މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން އާއި ހިންދީ ސިނަމާގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު އެކީގައި ފެންނާނެ ފިލްމު "ޕެއްޑީ" މި އަހަރުގެ ޖޫން މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
ރާމްއާ އެކު ޖާންވީ ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ފިލްމު "ޕެއްޑީ" އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މި އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންމަވެސް އެ ތާރީޚަށް ބަދަލުތަކެއް ގެނައިއިރު ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީޚެއް އިއުލާނު ނުކުރެއެވެ.
ފިލްމު ގެނެސްދޭ މައިތްރީ މޫވީސްއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި "ޕެއްޑީ"ގެ އާ މޯޝަން ޕޯސްޓަރެއް ދައްކާލާފައިވާއިރު މި އަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ފިލްމު ބެލުުންތެރިންނަށް ގެނެސްދޭނެކަން ވަނީ އިއުލާނުކޮށްފައެވެ.
ޖާންވީ އާއި ރާމްގެ އިތުރުން މި ފިލްމުގެ ކާސްޓްގައި ދިވްޔެންޑޫ، ޝިވާ ރާޖްކުމާރު އަދި ޖަގަޕަތީ ބާބޫ ވެސް ހިމެނެއެވެ. މީގެ ޑައިރެކްޓަރަކީ ހުނަރުވެރި ތެލެގޫ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ އެވެ.

ރާމް ފިލްމު "ޕެއްޑީ"ގެ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ ތެލެގޫ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާމްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޖެނުއަރީގައި ގެނެސްދިން ޕޮލިޓިކަލް އެކްޝަން ފިލްމު "ގޭމް ޗޭންޖާ"އެވެ.
ފިލްމު "ޕެއްޑީ" އަކީ ޖާންވީގެ ކެރިއަރުގައި ބަތަލާ ކުޅޭ ދެކުނު އިންޑިއާގެ ސިނަމާގެ ދެ ވަނަ ފިލްމެވެ. ޖާންވީ އެންމެ ފުރަތަމަ ކުޅެފައިވާ ސައުތު ސިނަމާ ފިލްމަކީ، 2024 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދޭވަރާ: ޕާޓް 1"އެވެ. މި ފިލްމުގައި ޖާންވީއާ އެކު ލީޑް އެކްޓަރެއްގެ ގޮތުގައި ފެނުނީ ތެލުގީ ސިނަމާގެ ކުޅަދާނަ އެކްޓަރު އެންޓީއާރް ޖޫނިއައެވެ.