އީރާނުން ސުލްހައިގެ ހުށަހެޅުން ހުށަހަޅާފައިވަނިކޮށް ހަމަލާތައް އަލުން ފެށިދާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އީރާނާ ދެކޮޅަށް ހަމަލާތައް އަލުން ފަށާފާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި. ފޮޓޯ/އޭޕީ

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ނިމުމަަކަށް ގެނައުމަށް އީރާނުން އެންމެ ފަހުން ހުށަހެޅި 14 ނުކުތާގެ ހުށަހެޅުން މުރާޖާ ކުރަމުންދާ ކަމަށާއި އީރާނުން ގޯހެއް ހަދައިިފިނަމަ، އަނެއްކާވެސް ހަމަލާތައް ފަށައިފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އިއްޔެ ފްލޮރިޑާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އޭނާއަށް އީރާނުގެ ހުށަހެޅުން ލިބިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

"އެމީހުން ގޯސްކޮށް ކަމެއް ކޮށްފިނަމަ އެކަން ދިމާވުމުގެ ފުރުސަތު އެބައޮތް." ހަމަލާތައް އަލުން ފެށޭނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާ "ވަރަށް ރަނގަޅަށް ކުރިއަށްދާ" ކަމަށާއި އީރާނުން އޮތީ އެއްބަސްވުމަކަށް ކެތްމަދުވެފައި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ 14 ނުކުތާގެ ޕްލޭންގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް އުވާލުމާއި ހަނގުރާމައިގެ ބަދަލު ދިނުމާއި ފްރީޒްކޮށްފައިވާ ހުރިހާ މުދަލެއް ދޫކޮށްލުމަށް ހުށަހަޅާފައިވެއެވެ.

އަދި އެމީހުންގެ ސުލްހައިގެ ޝަރުތުތައް ފައިނަލް ކުރުމަށް 30 ދުވަހުގެ ވަގުތު ހޯދުމަށް ވެސް ހުށަހަޅާފައިވެއެވެ.

އީރާނުން އެ ހުށަހެޅުން ހުށަހަޅާފައި ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު ހަނގުރާމަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހުއްޓާލާފައި ބާއްވާފައިވަނިކޮށެވެ.

ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް އެމެރިކާއިން އެއްބަސްވުންތަކަށް އަމަލު ނުކުރާނަމަ ހަމަލާތައް އަލުން ފެށުމަށް ތައްޔާރަށް އޮތް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވެސް ވަނީ ބުނެފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ އީރާންގެ ބަނދަރުތަކަށް އަޅާފައި އޮތް ބްލޮކޭޑް އަކީ "ވަރަށް ފައިދާހުރި ވިޔަފާރިއެއް" ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ނުތަނަސްވަސްކަން ވަނީ އިތުރުވެފައެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަމަލާތައް ދޭން ފެށީ ފެބްރުއަރީ 28 ވަނަ ދުވަހެވެ. ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާ ސަރަހައްދުތަކަށް ޑްރޯނާއި މިސައިލް ހަމަލާދީފައެވެ.

comment ކޮމެންޓް