ހުށަހެޅުމެއްގެ ގޮތުގައި މާލީ ދާއިރާގެ މާހިރުން ސިފަކުރެއެވެ. ގޭމްސްޓޮޕުން މިހާރުވެސް ވަނީ ހިއްސާ އާއި ޑެރިވެޓިވްސް މެދުވެރިކޮށް އީބޭގެ ފަސް އިންސައްތަ ހިއްސާ ކޮންޓްރޯލް ކުރަން ފަށާފައެވެ.

ރަޔަން ކޯހަން ވިދާޅުވި ގޮތުގައި އީބޭ އާއި ގޭމްސްޓޮޕް އެއްކޮށްލުމަކީ އެމެޒޯނާ ވާދަކުރެވޭނެ ފަދަ ވަރުގަދަ ވިޔަފާރިއެއް އުފެދިގެންދާނެ ކަމެކެވެ. މި ބަދަލާއެކު، އީބޭގެ ހިންގުމުގެ ޚަރަދުން އަހަރަކު ދެ ބިލިއަން ޑޮލަރު ކުޑަކުރެވޭނެ ކަމަށާއި، މީގެ ސަބަބުން ކުންފުނީގެ ފައިދާ ބޮޑުތަނުން އިތުރުވާނެ ކަމަށް އޭނާ ލަފާކުރެއެވެ.

މި މުއާމަލާތުގެ ދަށުން، އެމެރިކާގެ އެކި ހިސާބުތަކުގައި ހުރި ގޭމްސްޓޮޕްގެ 1,600 ފިހާރަ، އީބޭގެ މުދާ އިންސްޕެކްޓް ކުރުމަށާއި، މުދާ ފޮނުވުމަށާއި، އަދި ލައިވް ކޮމާސްގެ މަސައްކަތްތަކަށް ބޭނުންކުރެވޭނެ ކަމަށް ކޯހަން ވިދާޅުވިއެވެ. މިއީ އީބޭގެ ވިޔަފާރި މިހާރަށްވުރެ ފުޅާކޮށް، އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ އަގުހުރި ކުންފުންޏަކަށް ހެދުމަށް ކުރާ މަސައްކަތެކެވެ.

މި ބޮޑު މުއާމަލާތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޓީޑީ ބޭންކުގެ ސަބްސިޑިއަރީއެއް ކަމަށްވާ ޓީޑީ ސެކިއުރިޓީޒް އިން 20 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ގޭމްސްޓޮޕްގެ އަތުގައި ހުރި 9.4 ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި، ބޭރުގެ އިންވެސްޓަރުންނާއި މެދުއިރުމަތީގެ ސޮވެރިން ވެލްތު ފަންޑުތަކުގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ ރާވާފައެވެ.

ގޭމްސްޓޮޕަކީ 2021 ވަނަ އަހަރު އާންމު އިންވެސްޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައި، "މީމް ސްޓޮކް" އެއްގެ ގޮތުގައި މަޝްހޫރުވި ކުންފުންޏެކެވެ. ކުންފުނީގެ ވިޔަފާރި އޮންލައިން މޮޑެލްއަކަށް ބަދަލުކޮށް، ޚަރަދުތައް ކުޑަކުރުމަށް ކޯހަން ކުރި މަސައްކަތުން ކުންފުނި ވަނީ އަލުން ފައިދާވާ ހާލަތަކަށް ގެނެސްފައެވެ.

އީބޭއިން މި ހުށަހެޅުމާ ގުޅޭގޮތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ގޭމްސްޓޮޕްގެ މާކެޓް އަގަކީ 12 ބިލިއަން ޑޮލަރެވެ. އަދި އީބޭގެ މާކެޓް އަގަކީ 46 ބިލިއަން ޑޮލަރެވެ.

މި އަހަރުގެ ތެރޭގައި ގޭމްސްޓޮޕްގެ ހިއްސާގެ އަގު 32.1 އިންސައްތަ ކުރިއަށް ޖެހިފައިވާއިރު، އީބޭގެ ހިއްސާގެ އަގު ވަނީ 19.5 އިންސައްތަ މައްޗަށް ގޮސްފައެވެ.

comment ކޮމެންޓް