އެމްޑިޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅޭގޮތުން ނެރެފައިވާ އިއުލާނާއި، އެ އިންތިޚާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ އިންތިޚާބާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕާޓީއަށް ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ކަމަށެވެ.
ޝާއިރު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވާއިދު ބުނާގޮތުން ހުށަހަޅާ ޝަކުވާތަކަށް 48 ގަޑިއިރު ތެރޭގައި ޖަވާބު ދޭންޖެހެއެވެ. ނަމަވެސް، އެ މުއްދަތު ފާއިތުވެ، 10 ދުވަސް ވެގެންދިޔައިރުވެސް ޕާޓީގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބިފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މި އެދެނީ އިންތިޚާބު ބާތިލުކުރާކަށް ނޫން. އެކަމަކު އިންތިޚާބަށް ކަނޑައަޅާފައިވާ ޓައިމްލައިން ބާތިލުކޮށްދިނުމަށް. އަޅުގަނޑުމެންގެ އަސްލު މައްސަލައަކީ އެ ޓައިމްލައިން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށްވުން،" ޝާއިރު ވިދާޅުވިއެވެ.
މި މައްސަލައިގައި ޝާއިރު ފާހަގަކުރެއްވި ކަމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ހަވާލާދީ، އިންތިޚާބުގެ ކަންކަން ރާވާ ހިންގުމާއި، ޓައިމްލައިން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ވީނަމަވެސް، އެ ބާރުގެ ބޭނުން މިހާރު ހިފަމުންދަނީ އެހެން ފަރާތްތަކަކުން ކަމަށް ވުމެވެ.
ޝާއިރު އިތުރަށް ވިދާޅުވީ، އިސްތިއުނާފު މަޖިލީހުގެ ރައީސްގެ ލަފަޔާއި އިރުޝާދެއް ނެތި ޓައިމްލައިން ކަނޑަނޭޅޭނެ ކަމަށެވެ. އަދި ޕާޓީގެ އެންމެ މަތީ ގާނޫނަކީ އަސާސީ ގަވާއިދު ކަމަށްވާއިރު، އެހެން ކޮންމެ ގަވާއިދަކަށްވުރެ އަސާސީ ގަވާއިދަށް އިސްކަންދޭން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަސާސީ ގަވާއިދަކީ ޕާޓީގެ 'ކޮންސްޓިޓިއުޝަން'. އެހެންވީމާ 'ސުޕްރެމަސީ އޮފް ކޮންސްޓިޓިއުޝަން' ގެ އުސޫލުން އަސާސީ ގަވާއިދާ ތައާރުޒުވާ އެއްވެސް ކަމެއް ނުކުރެވޭނެ. އިސްތިއުނާފު މަޖިލީހުގެ ރައީސް ޓައިމްލައިން ކަނޑައެޅުއްވުމުން، އެއާ އެއްގޮތަށް އިންތިޚާބު ބާއްވާނީ އިންތިޚާބީ ކޮމިޓީން،" ވަކީލު ތަފްސީލުކޮށްދެއްވިއެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ނަމަވެސް، އިސްތިއުނާފު މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީއަކަށް ޕާޓީގެ ޗެއާޕާސަންގެ ފަރާތުން ހުރަސް އަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޝާއިރު ވަނީ ތުހުމަތު ކުރައްވާފައެވެ.