ޑޮލަރު މާރުކުރުމާއި ބޭރު ފައިސާގެ މުއާމަލާތްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ހިންގަމުން އައި އެންމެ ބޮޑު އެއް ވައިބާ ގްރޫޕް ކަމަށްވާ 'ކަރަންސީ އެކްސްޗޭންޖް އެމްވީ' ވައިބާއިން ބްލޮކްކޮށްފިއެވެ.
ޖުމުލަ 10,000 އަށް ވުރެ ގިނަ މީހުން ހިމެނޭ މި ގްރޫޕް ބަންދުކޮށްފައިވަނީ ވައިބާގެ ޕަބްލިކް ކޮންޓެންޓް ގައިޑްލައިންތަކާ ހިލާފުވެގެން ކަމަށް އެ އެޕްލިކޭޝަނުން ދައްކާ މެސެޖުގައި ބުނެފައިވެއެވެ.
މި ގްރޫޕަކީ ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރު ދުވަހުން ދުވަހަށް އެންމެ ބޮޑަށް އެނގެން އޮންނަ އެއް ވަސީލަތެވެ. މި ގްރޫޕް މެދުވެރިކޮށް ކޮންމެ ދުވަހަކު އެތައް ލައްކަ ޑޮލަރެއްގެ މުއާމަލާތް ހިންގާކަން، އޭގައި މީހުން ޖަހާފައިވާ ޕޯސްޓްތަކުން އެނގެއެވެ.
މި ޕޯސްޓްތަކުގައި ޑޮލަރު ވިއްކާ އަދަދާއި އަގު ހުށަހަޅާއިރު، ޑޮލަރު ގަންނަން ބޭނުންވާ މީހުން އެ މީހުން ބޭނުންވާ އަގު ޖަހައި މެސެޖްކުރުމަށް އެދެމުންދެއެވެ.
ވައިބާއިން މިފަދަ ކޮމިއުނިޓީ ގްރޫޕްތައް ބަންދުކުރަނީ އާންމުކޮށް، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިންގާ ގްރޫޕްތަކާއި، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ގްރޫޕްތަކެވެ. ޑޮލަރުގެ މުއާމަލާތްތަކުގައި ބައެއް މީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، މިފަދަ ޝަކުވާތައް ކަމާބެހޭ ފަރާތްތަކަށް ލިބިފައި ހުރުން އެކަށީގެންވެއެވެ. އެހެންކަމުން މަރުކަޒީ ބޭންކް، އެމްއެމްއޭއާއި ފުލުހުން ހުށަހަޅައިގެން ވެސް ވައިބާއިން މިފަދަ ފިޔަވަޅެއް އަޅާފައި އޮވެދާނެ ކަމަށް ބެލެވެއެވެ.

ބްލޮކް ކުރި ވައިބާ ގްރޫޕުގެ ސްކްރީންޝޮޓެއް --- ފޮޓޯ/ ދައުރު
ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން އެ ފަދަ އިދާރާއަކުން ރަސްމީ ބަހެއް ނުބުނެއެވެ.
ރާއްޖޭގައި ބޭރު ފައިސާގެ ރަސްމީ މުއާމަލާތްތަކަށް ވުރެ ސޯޝަލް މީޑިއާގެ މިފަދަ ގްރޫޕްތަކުގެ ތެރެއިން ހިންގާ ވިޔަފާރި މާ ފުޅަލެވެ. 'ކަރަންސީ އެކްސްޗޭންޖް އެމްވީ'އަކީ މިހާތަނަށް ޑޮލަރުގެ ކަޅު ބާޒާރު ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނު އެއް ޕްލެޓްފޯމެވެ.
މި ގްރޫޕް ބްލޮކްކުރި ނަމަވެސް، ރާއްޖޭގެ ކަޅު ބާޒާރުގެ މުއާމަލާތްތަކަށް މުޅިން ނިމުމެއް ނާދެއެވެ. ބޭރު ފައިސާގެ މުއާމަލާތްތަކަށް ޚާއްސަކޮށްގެން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އަދިވެސް ގިނަ ގްރޫޕްތަކެއް ދަނީ ހިންގަމުންނެވެ.
މިފަދަ ގްރޫޕްތަކަކީ އެއްވެސް ރެގިއުލޭޓަރީ ބާރެއް ނެތި ހިންގާ ތަންތަން ކަމަށްވާތީ، އޭގެ ސަބަބުން މާލީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.