އީބޭ ހެކްކޮށްފައިވާތީ ޕާސްވާޑްތައް ބަދަލުކުރުމަށް އިލްތިމާސްކޮށްފި

ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރަމުން އަންނަ އީ-ކޮމާސް ވެބްސައިޓެއް ކަމަށްވާ އީބޭ ހެކްކޮށްފައިވާތީ އެ ވެބްސައިޓްގައި އެކައުޓްތައް ހުޅުވާފައިވާ ފަރާތްތަކުން ޕާސްވާޑްތައް ބަދަލުކުރުމަށް އީބޭއިން އިލްތިމާސްކޮށްފިއެވެ.

އީބޭގެ ކޯޕަރޭޓް ޑެޓާބޭސް ހެކްކޮށްފައިވާ ކަމަށައި، އީބޭގެ ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުގެ ޕާސްވާޑްތައް ރައްކާކޮށްފައިވާ ހިސާބަށް އެމީހުންނަށް ވަދެވިފައިވާ ކަމަށް، އީބޭއިން މިއަދު އާއްމުކުރި ބަޔާނެއްގައި ވެއެވެ. އަދި އީބޭގައި އެކައުންޓްތައް ހުޅުވާފައިވާ ހުރިހާ ފަރާތްތަކުން އެކައުންޓްތަކުގެ ޕާސްވާޑްތައް ބަދަލުކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވާކަމަށް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ސީނެޓް އިން ބުނެއެވެ.

އީބޭގެ ޑޭޓަބޭސް ހެކްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު، އަދި މާޗްމަހުގެ ކުރީކޮޅުގައިކަމަށް ވެއެވެ. އަދި ޚަބަރުތައް ބުނާގޮތުގައި އީބޭ ބޭނުންކުރާ ފަރާތްތަކުގެ ނަމާއި، ޕާސްވާޑް، އީމޭލް އެޑްރެސް، ދިރިއުޅޭ އެޑްރެސް، ފޯން ނަންބަރު އަދި އުފަންވީ ތާރީހު އެމީހުންވަނީ ހޯދައިގަނެފައެވެ.

އެހެންނަމަވެސް އީބޭ ބެނުންކުރާ ފަރާތްތަކުގެ މާލީ މައުލޫމާތު ނުވަތަ ފައިނޭންޝަލް އިންފޮމޭޝަން؛ އޭގެ ތެރޭގައި ބޭންކް އެކައުންޓް އަދި ކްރެޑިޓް ކާޑް ނަންބަރު ފަދަ މައުލޫމާތުތައް ރައްކާތެރިކުރެވިފައިވާ ކަމަށާއި، އެ މައުލޫމާތުތަކަށް އެއްވެސް ބިރެއް ނެތް ކަމަށް އީބޭ އިން ބުނެއެވެ. ޔަގީންކަމާ އެކު މިހެން ބުނެވެނީ، އީބޭގެ ސާވާތައް ޓެސްޓް ކުރުމަށްފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މާލީ މައުލޫމާތު ރައްކާ ކުރެވިފައިވަނީ ތަފާތު ދިފާއު ތަކަކާއެކު، އެހެނިހެން މައުލޫމާތުތަކާ ވަކިންކަމަށް އީބޭއިން ބުންޏެވެ.

އިންޓަނެޓް މެދުވެރިކޮށް ތަކެއްޗަށް ފައިސާ ދެއްކުމަށް ހާއްސަ ޕޭޕަލް އަކީ އީބޭގެ ކުންފުންޏެއް ކަމުގައި ވިޔަސް، އެ ކުންފުނީގައި ރައްކާ ކުރެވިފައިވާ އާއްމުންގެ ކްރެޑިޓްކާޑް އަދި އެހެނިހެން މާލީ މައުލޫމާތު ތަކަކީވެސް ވަކިން ރައްކާ ކުރެވިފައިވާ މައުލޫމާތު ކަމަށާއި، އެ މައުލޫމާތުތައް ރައްކާތެރިކަމާއެކު އެބަ ހުރި ކަމަށްވެސް އީބޭއިން ވަނީ ޔަގީންކޮށްދީފަ އެވެ.

އީބޭގެ ބަޔާން ނެރުމުގެ ކުރިން ޕޭޕަލް އިން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި “އީބޭ ބޭނުން ކުރާ ހުރިހާ ފަރާތްތަކެއްގެ ޕާސްވާޑް ބަދަލުކުރަން އަންގަނީ،” މިހެން ޖަހާފައިވާ ޕޯސްޓެއް، ޕޭޕަލްގެ ރަސްމީ ބްލޮގް ގައި ޝާއިއު ކޮށްފައެވެ. ނަމަވެސް އެ ޕޯސްޓްގައި އޮތީ ހަމަ އެކަނި ސުރުހީއެވެ. އަދި އިރުކޮޅެއް ފަހުން ޕޭޕަލް އިން ވަނީ އެ ޕޯސްޓް ނަގާފައެވެ.

އީބޭގެ ޑޭޓާބޭސް ހެކްކޮށްފައިވާ ކަމުގެ ޚަބަރުތަކާ އެކު ހިއްސާގެ ބާޒާރުގައި އީބޭގެ އަގު ވަނީ 1.73 އިންސައްތަ ދަށަށް ގޮސްފައެވެ.

މިއަދުން ފެށިގެން އީމެއިލް މެދުވެރިކޮށާއި، އީބޭގެ ވެބްސައިޓް މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުންވެސް އީބޭ ބޭނުންކުރާ ފަރާތްތަކުގެ ޕާސްވާޑް ބަދަލުކުމަށް އިލްތިމާސް ކުރަމުން ދާނެކަމަށް އީބޭއިން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު